މާޓިނޭޒް ކުރި ސޭވްގެ ސަބަބުން އަދިވެސް އަހަންނަށް އުނދަގޫވޭ: ކޮލޯ މުއާނީ

މިދިޔަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕު މުބާރާތުގެ ފައިނަލް މެޗުގެ އެންމެފަހު ވަގުތުކޮޅުގެ ތެރޭގައި ފްރާންސްއަށް މެޗު ކާމިޔާބުކުރަން ލިބުނު ރަނުގެ ފުރުސަތަށް ހުރަސްއެޅި އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް ކުރި މޮޅު ސޭވްގެ ސަބަބުން އަދިވެސް އުނދަގޫވާ ކަމަށާއި، އެއީ ހަނދާންނައްތައި ނުލެވޭނެ ސޭވްއެއް ނޫންކަމަށް މި ފުރުސަތު ލިބުނު ފްރާންސްގެ ޒުވާން ފޯވާޑް ކޮލޯ މުއާނީ ބުނެފިއެވެ.
ގަތަރުގައި ބޭއްވި މި މުބާރާތުގެ ފައިނަލް މެޗަކީ މިހާތަނަށް މި މުބާރާތުގައި ފެނިގެންދިޔަ އެންމެ ވާދަވެރި، އެންމެގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނު ފައިނަލް މެޗެވެ.
ޕެނަލްޓީގައި ކުރިހޯދައިގެން އާޖެންޓީނާއިން މި މެޗު ކާމިޔާބުކޮށް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި އިތުރުވަގުތުގެ ދެ ހާފު ކުޅުނުއިރު މި ދެ ހާފު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އިތުރުވަގުތުގެ ދެވަނަ ހާފުގެ 15 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ވެސް އެންމެ ފަހު މިނެޓުގައި ކޮލޯއަށް ވަނީ ލަނޑުޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެފައި ވަރަށް ހަމަޖެހިލައިގެން ބޯޅަ ފޮނުވާލުމުގެ ފުރުސަތު ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކުރީ އާޖެންޓީނާގެ ކީޕަރެވެ.
މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި ވެސް ފެނިގެންދިޔަ އެންމެ "ވައިޓަލް" ސޭވްކަމަށް ފުޓުބޯޅައިގެ މާހިރުން ބުނެއެވެ. އަދި މި ސޭވްކުރުމުން މާޓިނޭޒް އަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނައިރު، އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކުރެވުނީ އޭނާގެ ސަބަބުން ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
ފްރާންސަށް ވޯލްޑް ކަޕުގައި ތިންވަނަ ތަރި ހޯދައިދީ، ތިންވަނަ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު ކޮލޯއަށް ލިބި، އެ ފުރުސަތުގެ ބޭނުން ނުހިފުމާ ގުޅޭގޮތުން އޭނާ ބުނީ، މާޓިނޭޒްގެ ސޭވްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ ކަމަށެވެ.
އެގޮތުން ފްރާންސްގެ އެހެން ކުޅުންތެރިންނާއި ކޯޗިންގް ޓީމުގެ އިތުރުން ސަޕޯޓަރުން ވެސް އެ ދުވަހުވީ ބަލި ހަނދާން ނެތިއްޖެ ކަމަށާއި، އެހެންނަމަވެސް އޭނާއަށް އެ ދުވަސް، އެ މެޗު އަދި އެ ވަގުތުކޮޅު ހަނދާންނައްތައި ނުލެވުނު ކަމަށެވެ. އެކަމުގެ އުނދަގޫ އަދިވެސް ވާކަމަށް ކޮލޯ ބުނެފައިވެއެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި 2-4 އިން ކުރިހޯދައިގެން ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދިއިރު މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އާޖެންޓީނާއިން ވަނީ 1978 އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތަށި ކާމިޔާބުކޮށްފައެވެ.
އެމީ މާޓިނޭޒްގެ މި "ވައިޓަލް" ސޭވްގެ ވާހަކަ ގިނަބަޔަކު ދައްކަމުން އަންނައިރު މުބާރާތުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑު ވެސް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ