މަހިބަދޫ ދާއިރާ އާއި ވިލިނގިލި ދާއިރާގެ އިންތިޚާބު ވެސް ބާތިލްކުރަން ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާ އާއި ވިލިނގިލި ދާއިރާގެ އިންތިޚާބު ބާތިލްކުރަން ވެސް ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި މަހިބަދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހުމަދު ސުނިލް އެވެ. އަދި ވިލިނގިލި ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދުނީ އެމްޑީޕީގެ ކެންޑިޑޭޓް ހާރޫން ރަޝީދެވެ.
އެ ދެ ދާއިރާގެ މައްސަލަ ހުށަހެޅިއިރު ށ. ފުނަދޫ ދާއިރާ އާއި ތިމަރަފުށީ ދާއިރާ އާއި ކުރެންދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާގެ އިތުރުން ނައިފަރު ދާއިރާ އަދި ނޮޅިވަރަމު ދާއިރާގެ މައްސަލަ ވެސް ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން، ހިތަދޫ މެދު ދާއިރާ އާއި ފުނަދޫ ދާއިރާގެ އިތުރުން ތިމަރަފުށީ ދާއިރާ އަދި ކުރެންދޫ ދާއިރާގެ މައްސަލައިގެ ޝަރީއަތް ވަނީ ފަށާފަ އެވެ.
މަހިބަދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ކެންޑިޑޭޓް ހުށަހަޅާފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރައްވައި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަހުމަދު ތޯރިގް (ޓޮމް) ވަނީ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާނީ ހައި ކޯޓުންނެވެ. އެ ބާވަތުގެ މައްސަލަތަކަކީ ދާއިމީ ނަތީޖާ އިއުލާންކުރާތާ 14 ދުވަސް ތެރޭގައި ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލަތަކަށް ވާއިރު ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލަތައް ބަލައި ނިންމަން ވެސް ގާނޫނު ލާޒިމް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ