ގާސިމް އާއި ރައީސް ސޯލިހުގެ 12 ގަޑިއިރުގެ މަޝްވަރާއެއް؛ ގާސިމްގެ ފެހި ސިގްނަލް ރައީސް އަށް

މި މަހު 30ގައި އޮންނަ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު ބޭއްވި 12 ގަޑިއިރުގެ މަޝްވަރާ ބައްދަލުވުންތަކުން ދެ ވަނަ ބުރުގައި ރައީސްއާ އެކު ޖޭޕީ އޮންނާނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަން 'ދައުރު' އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ދެވަނަ ބުރުގައި ޖޭޕީއާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީ އާއި އެމްޑީޕީއާ އެކު ވެސް ޖޭޕީން މަޝްވަރާތައް ކުރިއަށް ގެންދެ އެވެ. ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމުމަށް އިއްޔެ ބާއްވަން އުޅުނު ކައުންސިލް ބައްދަލުވުން މިހާރު ވަނީ ލަސްކޮށްފަ އެވެ. އެ ބައްދަލުވުން ލަސްކުރީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގާސިމްއާ ބައްދަލުކުރައްވަން އެދިވަޑައިގެންފައި ވާތީ އެވެ. 
އެއަށް ފަހު އިއްޔެ ހަވީރު 3:45 ހާއިރު އދ. މާމިގިލީ އެއާޕޯޓަށް ދަތުރުކުރި ގާސިމްގެ ވިލާ އެއާގެ ފްލައިޓެއްގައި މާމިގިއްޔަށް ވަޑައިގެން، އެ ތަނުން ގާސިމްއާ އެކު ސަން އައިލެންޑަށް ރައީސް ސޯލިހް ވަޑައިގެން ކޯލިޝަން ހެދުމުގެ މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފަ އެވެ.
އިތުރަށް ކިޔާލަން - ރައީސް، ގާސިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގެންފި
ދައުރުއަށް އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމަށް ފަހު މިއަދުގެ ވަގުތެއްގައި ވެސް ދެ ބޭފުޅުން ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. މިވަގުތު ވެސް ރައީސް ސޯލިހް ހުންނެވީ ސަން އައިލެންޑުގަ އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި އެ ބައްދަލުވުންތައް ނިންމާލުމަށް ފަހު މިއަދު ރައީސް މާލެ ވަޑައިގަންނަވާނެ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި އިސް އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި އިއްޔެ އާއިި މިއަދު ހިމެނޭހެން ބޭއްވި 12 ގަޑިއިރުގެ ދިގު މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން މަޝްވަރާތައް ދިޔަ ގޮތަށް ބަލައި، ރިިޔާސީ އިިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް ސޯލިހާ އެކު ގާސިމް މަސައްކަތް ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިކަމާ ގުޅިގެން ދެ ޕާޓީގެ ފަރާތުން ވެސް ރަސްމީ ނިންމުމެއް އަދި ނުނިންމަ އެވެ. 
އެނގުން މުހިންމު - ރައީސް ސޯލިހް ގާސިމާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި މިވަނީ، ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ޓީމުން ވެސް ގާސިމާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށެވެ. 
އިތުރަށް ކިޔާލަން - ޕީޕީއެމްގެ އިސް ވަފުދެއް، ގާސިމްއާ ވާހަކަ ދައްކަން ސަންއަށް
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓްގެ %50 ނުހޯދުނެވެ. އެހެންވެ، މި މަހުގެ 30ގައި ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، ހޮނިހިރު ދުވަހު އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒުގެ އިތުރުން، ދެ ވަނައަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ރައީސް ސޯލިހެވެ. އެގޮތުން:
މުއިއްޒަށް 101،128 ވޯޓް ލިބިވަޑައިގެންފައިވޭ؛ އެއީ %46
ރައީސް ސޯލިހަށް 85،000 ވޯޓު ލިިބިވަޑައިގެންފައިވޭ؛ އެއީ %39
ދެވަނަ ބުރެއްގައި ވާދަކުރެއްވުމަށް ކޯލިޝަން ހެދުމަށް މި ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ޕާޓީތަކާ މަޝްވަރާ ކުރަމުން އަންނައިރު، ފުރަތަމަ ބުރުގައި ވާދަކޮށް ބަލިވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން މިހާރު ވަނީ ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހަދާފަ އެވެ.
ރައީސް ސޯލިހާ އެކު ކޯލިޝަނުގައި އަދިވެސް އޮތީ، ފުރަތަމަ ބުރުގައި އެކުގައި ތިބި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވިލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ. މީގެ އިތުރަށް އެމްޑީޕީއިން އަންނަނީ، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ އަދި އިންތިހާބުގައި ތިން ވަނަ ހޯދި ދަަ ޑިމޮކްރެޓްސްއާ އެކު ވެސް ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންނެވެ.
ގުޅުން ހުރި - 2018 ވަނަ އަހަރު ކޯލިޝަަން ސަރުކާރެއް ގެނައުމަށް ޖޭޕީން އެމްޑީޕީއާ އެކު މަސައްކަތް ކުރި ނަމަވެސް، މި ފަހަރުގެ އިންތިހާބުގައި އެ ޕާޓީން ވާދަކުރީ ވަކިންނެވެ. އެ ޕާޓީން ވަކިން ވާދަކުރުމަަށް ނިންމުމުގެ ކުރިން ބެލެވިފައި އޮތީ ވެސް އެމްޑީޕީއާ އެކު ކޯލިޝަން ހަދާނެ ކަމަށެވެ.
މީގެ ކުރިން 2008 އަދި 2013ގައި ބޭއްވި ރިޔާސީ އިންތިހާބުތަކުގައި 4 ވަނަ އާއި ތިން ވަނަ ހޯއްދެވި ގާސިމްއަށް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 5،545 ވޯޓާ އެކު ލިބިޑައިގެންފައި ވަނީ ފަސް ވަނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ