ވަކި ފިކުރަކަށް ތަބާވާތީ ހާމިދާ މެދު ތަފާތުކޮށް ކޯޓުން އަމަލުކުރޭ: ވަކީލް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރަކީ ސިޔާސީ ގޮތުން ވަކި ފިކުރަކަށް ތަބާވާ ބޭފުޅަކަށް ވާތީ ކްރިމިނަލް ކޯޓުން އޭނާއާ މެދު ތަފާތު އުސޫލަކުން އަމަލުކުރާ ކަމަށް ހާމިދުގެ ވަކީލު ހިސާން ހުސެއިން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ހިސާން އެގޮތަށް ވިދާޅުވީ ހާމިދު ކޯޓަށް ހާޒިރުވެވަޑައިނުގެންނެވި މައްސަލައިގައި ހާމިދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފްކޮށް، އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމުގަ އެވެ.
ހިސާން ވިދާޅުވީ ހާމިދާ މެދު ވަކި ޚާއްސަ ގޮތަކަށް ކޯޓުން އަމަލުކުރާ ކަމަށާއި އެގޮތުން އޭނާގެ މައްޗަށް ހަ މަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެފަދަ އެހެން މައްސަލަތަކުގައި އެފަދަ އަދަބެއް އެހެން މީހަކަށް އެ ކޯޓުން ކަނޑައަޅާފައިނުވާ ކަމަށެވެ. އެގޮތުން ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތަށް އޭނާ ހާޒިރުވެވަޑައިނުގެންނެވި ނަމަވެސް ހަމީދަށް ކޯޓުން އަދަބެއް ކަނޑައަޅާފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުވާ ލިބޭ މީހުންގެ ޣައިރު ހާޒިރުގައި މައްސަލަ ހިންގަން ޖެހޭނީ އެ މީހަކު އުޅޭ ތަނެއް ނޭނގޭ ނަމަ ކަމަށް ގަވާއިދުގައި ބުނެފައިވާ ކަމަށާއި އަދި ކޯޓަށް ހާޒިރުވާން އިއުލާން ކުރުމުން އެ ދުވަހު ހާމިދަށް ހާޒިރުވެވަޑައިގެން ނެތްކަން އަންގައި، ކޯޓަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި ހާމިދުގެ ގެއިން އެ އަމުރާ ހަވާލުނުވި ކަމަށް ކޯޓުގެ ހުކުމުގައި އޮތް ނަމަވެސް އެހެން މީހަކު ކުރި ކަމެއްގެ ޒިންމާ ހާމިދު އުފުލަން ނުޖެހޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އަދި ހާމިދު ޖަލަށްލުމަށް ހުކުމްކުރީ ވެސް މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް އޭނާ ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވި ޗިޓްތަކަކަށް ހާޒިރުނުވެގެން ކަމަށް ހިސާން ވިދާޅުވި އެވެ.
އެހެންކަމުން އޭނާ އެދިވަޑައިގަތީ ހާމިދު ޖަލަށް ލުމަށް ކުރި ހުކުމް ބާތިލްކޮށް، މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ހާމިދު ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ކުރަމުންދާ މަސައްކަތް ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށެވެ.
ހާމިދުގެ ފަރާތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލައާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެކަމާ މެދު ފުރިހަމައަށް ޖަވާބުދާރީ ނުވެވިދާނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި ހާމިދުގެ ފަރާތުން އެ ފާހަގަކުރި ކަންތައްތަކަކީ ހަގީގަތުގައި ވެސް އެކަން ހިނގާފައި ގޮތް ކަމަށްވާ ނަމަ ކޯޓަށް އެގޮތަށް އަމަލުކުރެވިދާނެ ކަމަށް ނުދެކޭ ކަމަށް ދައުލަތުން ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމަށް ހާމިދު ވެސް ހާޒިރުކޮށްފައި އިނެވެ. އޭނާ ކޯޓަށް ހާޒިރުކުރީ ޑީޕީއާރްއެސްގެ ބެލުމުގެ ދަށުންނެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ހާމިދާ ބައެއް ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އެގޮތުން ހާމިދު ބަންދުކޮށްގެން ކޯޓަށް ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރުމުން އޭނާ އަމަލުކުރީ ކޮންގޮތަކަށްތޯ ފަނޑިޔާރުން ސުވާލުކުރެއްވި އެވެ.
ޖަވާބުގައި ހާމިދު ވިދާޅުވީ އޭނާ ހައްޔަރުކުރަން އުޅޭކަން އެނގިވަޑައިގެން މަޖިލީހުގެ އިދާރާ އަށް ވަޑައިގަތީ ކަމަށާއި އެކަން ކުރެއްވީ އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގެ ކޮޕީއެއް ހޯދުމަށް ކަމަށެވެ. އަދި އެކަމަށް މަޖިލީހުން މަސައްކަތްކުރި ނަމަވެސް އެ އަމުރުގެ ކޮޕީއެއް ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެ ލިބިވަޑައިގަތީ އަމުރުގެ މުއްދަތު ހަމަވި ފަހުން ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނަ މަޖިލީހެއްގައި ހުކުމް އިއްވާނެ ކަމަށެވެ.
ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޔޫސުފް ހުސައިނާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ހާމިދު ޖަލަށްލުމަށް ހުކުމްކުރީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ކުޑަކަމުދާ ތަކެތި ނުދިނުމުގެ ދައުވާގެ ޝަރީއަތަށް ހާޒިރުނުވި މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ