އިންތިޚާބުގެ ކުރިން ސަރުކާރު ބަދަލުވާންޖެހޭ: ރައީސް މައުމޫން

މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނެކަމުގެ އެއްވެސް ޔަގީންކަމެެއް ނެތްކަމަށާ އިންތިޚާބެއް ބޭއްވިނަމަވެސް އޭގެ ކުރިން ސަރުކާރު ބަދަލުވާންޖެހޭކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުނޫޒްގައި ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބު އޮންނާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށާ އެހެންކަމުން އިންތިޚާބާއި ހަމައަށް މަޑުކުރަން ވިސްނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އިންތިޚާބުގެ ކުރިން ސަރުކާރު ބަދަލުވާންޖެހޭކަމަށް ވިދާޅުވެ ރައީސް މައުމޫން ވަނީ އެކަމަށް މަގުފަހިކުރުމަށް މަޖިލީސް މިހާރު އޮތް ހާލަތު ބަދަލުކުރުމުގެ މުހިންމުކަމާއިމެދު ވާހަކަދައްކަވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެމަނިކުފާނުވެސް ތާއީދުކުރައްވާކަމަށާ ނަމަވެސް އިންތިޚާބަކާއިހަމަށް ދިއުމަށް ކިހާ މުއްދަތެއް އަދި އޮތްކަންވެސް ސާފުނުވާކަމަށެވެ. މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވި ފަދައިން އިންތިޚާބުގެ ކުރިން ވެރިކަން ބަދަލުކުރުމަށް ތާއީދުކުރައްވާކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ބޮޑު ބުރާސްފަތީގެ ހަނދާންތައް އައު ކުރައްވާ މި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ އަނިޔާވެރިކަމުގެ ސަބަބުން ތާރީޚު އިއާދަވާ މަންޒަރު ފެންނަމުންދާކަމަށެވެ. ބޮޑު ބުރާސްފަތީގެ ހަރަކާތަކީވެސް އަނިޔާވެރި ވެރިއަކާއި ދެކޮޅަށް ރައްޔިތުން ނިކުތް ދުވަހެއްކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެދުވަހު އެމަނިކުފާނު ހައްުޔަރުކޮށް 50 ދުވަހު ބަންދުކުރެއްވިކަމަށެވެ. އަދި މީގެ 190 ދުވަސްކުރިން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރުކޮށް އަނިޔާވެރިކަމުގައި 190 ދުވަސް ހޭދަކުރައްވާފައިވާކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ފާރިސްވެސް ހައްޔަރުކުރީ އަނިޔާވެރި ވެރިކަމާއި ދެކޮޅަށް ތެދުވުމުންކަމަށާ މިއަދު މަސައްކަތްކުރަންވީ ދެން ދުވަހަކުވެސް އަނިޔާވެރި ވެރިކަމެއް މިރާއްޖޭގައި ގާއިމްކުރުމަށް ފުރުސަތު ނުދެެއްވުމަށްކަމަށެވެ.
މިރޭގެ ޖަލްސާ ޚާއްސަކުރާ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲއަށް ތައުރީފް ކުރައްވާ ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އިމްރާނަކީ ވަރަށް ހިތްވަރުގަދަ ޒައީމެއްކަމަށެވެ.
މޭޑޭގައި އިމްރާން ދެއްކެވި ހިތްވަރަށް ރައްޔިތުން ސާބަސްދޭކަމަށާ އަނިޔާވެރިކަމާއިއެކު އިމްރާން 1000 ދުވަސް ޖަލުގައި ހޭދަކުރަންޖެހުމަކީ މުޖްތަމައުގައި ޖެހުނު ލައްގަނޑެއް އަދި ގައުމަށް ލިބުނު ހުތުރެެެއްކަމަށް މައުމޫން ވިދާޅުވިއެވެ.
އަނިޔާވެރިނުވުމަށާއި، އަދުލްވެރިވުމަށް މާތްﷲ ވަރަށް ވަރުގަދައަށް ކީރިތި ގުރުއާނުގައި އަމުރުކުރައްވާފައިވާކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ މި ސަރުކާރުން އިމްރާންގެ މައްޗަށް އެއްވެސް އިހްސާންތެރިކަމެއް ނެތްކަމަށެވެ.
"ޝައިޚް އިމްރާން ހައްޔަރުކޮށްފައި އެވަނީ އަނިޔާވެރިކަމުގައި. ޝަރީއަތް ހިންގެވީ އަނިޔާވެރިކަމުގައި. މިއީ ވަރަށް ބޮޑު އަނިޔާވެރިކަމެއް،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ޝައިޚް އިމްރާން އަބުދުﷲ މިސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަން ފެއްޓެވީ ކަންކަން އިސްލާހުކުރުމަށް ކުރެވުނު މަސައްކަތުން ނަތީޖާއެއް ނުފެނުމުންކަމަށެވެ. އަދި އިމްރާނަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ހައްގުބަސް ވިދާޅުވި ހިތްވަރު ގަދަ ލީޑަރެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވަނީ ޝައިޚް އިމްރާނާއި މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްުޔަރުކޮށްފައިވާ ހުރިހާ ބޭފުޅުން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާފައެވެ. އަދި ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމް ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާފައެވެ.
މައުމޫން ވިދާޅުވީ ގާސިމް އިބްރާހިމް ހުންނެވީ ވަރަށް ބޮޑު އަނިޔާވެރިކަމެއްގައިކަމަށާ ދަންވަރު ކޯޓް ހުޅުވައިގެން ކޮށްފައިވާ ހުކުމަކީވެސް ސައްހަ ހުކުމެއް ނޫންކަމަށެވެ. މީގެ އިތުރަށް ކާނަލް މުހައްމަދު ނާޒިމް ހުންނެވީ ފްރޭމްކުރެވިގެން ނުހައްގުން ޖަލަށްލެވިފައިކަމަށާ ނާޒިމް ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
މިވަގުތު 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަހުމަދު އަދީބަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސަވައިދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ