އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަން ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އަންނަ އާދިއްތަދުވަހުން ފެށިގެން އާއިލާއާ ބެހޭ ކޯޓަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މީގެ އިރުކޮޅެއް ކުރިން ނިންމައިފި އެވެ.ޖޭއެސްސީން މިރޭ ބޭއްވި ބައްދަލުވުމުގައި އެގޮތަށް ނިންމީ، ގާނޫނުއަސާސީގެ 159 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 47 ވަނަ މާއްދާ އާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އަބްދުﷲ ގާޒީ އާއިލާއާ ބެހޭ ކޯޓަށް ބަދަލުކުރަން ހުށަހެޅުމުން ކަމަށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.  އެކަމަކު އަބްދުﷲ ގާޒީ އާއިލާއާ ބެހޭ ކޯޓަށް ބަދަލުކުރަން ނިންމި ސަބަބެއް ޖޭއެސްސީން ނުބުނެ އެވެ.އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަން ނިންމިއިރު، ކްރިމިނަލް
ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފާ ވަނީ ހަވާލުކޮށްފަ އެވެ.
އެއީ އަބްދުﷲ ޗުއްޓީއެއް ނެންގެވުމުން ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ
އޮފިޝަލް މި މަހުގެ ނުވަވަނަ ދުވަހު ވިދާޅުވެފައިވެ އެވެ.އަބްދުﷲ ގާޒީ އާއިލާއާ ބެހޭ ކޯޓަށް ބަދަލުކުރިއިރު، އެ
ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން
މިހާރު އަންނަނީ ބަލަމުންނެވެ.އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރަން 2013 ގައި ވެސް ޖޭއެސްސީން ނިންމި
އެވެ. އެކަމަކު އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށް ބުނެ އެ ނިންމުމަށް
އަމަލު ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އޭރު ވަނީ އަންގައިފަ އެވެ.އަބްދުﷲ ގާޒީ އަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީއެއްގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ބަންދުކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް އައީ ވެސް އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ