ގާސިމް ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ގާސިމް ހައްޔަރު ކުރީ މަޖިލީހުގެ މެންބަރުން ރިޝްވަތި ދިނުމުގެ ތުހުމަތާއި ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ހަރަކާތްތައް ހިންގާ ކަމުގެ ތުހުމަތުގަ އެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލަން އުޅުނުކަމުގެ ތުހުމަތު ވެސް ފުލުހުން ވަނީ ގާސިމްގެ މައްޗަށް ކޮށްފަ އެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވެފައިވަނީ، ގާސިމް ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ މައްސަލަ މިއަދު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
ގާސިމްގެ ވަކީލުން ވިދާޅުވާ ގޮތުގައި، އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)އާ ހިލާފަށް ކަމަށެވެ.
އެ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިއްޖެނަމަ އެވެ.
ކުރިމިނަލް ކޯޓުން ވަނީ ހަ ދުވަހަށް ގާސިމް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް ގާސިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓަކުން ނިންމާފައެއް ނުވެ އެވެ. މި އަމުރު އިސްތިއުނާފުކުރުމަށް އިއްޔެ ހުށަހެޅުމުން މައްސަލަ ވަނީ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ