10،000 މީހުން ހަމަކޮށްފިން: ގައުމީ އިއްތިހާދު

ރައީސް މުހަންމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ އަށް 10،000 މެމްބަރުން ހަމަވެފައިވާ ކަމަށާއި މި ހަފުތާ ތެރޭގައި ހުރިހާ ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އިއްޔެ 2،200 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ކަމަށާއި މިއަދު ވެސް އިތުރު 2،500 ފޯމް އެ ކޮމިޝަނަށް ފޮނުއްވާނެ ކަމަށެވެ.
"މިހާރު އިލެކްޝަންސްގައި ރަޖިސްޓްރީކޮށްފައިވާ 3،930 މީހުންނާއި އަދި އެ ބޭފުޅުންނަށް އެންޓާނުކުރެވި ހުރި 1،101 ފޯމާއި އަޅުގަނޑުމެން މި ހުށަހަޅާ ފޯމުތަކާއެކު މިހާރު 10،000 ހަމަވެއްޖެ. އަޅުގަނޑުމެން އިއްޔެ މި ހުށަހެޅި 2،200 ފޯމަކީ ކުރިން އަޅުގަނޑުމެން ފުރާފައި ހުރި ފޯމުތަކެއް،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީ އަށް މީހުން އިތުރުކުރުމުގެ ކެމްޕޭން މީގެ ދެ ތިން ދުވަސްކުރިން ފެށި ފަހުން ހީވެސް ނުކުރާ އަދަދަކަށް މީހުން ސޮއިކުރަމުންދާ ކަމަށެވެ. އަދި ފޯމުތައް އިދާރީ ގޮތުން ނިންމެމުންދާ ވަރަކަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުންދާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
"އެ ފޯމުތައް ޕްރޮސެސްކުރަން ވަގުތު ނަގަނީ. ރޭގައި ވެސް ސާފުކޮށް މި ނިންމާލީ 2،000 ފޯމު. މިއަދު އެ ފޯމުތައް އިލެކްޝަންސް އަށް ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.
ގައުމީ އިއްތިހާދު ޕާޓީ އަށް 10،000 މީހުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން ފެށީ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުން ލާޒިމްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސިޔާސީ ޕާޓީގެ ބިލްގައިވާ ގޮތުން ޕާޓީއެއް ރަޖިސްޓްރީކުރެވޭނީ އެ އަދަދަށް މީހުން ހަމަކުރުމުން ކަމަށްވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ