ސަރުކާރުގެ ވަޒީފާތަކުގައި ޖުމްހޫރީ ޕާޓީގެ ބޭފުޅުން ދެމިތިއްބަވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން މިއަދު ވަނީ ފާސްކޮށްފަ އެވެ. މިގޮތަށް ފާސްކުރީ އެކަމާ ގުޅޭގޮތުން މިއަދު ޖޭޕީ ކައުންސިލްގައި ނެގި ވޯޓަކުންނެވެ.
ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީ އަކީ ސަރުކާރު ކޯލިޝަނުގައި އޮތް ބައެއް ކަމަށާއި މިއަހަރުގެ ނޮވެމްބަރު 11 އާ ހަމައަށް ޖޭޕީން އެގޮތުގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ވަޒީފާތަކުގައި ވެސް ޖޭޕީގެ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ވަޒީފާތަކުގައި ވެސް އެބަ ތިއްބެވި ބޭފުޅުން. އެއީ އަޅުގަނޑުމެންގެ އެއްބަސްވުމުގައި އޮތް ގޮތް." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ 2018 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީން ރިޔާސީ ކެންޑިޑޭޓެއް ނުނެރުމުގެ ވާހަކައެއް ނެތް ކަމަށެވެ. އަދި އޭރު އެކުލަވާލި އެއްބަސްވުން އޮތީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ވިދާޅުވި އެވެ.
ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީން ނިންމާފައިވާއިރު، ރައީސް ސޯލިހުގެ ފަރާތްޕުޅުން ކޯލިޝަން ހެދުމާ ގުޅޭގޮތުން ގާސިމްއާ މަޝްވަރާކޮށްފައިވެ އެވެ. އެކަމާ ގުޅޭ މަޝްވަރާ އަށް ދާދިފަހުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ ގާސިމްއާ ދާދިފަހުން ބައްދަލުކުރައްވާފަ އެވެ.
ރައީސް ސޯލިހާ އެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއިންނެވެ. ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމުން އިންތިހާބާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
ވަޒީފާތަކުގައި ޖޭޕީގެ ބޭފުޅުން ދެމިތިބޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ