ގާސިމް ވަނީ ވަގަށް ނަގާފައި - ޖޭޕީ

ޖުމްހޫރީ ޕާޓީހެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކޮށްފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ގާސިމް އިބްރާހިމް ވަނީ ވަގަށް ނަގާފައި ކަމަށް ޖުމްހޫރީ ޕާޓީ އިން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލީހް ވިދާޅުވީ "އެ ޕާޓީގެ ލީޑަރު ވަނީ ވަގަށް ނަގައިގެން ގެންގޮސްފައި" ކަމަށެވެ.
މީގެ އިތުރުން އަލީ ސޯލިހު ވިދާޅުވީ ގާސިމް ހައްޔަރު ކުރުމާއި ގުޅިގެން އިރުކޮޅެއްގެ ތެރޭގައި ކުނޫޒްގައި ކުއްލި ޖަލްސާއެއް ފަށާނެ ކަމަށެވެ.
އެ ޖަލްސާއަށް ރާއްޖޭގެ ގިނަ ބަޔަކު އައުމަށް އަލީ ސޯލިހު ގޮވާލިއެވެ.
ވީޓީވީއަށް ދިން އިންޓަރވިއުއެއްގައި އަލީ ސޯލީހު ވިދާޅުވީ، ސަރުކާރުން ހަމަމަގަށް އަޅުވާނެ ކަމަށާއި ހަމަމަގަށް ނޭޅިއްޖެނަމަ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލު ކުރާނެ ކަމަށެވެ.
ގާސިމް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކޮށް ވަގުތު ކައިރިވެފައިވަނިކޮށް، ގާސިމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓު އަނބުރާލުމަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ، އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާތީ ކަމަށް ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން، މަސައްކަތް ކުރުމާއި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ، ސަރުކާރު ގާނޫނާއި ގަވާއިދާއި ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ، އަމަލުތަކެއް ކުރާކަމަށް ވެސް ގާސިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ގާސިމް ހައްޔަރުކުރީ މި މައްސަލަތަކުގެ، ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް، ފެންނާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ