ސަރުކާރާ މަޝްވަރާކުރަން ތައްޔާރު - ގާސިމް

ރާއްޖޭގެ ހަމަޖެހުމާއި ރައްޔިތުންގެ ފައިދާ އަށް މަޝްވަރާ އަށް ގޮވާލެއްވީތީ ރައީސް ޔާމީންއަށް މަރުހަބާ ދަންނަވާ ކަމަށާއި، ޖުމްހޫރީ ޕާޓީ އޮތީ މަޝްވަރާކުރަން ތައްޔާރަށް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތައިލެންޑުގައި ހުންނަވާ ގާސިމް ކުރެެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ ސަރުކާރާ އެކު މަޝްވަރާކުރަން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށާއި، ރާއްޖޭގެ ހަމަޖެހުމާއި ރައްޔިތުންގެ ފައިދާ އަށް މަޝްވަރާ އަށް ގޮވާލެއްވީތީ ރައީސް ޔާމީންއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ގާސިމް ހައްޔަރު ކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާއިރު، ގާސިމް ވިދާޅުވީ އޭނާ މިވަގުތު ހުންނެވީއާގު ބޯޓެއް ޑޮކަށް ލާން ޖެހިގެން ބެންގްކޮކްގައި ކަމަށެވެ.
ގާސިމް ވިދާޅުވީ އޭނާ ހައްޔަރުކުރަން ކޯޓު އަމުރުނެރުނު ކަމަށް ބުނަނީ މޭޑޭގެ މުޒާހަރާއަށް ހަރަދުކުރި ކަމަށް ބުނެ ކަމަށާއި، ނަމަވެސް ކުރިންވެސް ބުނެފައިވާނެ ފަދައިން އެ މުޒާހަރާއަށް އޭނާ ހަރަދުކޮށްފައިނުވާނެ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހަމަޖެހުމަށާއި، ރައްޔިތުންގެ ފައިދާއަށްޓަކައި ސަރުކާރާއިއެކު މަޝްވަރާކުރުމަށް އިދިކޮޅު ޕާޓީތަކަށް ރައީސް ކުރައްވާފައިވާ އިލްތިމާސް އަލުން ތަކުރާރުކުރައްވާފައިވާ ކަމަށެވެ.
ގާނޫނީ އިމުގެ ތެރެއިން ސަރުކާރާ އެކު މަޝްވަރާކުރުމަށް އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން މީގެ ކުރިން ވެސް ފުރުސަތުދެއްވިއެވެ.
އެގޮތުން މަޝްވަރާ ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސަވައި އޭގެ ފަހުން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވެސް ހަމަޖެއްސެވިއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ޖެހޭނީ ރައީސް ޔާމީން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ