ޓެކްސް ބިލަށް ތާއީދުކުރީ ވިލާ އަށް ގެއްލުން ވިޔަސް ހެޔޮ ކަމަށް: ގާސިމް

ކޯލިޝަން އެއްބަސްވުމާ ޖުމްހޫރީ ޕާޓީން ހިލާފު ނުވާ ކަމަށާއި ވިލާ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވި ނަމަވެސް ޓެކްސް ބިލަށް ޖޭޕީން ތާއީދުކުރީ ވެސް އެ އެއްބަސްވުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ. މ. ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ ކުރިން ނެތް ޓެކްސްތަކެއް، ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ އެޖެންޑާގެ ދަށުން ކުއްލިއަކަށް ތައާރަފު ކުރުމުން ވިލާ އަށް ވަރަށް ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށެވެ. ނަމަވެސް ގައުމުގެ މަސްލަހަތުގައި ޓެކްސް ބިލަށް ވެސް ޖޭޕީން ތާއީދު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. "އެކަމުން އަޅުގަނޑަށް، ވިލާ ޝިޕިން އަށް ވަރަށް ބޮޑު ގެއްލުން ލިބުނު ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ކުރެވެން ނެތް ކަމެއް ވެސް ކޮށްދިނުމަށް އަޅުގަނޑުމެން ވަނީ ވޯޓު ދީފައި. ނަތީޖާ އަކީ، ކުރީގެ ގާނޫނުގައި ނެތް އެއްޗެހިތަކެއް އިންޓްރޮޑިއުސް ކުރީ ވަގުތެއް ނުލިބި، ހަމަ އިމީޑިއަޓްކޮށް، އެއީ ދުވަހަކު ވެސް ތަނެއްގައި ގާނޫނު ހަދާ ގޮތެއް ނުމެ ނޫންމެ. އެހެން ނަމަވެސް ދައުލަތުގެ ޑެބިޓް ބޮޑުކަމާ އެކީގައި، ޔާމީންގެ އެޖެންޑާ އަށް ތާއީދު ކުރުމުގެ ގޮތުން،" ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށް ވާ ވިލާ ޝިޕިންގްގެ ވެރިޔާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ކޯލިޝަން އުވިފައިވާ ކަމަށް ޕީޕީއެމުން ބުންޏަސް އޭނާ އެކަން ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ޖޭޕީން މިހާރު ވެސް ގެންދަނީ އެ އެއްބަސްވުމަށް އަމަލު ކުރަމުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމުގައި ވެސް ޕީޕީއެމްގެ ހުށަހެޅުމަށް ޖޭޕީން ތާއިދުކުރި ކަމަށް ވެސް ވިދާޅުވި އެވެ. "އެ ބޭފުޅުން ހުށަހެޅި ހުށަހެޅުއްވުމަށް އަޅުގަނޑު ތާއީދުކޮށްގެން، އަޅުގަނޑު އެންމެ ބޮޑަށް ގަބޫލުކުރި ގޮތެއް ނޫން. އެހެން ނަމަވެސް ނުނިމިގެން ލަސްވެގެން ދާތީ، އެ ވެސް އަޅުގަނޑުމެން ހިފެހެއްޓި އުސޫލުގެ ތެރޭގައި އޮތް އުސޫލަކަށް ވާތީ އަޅުގަނޑުމެން އެ އަށް ތާއީދުކުރީ،" ގާސިމް ވިދާޅުވި އެވެ. ރައްޔިތުންގެ އާ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމަށް ވަގުތީ ކޮމިޓީން އިއްޔެ ފާސްކުރި ނިންމުންތަކަށް ގާސިމް އިބްރާހީމް ވަނީ ތާއީދުކުރައްވައިފަ އެވެ. ގާސިމް ވިދާޅުވި ގޮތުގައި އެމްޑީޕީން ބޮއިކޮޓް ކުރި ބައްދަލުވުމަށް ޖޭޕީން އެއްބާރުލުން ނުދިން ނަމަ ކޯރަމް ވެސް ގެއްލުނީސް އެވެ. "އެމްޑީޕީން ހުށަހެޅި ހުށަހެޅުން އަޅުގަނޑުމެންނަށް ވެސް އެންމެ ރަނގަޅީ. ވަރަށް އިންސާފުވެރި ހުށަހެޅުމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެހެން ނަމަވެސް އެންމެ ފަހު ވަގުތު އެމްޑީޕީގެ ނިންމުން ދެ ވަނަ ގޮތެއް ޕީޕީއެމުން ހުށަހެޅީމާ އެ ބޭފުޅުންގެ ހުށަހެޅުން ވިތްޑްރޯ ކޮށްފައި އެ ބޭފުޅުން ނުކުމެވަޑައިގަތީ. ނަތީޖާއަކަށް ވީ އަޅުގަނޑުމެން ނުކުތް ނަމަ ކޯރަމް ގެއްލިގެން ދިޔައީސް. ބްލޮކަކަށް އައިިސް ކޮމިޓީން ގޮތެއް ނުނިންމުނީސް،" ގާސިމް ވިދާޅުވި އެވެ. ޖޭޕީގެ ޕާލަމެންޓް ގްރޫޕްގެ ނައިބު ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ކޮމިޓީތަކަށް މެންބަރުން ހޮވުމުގައި ވެސް ދޫތަކެއް ދީ، ޕީޕީއެމުން އެދުނު ގޮތަށް ޖޭޕީން އެއްބަސްވި ކަމަށާއި ކޯލިއަޝަން އެއްބަސްވުމާ އެއްގޮތަށް ޖޭޕީގެ ޕީޖީ ގްރޫޕުން ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށެވެ. "ޕާލަމަންޓްރީ ގްރޫޕްގެ މަސައްކަތް ހިނގަމުން ދާނީ ސަރުކާރު އިގްތިސާދީ އެޖެންޑާ އަށް ތާއީދު ކުރަމުން. ރައްޔިތުންނަށް ލިބެން ހުރި ހިދުމަތްތައް، ރައްޔިތުންނަށް މިއަދަށް ވުރެ ފަހި ދުވަސްތަކެއް ހޯދައިދިނުމަށްޓަކައި ގެންނަންޖެހޭ ގާނޫނުތައް ގެނައުމުގައި ހަމަ ސްޕީޑްކޮށް މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ހަމަ އެންމެ ދުވަހެއް ވެސް، މަޖިލިސް ހުއްޓިފައި އޮތުން އެއީ ބޭނުން ނުވާ ކަމެއް،" ރިޔާޒް ވިދާޅުވި އެވެ. ގާސިމް މިއަދު ވެސް ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ޖޭޕީ އަށް ސިޔާސީ މަގާމުތަކުން 33 ޕަސެންޓަށް ވާ 130 އަށް ވުރެ ގިނަ މަގާމު ލިބެންޖެހޭ ކަމަށެވެ. ނަމަވެސް ލިބިފައި ވަނީ 29 މަގާމު ކަމަށް އޭނާ ވިދާޅުވި އެވެ. އެއްބަސްވުން އުވިފައިވާ ކަމަށް ބުނެ ސަރުކާރުގެ މަގާމުތަކުން ޖޭޕީގެ މެންބަރުން ވަކިކޮށްފައިވާ އިރު ގާސިމް ވިދާޅުވީ ނޮވެމްބަރު 11، 2018 އާ ހަމަ އަށް އެއްބަސްވުން ދެމި އޮންނާނެ ކަމަށް ހެކިން ހެކިކޮށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ޖޭޕީ އަށް ހައްގުވާ މަގާމުތައް ދިނުމަށް ވެސް ގާސިމް ގޮވައިލެއްވި އެވެ. ގާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުން އުވިގެންނުދާނެ ކަމަށާއި އެއްބަސްވުމުގައި ނެތް ކަމެއް ނުވަތަ ހިލާފެއް އުފެދިއްޖެ ނަމަ އޮންނަނީ ދެ ފަރާތުން މަޝްވަރާ ކުރުން ކަމަށެވެ. މަޝްވަރާތަކަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވާފައި ވާތީ އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށާއި އެ ކަމަށް ޖޭޕީން ތައްޔާރަށް އޮތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އިސްވެ މަޝްވަރާތަކަށް ވަޑައިގަންނަވާނެތޯ ނޫސްވެރިން ދެންނެވި ސުވާލަށް ގާސިމް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ޕީޕީއެމް/ޖޭޕީ ކޯލިޝަން އުވިއްޖެކަން ޕީޕީއެމުން އިއުލާންކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ވާދަކުރެއްވުމާ ގުޅިގެންނެވެ. ގާސިމް ވިދާޅުވަނީ މަޖިލީހުގެ ރައީސް ކަމަށް އޭނާ އަށް ކުރިމަތި ނުލެއްވޭނެ ކަމަށް އެއްބަސްވުމުގައި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ