ބޯހިމެނުމަށް އައްޑޫގެ ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ކައުންސިލުން ގޮވާލައިފި

މި މަހުގެ 20 ވަނަ ދުވަހު މުޅި ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ފެށިގެންދާ އިރު، އައްޑޫގެ ހުރިހާ ރައްޔިތުން ވެސް އެކަމަށް ވީހާ ވެސް ބޮޑަށް އެއްބާރުލުން ދީ ބޯހިމެނުމުގައި ބައިވެރިވުމަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ކައުންސިލުން އިއްޔެ ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީގެ އައްޑޫގެ އިސް ފަރާތްތަކާ އެކު ވެސް ބައްދަލުވުމެއް ބާއްވައިފަ އެވެ.
"އެ ބައްދަލުވުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސް ކުރިން ކޮންމެ ޕާޓީއަކަށް ނިސްބަތްވި ކަމުގައި ވިޔަސް، އެ މީހަކު ނިސްބަތްވާ ރަށުގައި ބޯހިމެނުން ކުރިއަށް ގެންދާ އިރު ބޯހިމެނުގައި ބައިވެރިވެ އެކަމަށް އެއްބާރުލުން ދިނުމަށް. މިއީ ވަރަށް މުހިއްމު ކަމެއް. މި އެއްކުރެވެނީ ވަރަށް މުހިއްމު މައުލޫމާތުތަކެއް،" ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް ވިދާޅުވި އެވެ. "މިއީ އެއްގޮތަކަށް ވެސް ސީޔާސީ މަސައްކަތެއް ނޫން. ވަކި ކުލައެއްގެ މީހަކަށްވެގެން ބޯހިމެނުމުގައި ހިއްސާ ނުވުމަކީ އެއްވެސް ރައްޔިތަކު ކޮށްގެން ވާނެ ކަމެއް ނޫން."
ޕީޕީއެމާއި އެމްޑީޕީ އާ އެކު އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން--. ފޮޓޯ/ ކައުންސިލް އޭނާ ވިދާޅުވީ މައި ދެ ޕާޓީ އާ އެކު ބޭއްވި ބައްދަލުވުމުގައި ޕާޓީތަކުން ތިބީ، ބޯހިމެނުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ.
"ވީހާ ވެސް އޮމާންކޮށް މިކަން ކުރިއަށް ގެންދިއުމަށް ޕާޓީތަކުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ދިން. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެން ވަރަށް ބޭނުން ބޯހިމެނުމުގެ ތެރެއިން އައްޑޫގެ ހާލަތު އޮތް ގޮތް ދެނެގަންނަން. ތަރައްގީގެ މަގުގައި ވެސް ކުރިއަށް ދެވެން އޮތީ މިކަހަލަ ކަންކަމުގައި އެއްބާރުލުން ދީގެން،" މަރަދޫ ދާއިރާގެ ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތް ފަށާ ދުވަހަކީ އައްޑޫގައި ބައި އިލެކްޝަނެއް ވެސް ކުރިއަށް ގެންދަން ތާވަލްކޮށްފައި އޮތް ދުވަހަކަށް ވުމުން ސިޔާސީ ޕާޓީތަކުން އަމާންކަމާއި އޮމާންކަމާ އެކީ ކަންކަން ކުރިއަށް ގެންދަން ވިސްނަން ޖެހޭނެ ކަމަށެވެ.
ހުސްވެފައިވާ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ގޮނޑި އަށް އެމްޑީޕީންނާއި ޕީޕީއެމުން ވާދަ ކުރެ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކީ އީނާ ނަސީރެވެ. އެމްޑީޕީގެ ކެންޑިޑޭޓަކީ އަލީ ފަހުމީ އަހުމަދެވެ.
"ބައި އިލެކްޝަންގެ ކެމްޕޭން ވެސް މިހާރު ކުރިއަށް މި ދަނީ. މިހާތަނަށް ވަރަށް އޮމާންކޮށް އެކަން ދަނީ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް ވިހާ ވެސް އޮމާންކަމާއި ސުލްހަވެރިކަމާ އެކު އިކެލްޝަންގެ ހުރިހާ ކަމެއް ނިމިގެން ދާން ކައުންސިލުން ބޭނުން ވަނީ،" ތޮއްޔިބް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ