ޖުމްހޫރީ ޕަޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ބަހައްޓާ ކޮންމެ ވަގުތަކީ މިސަރުކާރުން ގާނޫނާ ހިލާފުވަމުންދާ ވަގުތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރަގެ ޖޭޕީގެ މެމްބަރު އަލްއުސްތާޒު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ވީޓީވީން ކުރިއަށް ގެންދާ ލައިވް ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގާނޫނީ އިމުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ވެސް ޚިލާފަށް ކަމަށެވެ. ގާސިމް އިބްރާހިމް ހައްޔަރު ކުރުމަށް ޤާގާނޫނު ބުނާގޮތުން އެދެންޖެހޭނީ ޕްރޮސެކިއުޓާ ޖެނެރެލް ކަމަށާއި އެހެންނަމަވެސް އެކަމަށް އެދުނީ ޕީޖީ ނޫންކަަމަށެވެ. އަލީ ހުސެއިން ވިދާޅުވީ ކުށެއް ކުރިކަމަށް ކޯޓަކުން ކަނޑަނާޅާހާ ހިނދަކު އެމީހަކު ބަންދުގައި ނުބެހެއްޓޭނެ ކަމަށާ ގާސިމް ހައްޔަރު ކުރީ ކުށުގެ ވެއްޓަކުން ނޫން ކަމަށެވެ. އަދި ގާސިމް އިބްރާހީމަކީ މަޖިލީހުގެ މެމްބަރެއް ކަމަށާއި މެމްބަރުން ހައްޔަރުކުރެވޭނީ ވަކި އިޖުރާތުތަކެއް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް އިޖުރާތެއް ފުރިހަމަވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ކުށެއްކުރާތަން ފެނިއްޖެނަމަ މަޖިލިސް މެމްބަރަކު ވިޔަސް ހައްޔަރު ކުރެވެން ޖެހޭނެ ކަމަށާއި އެކަމަކު ގާސިމް އިބްރާހިމް ކުށެއް ކުރެއްވިތަން ނުފެންނަ ކަމަށެވެ. ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވައިގެން ހޮއްވަވާފަ ތިބި ނުވަ މެމްބަރަކު އަލުން ޖޭޕީއާއި ގުޅުމަށް ކަަމަށާއި އެގޮތަށް ވިދާޅުވުމަކީ ކުށެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަލީ ހުސެއިން ވިދާޅުވީ ގާސިމް އިބްރާހީމަށް އަނިޔާ ދިނުމަކީ އެމަނިކުފާނަށް އެކަނިދެވޭ އަނިޔާއެއް ނޫން ކަމަށާއި އެއީ އެތަކެއް ރައްޔިތުންނަށްވެސް ލިބެމުންދާ އަނިޔާތަކެއް ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ އެއްވެސް ބަޔަކަށް ޤާނޫނާއި ޚިލާފު އަމުރެއް ނުކުރެވޭނެ ކަަމަށާއި ޣައިރު ގާނޫނީ އަމުރުކުރާ މީހެއްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށެވެ. އަދި މީހަކު ޣައިރު ޤާނޫނީ އަމުރެއް ކުރިއަސް ފުލުހުން އެއަށް ތަބާވާން ނުޖެހޭނެ ކަމަށާއި އެއީ މަޖުބޫރު ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އެފަދަ އަމުރަކަށް ތަބާވެއްޖެނަމަ އެއީ ކުށެއް ކަމަށާއި އެކަމުގެ ޒިންމާ ފަހުން ނަގަންޖެހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ގާސިމް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ހުކުމެއް ކުރެވެންދެން ހުންނަންޖެހޭނީ މިނިވަންކޮށްފައި ކަމަށެވެ. އަދި އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ ކުށެއްނެތި ޖަލަށްލާފައި ބެހެއްޓުން ކަމަށާއި މިހާރު ގާސިމަށް ދެމުންއެދަނީ ސަރުކާރަކުން މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާގޮތަށް ކޮންމެ އެއްޗެއްވެސް ބުނުމުގެ ހައްގު ލިބިގެންވާ ކަަމަށެވެ. އަދި ތަނެއްގައި އަނިޔާވެރިކަމާއި ބޭއިންސާފު އާންމުވީމަ ބަސްބުނަަންޖެހޭނެ ކަމަށާއި އެހެންނަމަވެސް މިގައުމުގައި ބަސްބުނުމަކީ ކުށަކަށް ވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ބަސްބުނުމަކީ ޓެރަރިޒަމްގެ އަމަލެއްްގެ ގޮތުގައި ދެކެމުންދާ ކަަމަވެސް އޭނާ ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ބަސްބުނުމަކީ އެމަނުކުފާނު ވަރަށް ބޮޑަށް ޖެހިލުންވެވަޑައިގަންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާއި ދެކޮޅަށް ބަސްބުނަން ޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ގާސިމް ހައްޔަރުކޮށްފައިވަނީ ނުހައްގުން: އަލީ ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ