ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ޕީޕީއެމް ހަވާލުކުރުމަށް އެދި ޕީޕީއެމްގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ލިޔުންތައް މިއަދު ސުޕްރީމް ކޯޓަށް ނެގުމަށްފަހު ސިވިލް ކޯޓުގައި މިމައްސަލަ ކުރިއަށް ގެންދިއުން ހުއްޓުވައިފި އެވެ.
ސިވިލް ކޯޓުގައި މިމަހުގެ 21 ވަނަ ދުވަހު އަޑުއެހުންތައް ފަށާފައިވާ މިމައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ ގދ. ތިނަދޫ ބީޗްރެސްޓް އަހްމަދު ރަޝީދު އެެވެ.
މިމައްސަލާގައި އަހްމަދު ރަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވަކާލާތުކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެވެ.
މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕުން އެޕާޓީއާ މެދު އަމަލުކުރަމުންދާ ގޮތުން ޕާޓީއަށް ގެއްލުންވަމުންދާތީއާއި، ޕީޕީއެމުން މިދިޔަ މަހުގެ ތެރޭގައި ބޭއްވި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާތީ އެކަންކަމަށް ރިއާޔަތްކޮށް ޕީޕީއެމްގެ މެންބަރުން ގާނޫނީ ގޮތުން އެޕާޓީގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް ކޯޓުން ހުކުމެއް ކޮށްދިނުމަށް އެދި އެވެ.
މިމައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް އަމުރެއް ނެރެދިނުމަށްވެސް ކޯޓުގައި އެދިފައިވެ އެެވެ.
ސިވިލް ކޯޓުން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ކުރި އަމުރެއްގައި ބުނެފައިވަނީ އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް ހިނގާ 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ. މިއަމުރާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފަ އެވެ.
ސިވިލް ކޯޓުން މިއަމުރު ނެރުނުއިރު ޕީޕީއެމްގެ ރައީސްގެ ގޮތުގައި ރައީސް މައުމޫން ހުންނެވި ނަމަވެސް ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ޕީޕީއެމަށް އޭރު ކުރިމަތިވެފައިވަނީ ރައީސް އެއް ނެތް ފަަދަ ހާލަތެއް ކަމަށެވެ. އެހެންކަމުން ޕީޕީއެމް ހިންގަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަގީންކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ކަމަށްވެސް އަމުރުގައިވެ އެވެ. ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އެއްވެސް ދައުރެއް އޮންނަ މީހެއް ނޫން ކަމަށް ވިދާޅުވެ ރައީސް މައުމޫން ވަނީ ސިވިލް ކޯޓުގެ އަމުރާ ދެކޮޅަށް މީގެކުރިން ވާހަކަވެސް ދައްކަވާފަ އެވެ.
ޕީޕީއެމް މައުމޫނާ ހަވާލުކުރުމުގެ މައްސަލައިގެ ލިޔުންތައް ސުޕްރީމް ކޯޓަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ