ދެ ފަނޑިޔާރާއި މައުމޫންގެ މައްސަލަ ގާޒީ އާރިފު ދޫކޮށްލައްވައިފި

ކުރިމިނަލް ކޯޓު ހިންގުމާ ހަވާޅުވެ ހުންނެވި އާދަމް އާރިފު ބައްލަވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބެއްލެވުމުން އެހެން ގާޒީއަކާ ހަވާލުކުރައްވައިފި އެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލަ މީގެކުރިން ބެއްލެވީ ގާޒީ އާރިފެވެ. ނަމަވެސް މިއަދު އެ މައްސަލަ ބައްލަވަން އިންނެވީ އަލަށް ކުރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ގާޒީ ހަސަން ނަޖީބެވެ.
އެ ބަދަލު ގެނެސްފައިވަނީ ގާޒީ ނަޖީބު މިއަދު ވިދާޅުވި ގޮތުގައި ގާޒީ އާރިފުގެ އަތްޕުޅުގައި ގިނަ މައްސަލަތަކެއް ހުރުމުން އަލަށް އަންނަ ގާޒީންނަށް މައްސަލަތައް ހަވާލުކުރާ އުސޫލުގެ މަތިންނެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހިމެނޭ މައްސަލައެއް ބެއްލެވުމުން ގާޒީ އާރިފު ދޫކޮށްލައްވާފައިވާއިރު އެ ފަނޑިޔާރުން ނުފޫޒު ފޯރުއްވި ކަމަށް ގާޒީ އާރިފު ވިދާޅުވެ ދެއްވާފައިވާ ބަޔާނެއް ސޯޝަލް މީޑިއާގައި ވަނީ ލީކްވެފަ އެވެ. އެ މައްސަލަ ގާޒީ އާރިފު ދޫކޮށްލެއްވުމުން އެ ދެ ފަނޑިޔާރުން ހިމެނޭ އެއްވެސް މައްސަލައެއް ގާޒީގެ އަތްޕުޅުގައި ނޯންނާނެ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ޓެރަރިޒަމް މައްސަލަ ބައްލަވަނީ ގާޒީ އަހުމަދު ހައިލަމް އެވެ. އުއްތަމަ ފަނޑިޔާރު ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލަ ބައްލަވައި ހުކުމް އިއްވެވީ ގާޒީ އިބްރާހިމް އަލީ އެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ބައްލަވަނީ ގާޒީ ހުސެއިން ޝަހީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ