ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް، ސަމާލުވޭ!

ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް ފެންމަތިވެފައިވާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ.
އެ އިދާރާ އިން ވިދާޅުވީ ފޭސްބުކް އެކައުންޓް ޕާސްވޯޑު ރީސެޓް ކުރުމަށް ކަމަށް ބުނެ ގުޅައި، އޯޓީޕީ ކޯޑު މޯބައިލް ފޯނަށް ފޮނުވުމަށް ފަހު ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަމުންގެންދާ މައްސަލަތައް އެ ހިދުމަތަށް ހުށަހެޅުމުންދާ ކަމަށެވެ.
އެގޮތުން 48 ގަޑިއިރުގެ ތެރޭގައި މިފަދަ 6 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މަކަރާއި ހީލަތުން 35000 އަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާކަމަށް ތަހުގީގުން އެނގިފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިގޮތަށް ގުޅާ މީހުން، ތިޔަ ނަމްބަރަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ގެންގުޅުނު މޯބައިލް ނަމްބަރެއްކަމަށް ބުނާ ކަމަށާއި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަންވެގެން ނަމްބަރު ދޫކޮށްލީކަމަށް ބުނާ ކަމަށެވެ. އެހެންކަމުން އޭނާގެ ފޭސްބުކް ޕާސްވޯޑު ރީސެޓް ނުކުރެވިގެން އުޅޭކަމަށާއި ޓޫފެކްޓަރ އޯތޮންޓިކޭޓަރ ސެޓުކޮށްފައިވާނީ ތިޔަ ނަމްބަރަށް ކަމަށް ވެސް ބުނާ ކަަމަށެވެ.
މީގެ އިތުރުން ފޯނަށް ލިބޭ އޯޓީޕީ ކޯޑު ކިޔައިދިނުމަށް އެދޭ ކަން އެ އިދާރާ އިން ވަނީ ފާހަގަކުރައްވާފައެވެ.
ހަމަމިއާއެކު ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވެސް އެ އިދާރާ އަށް ހުށަހެޅެމުންދާ ކަން ވަނީ ފާހަގަކުރައްވާފައެވެ.
އެހެންވެ، އަމިއްލަ ނަމްބަރަށް މިގޮތަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާއި ފޭސްބުކް މެސެންޖަރ އިން ނުވަތަ މީސްމީޑިއާގެ އެހެނިހެން ވަސީލަތަކުން ވިޔަސް ފައިސާ ހޯދުމަށް ވާހަކަ ދައްކާ މީހުންގެ ކިބައިން ސަލާމަށްވެ ރައްކާތެރިވެތިބުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ކާކުކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ