‘ވެލައިންޓައިންސް ޑޭ’ ފާހަގަ ނުކުރުމަށް ޝެއިޙް ފަރީދު ގޮވާލައްވައިފި

ޝެއިހް ފަރީދު ދަރުސް ދެނީ‘ވެލައިންޓައިންސް ޑޭ’ ފާހަގަ ނުކުރުމަށް ޝެއިޙް ފަރީދު ގޮވާލައްވައިފިއެވެ.ރާއްޖޭގެ މަޝްހޫރު ޝެއިހް އިބްރާހިމް ފަރީދު އަހްމަދު ‘ވެލައިންޓައިންސް ޑޭ ފާހަގަ ނުކުރުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ގޮވާލެއްވެވީ ރޭ އާޓިފިޝިއަލް ބީޗްގައި އޮތް ހާއްސަ ދަރުސްއެއްގައެވެ. އިސްލާމިކް ފައުންޑޭޝަން އިން އިންތިޒާމްކުރި މިދަރުސްގައި ޝެއިހް ފަރީދު ވާހަކަ ދައްކަވާފައިވަނީ ‘ލޯބިވީ މީހަކާ އެކު’ މިމައުޟޫއަށެވެ. ދަރުސް އަޑު އެހުމެއް އެއްވެ ތިބި އެތައް ހާސް މީހުންނާއި މުހާތަބުކޮށް ޝެއިހް ފަރީދު ވަނީ ‘ވެލައިންޓައިންސް ޑޭ’ އަކީ އިސްލާމުން ފާހަގަ ކުރުން ހެޔޮވާނޭ ދުވަހެއް ނޫން ކަމަށާއި އެއީ ކާފަރުންގެ ދުވަހެއް ކަމަށެވެ. މުސްލިމުން ލޯތްބާއި އަޚުވަންތަކަން އާލާކުރަން މާމަތިވެރި ދެ ދުވަހެއް މާތްﷲ ވަނީ ދެއްވާފައިވާ ކަމަށާއި އެއީ ދެ ޢީދު ކަމުގައިވެސް ޝެއިހްވަނީ ވިދާޅުވެފައެވެ.ގިނަ ބައެއް ޝައުގުވެރިކަމާއި އެކު އަޑު އެހި މިދަރުސްގައި ‘ވެލަންޓައިންސް ޑޭ’ ގެ ތާރީހަށް ވަނީ ބަލާލާފައެވެ. ޝެއިހް ފަރީދު ވިދާޅުވިގޮތުގައި ވެލައިންޓައިންސް ޑޭ ފާހަގަ ކުރެވެނީ ފާދިރީއެއްގެ ހަނދާނީ ދުވަހެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން މުސްލިމުންގެ ގޮތުގައި ތިބެ އެދުވަސް ފާހަގަކުރުން ހުއްދަ ނުވާނެކަމަށެވެ. ޖުމްލަކޮށް ދަރުސްގައި އަލިއަޅުވާލާފައިވަނީ ‘ހަގީގީ ލޯބީ’ގެ މައްޗަށެވެ. ޝެއިހް ވިދާޅުވިގޮތުގައި ‘މާތްﷲ އާއި ރަސޫލާ’ އަކީ މުސްލިމުން އެންމެ ލޯބިވާންވީ ދެފަރާތްކަމުގައެވެ. ދެން އެހެން ފަރާތްތައް އަންނާނީ އޭގެ ފަހުގައި ކަމަށެވެ.‘ވެލަންޓައިންސް ޑޭ’ ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ފިހާރަތަށް ދަނީ ވަރަށް ފޯރީގައި ތައްޔާރުވަމުންނެވެ. ބައެއް ފިހާރަތަކުގައި ‘ވެލަންޓައިންސް’ ކާޑުތަކާއި ޕްރެޒެންޓްތައް ލިބޭނެކަމުގައި އިޝްތިހާރުވަނީ ހަރުކޮށްފައެވެ. އަދި މާލޭގައި އެދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު އުމުރުގެ މީހުންދަނީ އެކި ޕްރޮގްރާމްތައް ރާވަމުންނެވެ.‘ވެލައިންޓައިންސް ޑޭ’ގެ ނަމުގައި ފާހަގަ ކުރާ މިދުވަސް ފާހަގަ ނުކުރުމަށް ތަކުރާރުކޮށް ޝެއިހް ފަރީދުވަނީ ގޮވާލައްވާފައެވެ.ލޯބިވެރިންގެ ދުވަހުގެ ހަގީގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ