ގާސިމް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ބަލައެއް ނުގަތް: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ ގާނޫނާ ހިލާފަށް، މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ކްރިމިނަލް ކޯޓުން ބަލައިނުގަތް ކަމަށް ގާސިމްގެ ވަކީލުން މިއަދު ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގާސިމް ހައްޔަރުކޮށް އޭނާގެ ބަންދަށް ހަ ދުވަސް ޖަހާފައިވަނީ ރިޝްވަތުގެ ތުހުމަތުގައެވެ.
ގާސިމްގެ ވަކީލުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ގާސިމް ހައްޔަރުކުރުމުގެ އަމުރު ނެރެން ޖެހެނީ، ޕްރޮސިކިިއުޓަ ޖެނެރަލް ހުށަހަޅައިގެން ކަމަށް މަޖިލީހުގެ ގާނޫނުގައި ބުނެފައިވީ ނަމަވެސް އެ އަމުރު ހޯދަން ކޯޓުގައި އެދުނީ ފުލުހުން ކަމަށެވެ.
"ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތަކާ ކަނޑައެޅިގެން ހިލާފަށް ކްރިމިނަލް ކޯޓުން ނެރުނު މި އަމުރުގެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިގަތުމަށް ކޯޓުން އިންކާރުކޮށްފައި ވުމީ އޮނަރަބަލް ގާސިމް އިބްރާހިމް އިންސާފު ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅަށް ހުރަސްއެޅޭ އަދި އެކަމާ މެދު އެމަނިކުފާނު އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެކެވެ،" ބަޔާނުގައި ވެ އެވެ.
ގާނޫނާ ހިލާފަށް ގާސިމް ހައްޔަރުކުރި މައްސަލަ ބަލައި އެކަމުގައި ގާނޫނީ ފިޔަވަޅު އަޅައިދޭން ޕްރޮސިކިއުޓަ ޖެނެރަލަށް ވެސް ހުށަހަޅާފައިވާ ކަމަށް ގާސިމްގެ ވަކީލުން ބުނެއެވެ.
ގާސިމްގެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި ގާސިމާ ދެކޮޅަށް ފުލުހުންނަށް އެއްވެސް ހެއްކެއް ހޯދިފައިނުވާ ކަމަށާއި ފުލުހުންގެ އަތުގައި އޮތީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ