ރައީސް މައުމޫނު ގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން ބަރީޢަވުމަށްޓަކައި ވެސް ފުލުހުން ކުރަމުން ގެންދާ ތަޙުޤީގުތަކަށް އެއްބާރުލުން ދޭން ޖެހިވަޑައިގަންނާވަ ކަމަށް ޕިޕިއެމުން ބުނެފިއެވެ.
އެކެއް ފެބްރުއަރީގެ ޙާދިސާއާއި ގުޅިގެން ކުރީގެ ރައިސް މައުމޫނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު ބަންދު ގައި ބަހައްޓައިގެން ފުލުހުން ކުރަމުން އަންނަ ތަޙުޤީގުތަކަށް އެމަނިކުފާނުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުދެއްވާކަން ދިވެހި ފުލުހުން ހާމަކޮށްފައިވަނިކޮށް ރައީސް މައުމޫނުގެ އޮފީހުން ނެރުނު ބަޔާނަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.ޚަލީލު ވިދާޅުވީ ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރައްވައި ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވި ނަމޫނާ ވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅަކަށް މައުމޫން އަބްދުލްޤައްޔޫމް ވެވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން ބަރީޢަވެ ވަޑައިގަތުމަށްތަކައިވެސް ފުލުހުންގެ ތަހުޤީގަށް އެއްބާރުލުން ދެއްވަން ޖެހޭ ކަމަށެވެ.
އިތުރަށް ޚަލީލް ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ކުރީގެ ރައީސް ކަމަށައި އެމަނިކުފާނަށް ވަރަށް އިޙްތިރާމް ކުރައްވާ ކަމަށެވެ. އަދި މިހާރުވެސް ޕީޕީއެމްގައި އެމަނިކުފާނަށް ޖާގަ އެބައޮތްކަން ފާހަގަކުރައްވަމުން ޚަލީލް ވިދާޅުވީ އެކަމަކު އެމަނިކުފާނަށް އެ ފުރުޞަތު އޮތީ އެމަނިކުފާނުގެ ކުށެއްނެތް ކަން ސާބިތުކޮށް ދެއްވުމުން ކަމަށެވެ.
އެކެއް ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމު ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތާއި އަދި ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ރާއްޖޭގައި ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ ޝަރީޢަތައް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން މައުމޫން ވަނީ އިންސާނިއްޔަތައްޓަކައި ނަމަވެސް އެމަނިކުފާނު ދޫކޮށްލައިދިނުމަށް އެދި އާދޭސް ދަންނަވާފައެވެ.
އެހެން ނަމަވެސް ރައީސް ޔާމީން ގެ ސަރުކާރުގައި ޤާނޫނުގެ ކުރިމަތީގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ހަމަހަމަ ވާނޭ ކަމަށާއި ކުށެއް ކޮށްފި ނަމަ ޙައްޤު އަދަބު ލިބޭނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އެކެއް ފެބްރުއަރީގެ ޙާދިސާ އާއި ގުޅިގެން ރައީސް މައުމޫނުގެ އިތުރުން ދައުލަތުން ދައުވާ ކުރަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު އާއި، ކުރީގެ ޑީޖޭއޭގެ ވެރިޔާ ހަސަން ސައީދާއި، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމަށާއި، އަދި ރައީސް މައުމޫނުގެ ދަނބި ދަރިކަލުން މުހައްމަދު ނަދީމުގެ މައްޗަށެވެ. މީގެ އިތުރުން ރައީސް މައުމޫނު އޮފީހުގެ އަންހެން މުވައްޒަފެއް ކަމަށްވާ ނަޖުމާ ގެ މައްޗަށް ވެސް ދައުވާ ވަނި އުފުލާފައެވެ.
ކުށުން ބަރީޢަ ވުމަށް ވެސް މައުމޫން ތަޙުޤީގަށް އެއްބާރުލުން ދޭން ޖެހޭ – ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ