ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް އެ މަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލަން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިމައްސަލަ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ 22 އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށެވެ.
މި ނުކުތާތަކާއެކު ޔާމީންގެ ފަރާތުން ވަނީ އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށާއި ކަފާލާތުގެ ދަށުން ދޫކޮށްލަން ހުށަހަޅުއްވަފައެވެ.
މިއަދު އޮތީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމެވެ. ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.
ރައީސް ޔާމީން 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާއިރު އިތުރު ޝަރީއަތްތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްފައިވަނީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ރާޢިސް ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.
ކުރީގެ ރައީސް ޔާމީން އިސްތިއުނާފު އަޑުއެހުމެ ދެން އޮންނާނީ މަދަމާ ހެނދުނު 9:00 އަށް ކަމަށް ސުޕްރީމް ކޯޓަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ