ފުލުހުން އިއްޔެ ކުއްލި ގޮތަކަށް ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކޮއްކޯފުޅުގެ ގެ ބަލާ ފާސް ކުރުމާއި ބޮޑެތި ތުހުމަތުތަކެއްގައި އެމަނިކުފާނުގެ އަރިސް ތިން މީހަކު ހައްޔަރު ކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާން އުޅޭ ގޮތަކާ މެދު ތަފާތު ހިޔާލުތައް ފާޅުކޮށް ސުވާލު އުފައްދަމުންނެވެ. އެއް ބަޔަކު ކިޔަނީ ރައީސް މައުމޫންއަށް ބިރު ދައްކަނީ އެވެ. އަނެއް ބަޔަކު ބުނާ ގޮތުން ރައީސް މައުމޫން ހައްޔަރު ކުރަން އުޅެނީ އެވެ.
ވާން އުޅޭ އެއްޗެއް އެއްގޮތަކަށް ވެސް އޮޅުން ނުފިލާ، ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ރައީސް މައުމޫން ރޭ ވަނީ އާދަޔާ ހިލާފު ޓްވީޓެއް
ކުރައްވާ އެމަނިކުފާނު ރޭ ކަންބޮޑުވީ މައްސަލަ ހާމަ ކުރައްވާފަ އެވެ. މައުމޫންގެ ކަންބޮޑުވުން ހުރީ ރާއްޖެއަށް ރޭ ފެންނަން ހުރި ސުޕާ ބްލޫ ބްލަޑް މޫން ރަނގަޅަށް ބައްލަވާލައްވަން ލިބިވަޑައި ނުގަތުމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރޭ އުޑުމަތި ބަނަކޮށްފައި އޮތުމާ ގުޅިގެން ސުޕާ ބްލޫ ބްލަޑް މޫންއަށް ރަނގަޅަށް ބައްލަވައިލައްވަން އުނދަގޫވި ކަމަށެވެ. އަދި އެމަނިކުފާނަށް ހަނދު ފެނިވަޑައިގަތީ އެންމެ ފަހު 20 މިނެޓުގެ ތެރޭގައި ކަމަށާއި އެއި އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ރައިސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓް --
ހަނދު ނުފެނިގެން އެމަނިކުފާނުގެ ކަނބޮޑުވުން ހުރި މިންވަރު ޓްވިޓާގައި ފާޅު ކުރެއްވި އިރު، އިދިކޮޅު އެހެން ފަރާތްތަކުން ކަންބޮޑުވަނީ ރައީސް މައުމޫންގެ ސެކްރެޓްރީއެއްގެ ގޮތުގައި ހަރަކާތްތެރިވާ މުހައްމަދު އަޒްމް އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހިމް އަދި ރައީސް މައުމޫންގެ ޑްރައިވަރަށް ޓެރަރިޒަމްގެ ތުހުމަތުތައްކޮށް ހައްޔަރު ކުރުމާ ގުޅިގެނެވެ.
ހާއްސަކޮށް ނަޖްމާގެ އަށް މަސް ނުފުރޭ ތުއްތު ދަރިއެއް ހުރި އިރު އޭނާއަށް ބޮޑު ތުހުމަތެއްކޮށް ހައްޔަރުކޮށްފައި ހުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ވަކީލުންގެ އެދުމުގެ މަތިން މިހާރު އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އޭނާ އަށް ކުރާ ތުހުމަތުތަކާއި ހެކީގެ ގޮތުގައި ބުރުގަލަކާއި ފޯނެއް ހޯދާފައިވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކޮށް ތުހުމަތުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަމުންނެވެ.
އެ ތިން މުވައްޒަފުން ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން، ތިން މުވައްޒަފުންގެ މައްޗަށް ވެސް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތުގެ ފައިސާ ބަހައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތެވެ. ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ހައްޔަރުކުރީ އެ ތުހުމަތަށެވެ.
ނަމަވެސް އެއިން އެއްވެސް މައްސަލައަކަށް އިޝާރަތް ކުރައްވާ ރައީސް މައުމޫން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ރައީސް މައުމޫންގެ މި ޓްވިޓަށް ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ފާޑު ކިޔަމުން އައި ނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ އެމަނިކުފާނުގެ "ކޫލް" ކަމަށް ތައުރީފް ކުރަމުންނެވެ. އަދި ސަރުކާރުން ބިރު ދައްކަން މަސައްކަތް ކުރި ނަމަވެސް އެމަނިކުފާނު ހުންނެވީ ވަރުގަދަ ކަމާއެކުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ވެސް ފުލުހުން ވަނީ ރައީސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓަށް ވަނުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އޭރު ފުލުހުންގެ އަތުގައި އޮތް ކޯޓު އަމުރުގައި އެކަމަށް ބަޔާންކޮށްފައި ނެތުމުން ރައީސް މައުމޫން އެކަމަށް ހުރަސް އެޅުއްވި އެވެ.
އެ ދުވަހުން ފެށިގެން އެސްއޯ ފުލުހުން ގެންދިޔައީ އެންދެރިމާގެ ކައިރީ ފޯރިމަރަމުންނެވެ. ކޮންމެ ވަގުތެއްގައި ވެސް ދެ ފުލުހުން އެ ގޭ ދޮށުގައި ތިއްބަވަ އެވެ. އޭގެ ސަބަބު ހޯދުމަށް ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އިއްޔެ ސީޕީއަށް ސިޓީއެއް ވެސް ފޮނުއްވި އެވެ. ސިފައިން ވެސް ވަނީ އެ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.
މައުމޫން މާޔޫސްވީ ރީތި ހަނދެއް ނުފެނުމުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ