ނަރަކައަށް ވަންނަން ބޭނުން ނުވާ އެންމެންނަށްވެސް ނަރަކައިން ސަލާމަތްވެވޭނެ- އިން ޝާ ﷲ: ޝައިޚް ޢަބްދުﷲ މިފްޟާލް

ނަރަކައަށް ވަންނަން ޖެހެނީ ކީއްވެގެންކަން އަދިވެސް ގިނަ ބައަކަށް އޮންނަނީ އޮޅިފައެވެ. ބައެއް ޟީހުންނަށް ވިސްނެނީ އެއީ ﷲ ތަޢާލާ ނިންމަވާ ނިންމެވުމެއް ކަމަށެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. ނަރަކައަށް ކޮންމެ މީހަކުވެސް ވަންނާނީ އަމިއްލައަށެވެ. އެކަމަށް (އޭނާގެ ކުށަށް) އިޢްތިރާފްވެސްވާ ޙާލުގައެވެ.
ހުނައިނު ހަނގުރާމައިގެ ދުވަހު ޠާއިފްގެ މީސްތަކުން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރަން ނުކުތީ އެމީހުންގެ އަނބިދަރިންވެސް ގޮވައިގެންނެވެ. ހަނގުރާމައިގައި މުޝްރިކުން ބަލިވެ ހަނގުރާމައިގެ މައިދާން އަމާންވުމުން އެތަނުން އަންހެނަކު އޭނާގެ ތުއްތު ދަރިފުޅު ހޯދަން މަސައްކަތް ކުރަމުން ގޮސް ފެނުނު ވަގުތު އުފަލުން އޭނާއަށް ރޮވުނެވެ. އެ މަންޒަރު ބައްލަވަން އިންނަވާފައި ރަސޫލް (ﷺ) ވަނީ ﷲ ތައާލާ މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރު ޞަޙާބީންނަށް ބަޔާންކޮށް ދެއްވަވައިފައެވެ.
ވީމާ އެއްވެސް މީހަކު ނަރަކައަށް ވަނުމަކީ ﷲ ތަޢާލާ އެކަމަށް ލޯބިވެވޮޑިގަންނަވާ ކަމެއް ނޫނެވެ. ނަމަވެސް މީސްތަކުން އަމިއްލައަށް ނަރަކައަށް ވަންނަނީއެވެ. ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވަނީ މީސްތަކުން ތައުބާވެ ނަރަކައިން ސަލާމަތްވުމަށެވެ. ނަމަވެސް މީސްތަކުން ޖާހިލުވެ ފުރުޞަތުގެ ބޭނުން ނުހިފަނީއެވެ. ފުރުޞަތުގެ ބޭނުން ހިފައި ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފަށައިފިނަމަ އެމީހަކަށް ކުރެވިފައިވާ ނުބައި އަމަލުތައް އެއީ ހެޔޮ އަމަލުތައް ކަމަށް ﷲ ތަޢާލާ ބަދަލުކޮށް ދެއްވަވަތެވެ. ކުރެވިފައިވާ ފާތައް ކަނޑުގެ ފޮނުހައި ގިނަ ނަމަވެސް ފުއްސަވައި ދެއްވަވަތެވެ.
ވީމާ މީސްތަކުންނަށް އޮތީ ފާފަކުރުމާއި ދުރުހެލިވުމެވެ. ތައުބާވުމެވެ. ނަރަކައިން ސަލާމަތްވުމުގެ މަގު ﷲ ތަޢާލާ ވަނީ ދައްކަވައިދެއްވަވައިފައެވެ. އެމަގުގައި ސާބިތުވުމަކީ މީސްތަކުން ކުރަން ޖެހޭ ކަމެކެވެ.
ތުއްތު ދަރިން ދެކެ ކުއްޖާގެ މައިމީހާ ލޯބިވާވަރަށް ވުރެ މާބޮޑަށް މީސްތަކުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އަހަރެމެންނަށް އޮތީ އެކަން ބަލައިގަތުމެވެ. ކިޔަމަންތެރިވުމެވެ.
--ޝައިޚް ޢަބްދުﷲ މިފްޟާލްގެ ދަރުސުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ