2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ގދ.ތިނަދޫގައި ހުރި ބައެއް އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުންގެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް އެމައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކޯޓުގައި ހުޅު ޖަހައި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުން ދިން މައްސަލައިގައި 89 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެމައްސަލަ ބަލައިނުގަތް ކަން ކޯޓުން އަންގާފައިވާ ކަމަށެވެ.
ނަމަވެސް މައްސަލަ ބަލައިނުގަތް ސަބަބެއް ކޯޓުން ހާމަކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ތިނަދޫގައި ހުރި އިމާރާތްތަކުގައި ހުޅު ޖެހި މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން އެމައްސަލަ ބޭރުކޮށްލުމުންނެވެ.
އެންމެ ފަހުން މި މައްސަލައިގައި ބޭއްވި ޝަރީޢަތަށް ޕީޖީ އޮފީހުން ވަކީލަކު ހާޒިރުވެފައި ނުވާތީ މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ބަންދު ކުރުމަށް އަމުރު ކުރި 55 މީހުން ވަނީ ދޫކޮށްލާފައެވެ. އަދި އަނބުރާ ފޮނުވާލި މައްސަލަ އަލުން ބަލައިގަންނާނީ ދައުލަތުގެ ވަކީލުން ހަމަޖެއްސުމަށްފަހު ހުށަހެޅުމުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
މިމީހުން ބަންދުގައި ބައިތިއްބަން އަމުރުކުރީ ހެކިންނަށް ބިރު ދައްކާ ކަމަށް ބުނެ ހެކިބަސް ނަގާ ނިމެންދެނެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މީގެކުރިން ވިދާޅުވެފައިވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތަށް ހާޒިރުނުވެވުނީ ޝަރީއަތް އޮންނަކަން މާ ފަހުން އެންގުމުން ކަމަށާއި މައްސަލަ ބޭރުކޮށްލުމަށް ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު ހިނގި ހަމަނުޖެހުން ތަކުގައި ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކޯޓުގައި ހުޅުޖެހުމުގައި ބައިވެރިވިކަމަށް ބުނެ ދައުލަތުން 89 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު މިއެންމެން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.
އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެ އެންމެން އިތުރު ބަޔަކާ އެކު ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ ޕޮލިސް ސްޓޭޝަނަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.
އަދި ތިނަދޫ ކޯޓާއި އަތޮޅު ކައުންސިލްގެ އިދާރާ ކައިރިއަށް އެއްވެ ހުޅުޖަހާފައިވާ ކަމަށެވެ.
ތިނަދޫގައި ހުޅު ޖެހި މައްސަލަ ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ