ސުޕްރީމް ކޯޓަކީ ރައްޔިތުން އިންތިހާބު ކުރާ ފަނޑިޔާރުން ތިބެން ޖެހޭ ތަނަކަށް ހަދަންޖެހޭ: ފައްޔާޒް

ގުޅިފައިވަ ސިޔާސީ ޕާޓީތަކުން މިހާރު ފަށައިގެން ކުރިއަށް ގެންދާ އިސްލާހީ މަސައްކަތް ނިމޭއިރު ސުޕްރީމް ކޯޓަކީ ސީދާ ރައްޔިތުން އިންތިހާބު ކުރާ ފަނޑިޔާރުން ތިބެން ޖެހޭ ތަނަކަށް ހަދައި ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް ހިމެނޭގޮތަށް 54 ވަކީލުން ސަސްޕެންޑް ކުރި މައްސަލާގައި އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީ ފުނޑުފުނޑު ކޮށްލާ ރައްޔިތުންނަށް ދެމުންދާ އަނިޔާގެ ޒިންމާ ނަގަން ޖެހޭނީ ސުޕްރީމްކޯޓުގެ މިހާރުގެ އަދި ކުރީގެ ފަނޑިޔާރުން ކަމަށެވެ. އެހެން ކަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އިސްލާހީ މަސއްކަތް ނިމޭއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ސީދާ ރައްޔިތުން އިޮންތިހާބު ކޮށްފައިވަ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި 54 ވަކީލުން ސުޕްރީމް ކޯޓަށް ވަޑައިގެން ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތްކޮށްފައި ވަނިކޮށެވެ. އެ ޕެޓިޝަން ސުޕްރީމް ކޯޓުން ބަލައެއް ނުގަނެ އެވެ. އަދި އެ ހުށަހަޅަން މަސައްކަތް ކުރި މައްސަލާގައި އެ ހުރިހާ ވަކީލުން ކޯޓުތަކުގައި ވަކާލަތު ކުރުމުގެ ވަގުތީ ގޮތުން ސަސްޕެންޑު ކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) އިން ރޭ ވަނީ ނިންމާފަ އެވެ.
މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު 54 ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި ފާހަގަ ކުރައްވާފަ ވަނީ މުއްދަތު ޖެހުމުގައި ހަމައެއް ނެތުމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި ސިއްރު ހެކިބަސް ނެގުމާއި ފަނޑިޔާރުންގެ ސުލޫކާއި ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުމާއި ވާޒީފާގެ ބިރު ދެއްކުމެވެ. އަދި ވަކީލުންގެ ކަންކަމާ ސުޕްރީމް ކޯޓުން ހަވާލުވުމާއި ގާނޫނު އަސާސީއިން ލިބިދީފައިވާ ބާރުގެ ބޭރުން ސުޕްރީމް ކޯޓުން އަމަލު ކުރުމާއި އެއް ފަނޑިޔާރުގެ މަސައްކަތަށް އަނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވުމާއި ތުހުމަތުގައި ބަންދު ކުރެވޭ ފަރާތްތަކުގެ ހައްގުތައް ގެއްލުމާއި ސަބަބެއް އެންގުމެއް ނެތި ވަކީލުންނަށް ފިޔަވަޅު އަޅާ ކަމަށް ބުނެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޑީޖޭއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކީލުން ސަސްޕެންޑް ކުރީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ)އާ ހިލާފަށް، އަދި ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދާއި، އެ ގަވައިދުގެ ޖަދުވަލު އެކެއްގައިވާ ގާނޫނީ ވަކީލުންގެ އިގުރާރާއި، އަދި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދާއި، ކޯޓުތަކުގެ ގާނޫނާއި، ސުޕްރީމް ކޯޓުގެ ގަވައިދާ ޚިލާފަށާއި އަދި ޤާނޫނުއަސާސީއާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ ސަސްޕެންޑް ކުރި ވަކީލުން ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވި ކަމަށެވެ.
ޑީޖޭއޭ އިން ސަސްޕެންޑް ކުރި ވަކީލުންނަކީ ކޯޓުތަކަށް އާންމުކޮށް ވަޑައިގެން ވަކާލާތު ކުރައްވާ ވަކީލުންނެވެ. މީގެ ތެރޭގައި ކޯޓު ތަކުގައި މިހާރު ހިނގަމުންދާ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލުން ވެސް ހިމެނެ އެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނޭ އަހްމަދު އަބްދުﷲ އަފީފާއި، ހަސަން ލަތީފާއި، އަބްދުﷲ ޝާއިރު އާއި، އިބްރާހީމް ރިފްއަތާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ މޫސާ ސިރާޖާއި، މަހްފޫޒް ސައީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުގައި ހިމެނޭ ހިސާން ހުސައިނާއި، ނޫރުއްސަލާމާއި، މަސްތޫރު ހުސްނީއާއި، އަހްމަދު ޝަފީގާއި، މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމްގެ ގާނޫނީ ވަކީލް ފަރީޝާ އަބްދުﷲ އާއި، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ ގާނޫނީ ވަކީލް އަލީ ޒާހިރު ހިމެނެ އެވެ.
މީގެއިތުރުން ވަކީލުންގެ ގޮތުގައި މަޝްހޫރު ބޭފުޅުން ކަމުގައިވާ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދާއި، އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީއާއި، މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ވެސް ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ