ކުރީގެ މެމްބަރު ނަޝީދު ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް

ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު (ކާނަލް) ނަޝީދު ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލައްވައިފިއެވެ. 
މިއަދު މެންދުރު ބާރަގަޑި ސުންމިނިޓްގައި މުއްދަތު ހަމަވިއިރު، މުޙަންމަދު ނަޝީދު (ކާނަލް) ގެ އިތުރުން ރައީސްކަމަށް ކުރިމަތިލެއްވީ މިހާރުގެވެސް ރައީސް މުޙައްމަދު ރިޔާޒުއެވެ. ނައިބު ރައީސް އިލްޔާސް އަހުމަދު ވަހީދު ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާންކުރެއްވި ނަމަވެސް، މިފަހަރުވެސް އޭނާ ވާދަކުރައްވަނީ ނައިބު ރައީސް ކަމަށެވެ. މިދިޔަ ދެ އަހަރުވެސް ރައީސްކަމަށް ވާދަކުރެއްވި މުޙައްމަދު ޝާފީ މިފަހަރުވެސް ކުރިމަތިލާނެކަން އިއުލާންކުރިނަމަވެސް އޭނާވެސް ކުރިމަތިލާފައެއް ނުވެއެވެ.
ރައީސްކަމަށް ކުރިމަތިލެއްވުމަށްފަހު މުޙައްމަދު ނަޝީދު ވިދާޅުވީ ބޭނުންވެލައްވަނީ ސިޔާސީ ކަންތައްތަކުން ދުރުވެ، ކުޅިވަރަށް ހުސްވާންކަމަށެވެ. މިމަހުގެ 17 ވަނަ ދުވަހު އޮންނަ ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ވޮލީ ބޯޅަ އެެސޯސިއޭޝަނަށް ފޯމް ހުށައެޅުއްވުމަށްފަހު މުހައްމަދު ނަޝީދު ވިދާޅުވީ ވޮލީ ބޯޅަ އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވާނަމަ، އެސޯސިއޭޝަނަށް ބަދަލެއް ބޭނުންވާކަމަށެވެ. މަޤާމަށް ކުރިމަތިލެއްވީ މިހާރު ރާއްޖޭގައި ވޮލީ އޮތް ހިސާބުން، އެހެން ހަރުފަތަކަށް ގެންދެވޭނެކަމުގެ ޔަޤީންކަން އޮވެގެންކަމަށް ކާނަލް ވިދާޅުވިއެވެ. ވޮލީ ރާއްޖޭގައި ކުރިއެރުވުމަށް ވޮލީ ކުޅޭނެ ވަސީލަތްތައް ޤާއިމްކުރައްވައި، ރާއްޖޭއިން ބޭރުން ރަން މެޑެއްޔެއް ހޯދައިދިނުމަކީ ވަރަށް ބޮޑަށް އިސްކަންދެއްވާނެ އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ދެވަނަ ކުޅިވަރެއްގެ ގޮތުގައި މިއަދު ވޮލީ މިއޮތީ. އަޅުގަނޑުގެ މައިގަނޑު ވިސްނުމަކީ، ވޮލީ ބޯޅަ އެސޯސިއޭޝަނަށް ސަރުކާރުން މިހާރު އެބައޮތް ބިމެއް ދެއްވާފަ. އެބިމުގައި އިންޑޯ ސްޓޭޑިއަމެއް ތަރައްޤީކުރުން. އަދި ހަމަ ދާއިމީ ގޮތެއްގައި ވޮލީ ޤައުމީ ޕޫލެއް އެކުލަވާލެވި، ޤައުމީ ޓީމްތަަކަށް ޕްރެކްޓިސް ކުރެވޭނެ ގޮތް ހެދުން. އަދި މިވަގުތު ތަފާތު އެކި ސަބަބުތަކާހެދި ހުއްޓިފައިހުރި ވޮލީގެ ވައިޑީޕީގެ ޕްރޮގްރާމްތައް އަލުން ފެށުމަކީވެސް ވަރަށް މުހިންމުކަމެއް. އަދި އަތޮޅު ތެރޭގައި ޒޯންތަކަށް ބަހާލައިގެން މުބާރާތައް ކުރިއަށްގެންގޮސް، އަތޮޅު ތެރޭގައި ތިބި ހުނަރުވެރިކުދިން ދެނެގަތުމަކީވެސް ވަރަށް މުހިންމުކަމެއް." ނަޝީދު ބުންޏެވެ.
މުހައްމަދު ނަޝީދު ކާނަލް ވިދާޅުވީ އިންތިޚާބުގައި ކޮންމެ ނަތީޖާއެއް ނިކުތަސް ޤަބޫލު ކުރައްވާނެކަމަށާއި، ނަމަވެސް އިންސާފްވެރި އިންތިޙާބަކަށް މިއިންތިޚާބު ވެގެން ދިއުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ