ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަނެއް ނުކޮށްދިން!

މަނީ ލޯންޑަރިން މައްސަލައިގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ. ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއިއެކު ފަސް މަސް ދުވަސް ތެރޭ، ފަސް މިލިއަން ރުފިޔާ ވެސް ދައުލަތައް ދެއްކުމަށް އެހުކުމުގައި އަންގާފައިވެއެވެ.
ރައީސް ޔާމީންގެ ޤާނޫނީ ޓީމުން އެހުކުމް އިސްތިއުނާފަށް ހުށަހަޅާފައިވަނީ އެއަހަރުގެ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. މިއަދު ހައިކޯޓުގައި ބޭއްވީ އެއިސްތިއުނާފް ޝަރީއަތުގެ ދެވަނަ އަޑުއެހުމެވެ.
މިއަދުގެ އަޑުއެހުން ފައްޓަވާދެއްވާ ރައީސް ޔާމީންގެ ޤަނޫނީ ވަކީލުން ވިދާޅުވީ ހުކުމް ކުރުމުގެ ކުރިން މީހަކަށް ކަފާލާތް ދިނުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމުގައި އޮތްކަމެއް ކަަމަށެވެ. އަދި ހުކުމެއް ކޮށްފައިވާ މީހަކަށް ކަފާލާތު ދެވޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން ނިންމާފައި ހުރި ނިންމުންތަކުން އެނގޭ ކަމަށް ވެސް އެމަނިކުފާނުގެ ވަކީލުން ވަނީ ހައިކޯޓުގައި ފާހަގަކުރައްވައިފައެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނުގެ އިތުރުން މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމެވެ.
ހައިކޯޓުގައި މިމައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށެވެ. ޔާމީނަށް ކަފާލާތު ނުދޭން ތިން ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންނެވި ނަމަވެސް، ތިން ފަނޑިޔާރުންގެ ރައުޔު ތަފާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ