ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރަށް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ސަމީރަށް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 20:00 އަށެވެ.
ސަމީރަށް ފުލުހަށް ހާޒިރުވާން އަންގާ ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ ސަމީރު ހާޒިރުކުރަނީ ފުލުހުން ކުނޫޒް ބަލާ ފާސްކުރަމުންދިޔައިރު، ފުލުހުންގެ މަސައްކަތަށް ހުރަސްއަޅާ، ކްރިމިނަލް ކޯޓުން ކުނޫޒް ބަލާ ފާސްކުުރުމަށް ފުލުހުންނަށްދިން އަމުރު ތަންފީޒުކުރުމަށް ސަމީރު ހުރަސްއަޅާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެންކަމަށެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ކޯޓް އަމުރު ތަންފީޒުކޮށް، ކުނޫޒް ބަލާ ފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެކަމަށެވެ.
ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އެއްވެސް މުއައްސަސާއަކުން ކުރާ ގާނޫނީ އެއްވެސް މަސައްކަތަށް ހުރަސްއަޅާނެ ޕާޓީއެއް ނޫންކަމަށާ އަދި އޭނާއަކީވެސް ގާނޫނީ އިމުން ބޭރުން ދުވަހަކުވެސް މަސައްކަތެއް ކުރާނެ މީހެއް ނޫންކަމަށެވެ.
ފުލުހުންގެ ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ހިމެނޭ ތުހުމަތުތަކެއް ނޫންކަން ފާހަގަކުރައްވާ ސަމީރު ވިދާޅުވީ މާދަމާ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެ ކުރެވޭ ތުހުމަތާއިމެދު ޖަވާބުދާރީވާން ތައްޔާރަށް ހުންނެވިކަމަށެވެ.
ރޭ 5 ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ކުނޫޒް ބަލާ ފާސްކުރުމަށްފަހު އެތަނުން ތުހުމަތު ކުރާ މައްސަލައާއި ގުޅުންހުރި އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް ލިޔުންދީފައިވާއިރު، ފުލުހުންގެ މަސައްކަތަށް ހުރަސްއެޅީ ކިހިނެއްތޯ ސުވާލު އުފެދޭކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
ކޯޓް އަމުރެއްގެ ދަށުން ފުލުހުން ކުނޫޒް ބަންދުކޮށް މުވައްޒިފުންނާއި ޕާޓީގެ އޮފީހުގެ މުވައްޒިފުންނަށްވެސް އިމާރާތުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދީ އެތަން ވަނީ ހިސާރުކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރަށް ފުލުހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ