އެކަހެރިވެގެން މައްސަލަތައް ހައްލެއް ނުކުރެވޭނެ: މައުމޫން

އެކަހެރިވުމަކީ، ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭނޭ ގޮތެއް ނޫންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި ޕީޕއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދަޅުވީ، ކޮމަންވެލްތުން ރާއްޖެ ވަކިވާން ނިންމައި، އެކަން ސަރުކާރުން އިއްޔެ އިއުލާނުކުރުމާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، "މީގެ 34 އަހަރުކުރީން، ކޮމަންވެލްތުގެ މެންބަރަކަށް ދިވެހިރާއްޖެ ހެދުމުގައި އިސްކޮށް މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން، ކޮމަންވެލްތުން ރާއްޖެ ވަކިވީތީ އަޅުގަނޑު ހިތާމަކުރަން. އެކަހެރިވެގެން އަޅުގަނޑުމެންގެ މައްސަލަތައް ހައްލެއް ނުކުރެވޭނެ،" ކަމަށެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމި ނިންމުމާ ގުޅޭގޮތުން، އެޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑު ވިދާޅުވީ، ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ހާލު، އެކަމާ ހިތާމަ ކުރާ ކަމަށެވެ. ކޮމަންވެލްތަކީ ރާއްޖެއަށް ތަފާތު ގޮތްގޮތުން އެހީތެރިވެފައިވާ ޖަމާއަތެއްކަން ފާހަގަކުރައްވަމުން، ޕެޓްރީޝާ ސްކޮޓްލެންޑް ޓެގްކުރައްވައި، ރައީސް މައުމޫން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، އުންމީދަކީ ރާއްޖެ ކޮމަންވެލްތާ އެނބުރި ގުޅުންކަމަށެވެ. ރާއްޖެ ކޮމަންވެލްތުން ވަކިވިކަން އިއުލާން ކުރައްވަމުން، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ، އެއީ "ވަރަށް ދަތި އުނދަގޫ، ނަމަވެސް ގައުމުގެ ސިޔާދަތު ހިމާޔަތް ކުރުމަށްޓަކައި" ނިންމި ނިންމުމެއް ކަމަށެވެ. ރާއްޖެއަކީ ބައިނަލްއަގުވާމީ ގޮތުން މަގުބޫލުކަން ލިބިފައިވާ ކުޑަ ގައުމަކަށް ވާތީ، ޑިމޮކްރަސީގެ ނަމުގައި ކޮމަންވެލްތާއި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް) އިން ދިޔައީ ބައިނަލްއަގުވާމީ މަސްރަހުގައި އެޖަމިއްޔާގެ ބަސް ވިކޭކަން ދެއްކުމަށްޓަކައި، ރާއްޖެއަށް އެކި ގޮތްގޮތަށް އުނދަގޫތައް ފޯރުކުރަމުން ކަމަށް ޑރ. އާސިމް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ