ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ކުރިއަށް އޮތް މަސްތަކުގައި ގޮތެއް ނިންމާނަން: ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށް ރައީސް މުހައްމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ. ލަންކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތިން އެންމެ އަވަހަށް ވެސް އިންތިހާބެއް ބޭއްވޭނީ އަންނަ އަހަރު ކަމަށާއި އަވަސް އިންތިހާބެއް ބޭއްވުމަށް ކޮމަންވެލްތުން ކުރިން ގޮވާލި ނަމަވެސް އެއީ ރާއްޖޭގެ ގާނޫނާ އެއްގޮތަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށް ކޮމަންވެލްތަށް މިހާރު އެނގޭ ކަމަށެވެ.ރާއްޖޭގައި ދެން ބާއްވާ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ. ރައީސްގެ ގައުމީ އިއްތިހާދުގައި 3،000 މެމްބަރުން ހަމަނުވާއިރު، ރައީސް ކަމަށް ކުރިމަތިލައްވާނީ ކޮން ޕާޓީއަކުން ކަމެއް އެ މަނިކުފާނު މިރޭ ވިދާޅެއް ނުވެ އެވެ. ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމާ މެދު ގޮތެއް ނުނިންމަވާއިރު، އިންކުއަރީ ކޮމިޝަންގެ ރިޕޯޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުވެގެން ކަމަށް ބަޔާންކޮށްފި ނަމަ، ރައީސްކަމުން އިސްތިއުފާ ދިނުމާމެދު ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބައެއް ޕާޓީތަކުން މިހާރު ވަނީ ރިޔާސީ ކެންޑިޑޭޓުން ކަނޑައަޅައިފަ އެވެ.މިރޭގެ ނިއުސް ކޮންފަރެންސްގައި ރައީސް ވަހީދު އިތުރަށް ވިދާޅުވީ ކޯނީގެ ރިޕޯޓް ނިކުންނަން އޮތް އިރު ހުރިހާ ފަރާތްތަކަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށާއި ބައެއް ފަހަރު ލޭ ކެކުނަސް ރިޕޯޓުތަކާ މެދު އަމަލުކުރަންޖެހޭނީ ކެތްތެރިކަމާއެކު ކަމަށެވެ. އެކަމުގެ އެހީތެރިކަން ސަރުކާރަށް ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރިޕޯޓާ ގުޅިގެން މަޝްވަރާކޮށްގެން ހައްލު ހޯދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "ސުލްހަވެރި މުޒާހަރާތައް ކުރުމަކީ އަޅުގަނޑަށް މައްސަލައެއް ނޫން،" ރައީސް ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ