ގާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: ޔޫކޭ ސަފީރު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެ އެވެ.
ޑޯރިސް ބުދަ ދުވަހު ވަނީ ޖުމްހޫރީ ޕާޓީއާއެކު ބައްދަލުވުމެއްވެސް ބާއްވާފަ އެވެ. އެ ބައްދަލުވުމުގެ ފޮޓޯއަކާއެކު އޭނާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ފޮޓޯއިން ފެންނަ ރާއްޖޭގެ އޮޕޯޒިޝަން ލީޑަރު މިހާރު ހުރީ ޖަލުގައި ކަމަށާއި އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ދެރައެއް ކަމަށެވެ.
"މިއި ބުދަ ދުވަހު އަޅުގަނޑު ކުރި ޓުވީޓެއް. ފޮޓޯއިން ފެންނަ އޮޕޮޒިޝަން ޕާޓީގެ ލީޑަރު އިއްޔެވަނީ ޖަލަށް ލާފައި. މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް." ޑޯރިސްގެ ޓުވީޓުގައި ބުނެފައިވެ އެވެ.
ގާސިމް ރޭ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާއިރު މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކްރިމިނަލް ކޯޓަށް މުއްދަތު ޖެހުމަށް ގެންނާނެ އެވެ.
ގާސިމް ހައްޔަރުކޮށްފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ކުޑަތަން ވެފައިވަނިކޮށް މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތާއި މަޖިލީހުގެ ނައިބު ރައީސް ގހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފަިއވާ މައްސަލައަށް ވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތަށް ކަމަށެވެ. އޭގެ އިތުރުން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމުންދާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށާއި ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް އަމަލުތައް ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ މައްސަލަތަކުގެ ހެކި ނައްތާލަން ގާސިމް މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
ގާސިމް ހައްޔަރުކުރި އިރު، ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް ދައުވާކޮށް ދިނުމަށް ޕީޖީއަށް ފޮނުވި ނަމަވެސް ފުލުހުން އެދިގެން އެ މައްސަލަ މިއަދު ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އަދި ވިލާ ޝިޕިން އެންޑް ޓްރޭޑުން ދައްކަން ޖެހިފައި ހުރި 100 މިލިއަން ޑޮލަރު ނުދައްކާ މައްސަލައިގައި ނުފުރޭ ގޮތަށް އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ