ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެމްޑީޕީގެ ކަންބޮޑުވުންތައް އީސީއާ ހިއްސާކޮށްފި

ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެމްޑީޕީން މިއަދު އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފި އެވެ.
އެމްޑީޕީގެ ކަންބޮޑުވުންތައް އިލެކްޝަން ކޮމިޝަނާ ހިއްސާ ކުރީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އިއްޔެ ހުކުމްކުރުމުންނެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި އެމްޑީޕީން ބޭއްވި ބައްދަލުވުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަވުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރެއްވީ ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ތާރީހުތަކަށް އެހުކުމާ ގުޅިގެން އައިސްދާނެ ބަދަލުތަކާއި ގުޅޭ ގޮތުން މިވަގުތު ހުރި ބޮޑެތި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ކަމަށެވެ. މިހުކުމާ ގުޅިގެން ޕާޓީން މިވަގުތު ހުރި ކަންބޮޑުވުންތައް އިލެކްޝަން ކޮމިޝަންގެ ވެރިންނާ ހިއްސާ ކުރެއްވުމުން، އިންތިހާބަށް ކުރިމަތިލުމުގެ ތާރީހުގެ އިތުރަށް އެހެން ތާރީހުތަކަށް ބަދަލު ގެންނަން ނިންމާފައި ނުވާ ކަމުގެ ޔަގީންކަން ކޮމިޝަނުން ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މިފަދަ ކޮންމެ އިންތިހާބަކަށްވެސް އިމްޑީޕީން ކެންޑިޑޭޓުން ނެރެނީ އެއްވެސް ނުފޫޒެއް ނެތި ވަރަށް މިނިވަންކަމާއެކު ޕަރައިމަރީއެއް ބޭއްވުމަށްފަހު ކަމަށެވެ. އެހެންނަމަވެސް ސްޕްރީމް ކޯޓުގެ ހުކުމާއެކު މިއަދު ފެނިގެން މިދަނީ ޕްރައިމަރީއެއްގެ ބޭނުން ކެނޑިފައިވާ މަންޒަރު ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބަށް މާކުރިން އިލެކްޝަންސް ކޮމިޝަނުން ވަކި ތާރީހުތަކެއް ކަނޑައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން އެތާރީހުތަކަށް ބަދަލު ގެނައުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އީސީއަށް ލިބިފައިވާ މިނިވަން މުސްތަގިއްލުކަން ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
އަސްލަމްގެ އިތުރުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ސުޕްރީމް ކޯޓުން 2013 ވަނަ އަހަރުވެސް ވަނީ އިންތިހާބުގެ ތާރީހު ތަކަށް ބަދަލުގެނެސް ވަކި ބަޔަކު ބޭނުންވާ ގޮތަށް އިންތިހާބު "ފިކްސް" ކޮށްފައި ކަމަށާއި މިއަދުވެސް ފެނިގެންދަނީ އެގޮތަށް އަމަލުކުރަމުންދާ މަންޒަރު ކަމަށެވެ.
މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށް ބަލިވި ކެންޑިޑޭޓުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ނިކުންނަ ނަމަ ފިޔަވަޅު އަޅާނެ ކަމަށާއި ނަމަވެސް އަޅާނެ ފިޔަވަޅުތަކެއް އަދި ނިންމާފައި ނުވާ ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީން ނިކުންނަ ކެނޑިޑޭޓަކަށް މެންބަރުން ތާއީދު ކުރަންޖެހޭއިރު، އެކަމާ ހިލާފްވެއްޖެނަމަ އެމީހަކަށް ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.
އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެކަމަކު ސްޕްރީމް ކޯޓުގެ ފުލް ބެންޗުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު އެ ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ މާއްދާއަކީ، ގާނޫނު އަސާސީ ހިލާފު މާއްދާއެއް ކަމަށެވެ. މިގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ ބާތިލްކޮށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކުރިއަށް އޮތް މާޗު މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސްޕްރީމް ކޯޓުން އަމުރުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ