ރައްޔިތުން މަޖިލީސް ކުރާ ގެއިން މިއަދު ހަވީރުގެ ވަގުތު ބޯ ދުންތަކެއް އެރީ، ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ސިފައިން މިއަދު ބުނެފި އެވެ.
މިއަދު އިރުއޮއްސެން އުޅުނު ވަގުތު މަޖިލީހުގެ ފުރާޅުންނާއި ބައެއް ދޮރުތަކުން ދުންތައް މަގުމައްޗަށް ނިކުންނަން ފެށުމުން ސިފައިން ފަޔަ އެންޑް ރެސްކިއު އިން ވަނީ މަޖިލީހުގެ އިދާރާގެ ތެރޭގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. ދުންތައް އެރީ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި އެއްޗެއް ގޮވައިގެން ކަމަށް އަޑުފެތުރުނެވެ. އަދި ތަނެއްގައި އަލިފާން ރޯވީ ކަމަށް ވެސް ބުނެ އަޑުތައް ފެތުރުނެވެ.
މަޖިލީހުގެ ތެރޭގައި ފެތުރުނު ދުންގަނޑު ކޮންޓްރޯލްކޮށް މައްސަލަ އިތުރަށް ބަލަމުން އަންނަ އިރު އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާއެއް ނުހިނގާ ކަމަށާއި ދުން އެރީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ފެށުމަށް ބާއްވާ ޖަލްސާއަށް، މަޖިލީހުގެ އެތެރެ ރީތިކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތްތަކެއް މަޖިލީހުގައި ކުރިއަށް ދެ އެވެ. އެހެން ނަމަވެސް އެކަން މަދުވެރިވީ އެކަމުން ކަމެއް ސިފައިން ނުބުންޏެވެ. އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.
މަޖިލީހުގެ މެންބަރު ގަލޮޅު އިތުރު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރޯވެފައި ހުރީ، މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ކޮޓަރީގައި ހުރި ކަރަންޓް ވަޔަރުތަކެއްގައި ކަމަށެވެ. އެހެން ނަމަވެސް އެމްއެންޑިއެފް އިން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
މަޖިލީހުގެ އިދާރާއިން ކަރަންޓް ކަނޑާލައިގެން ސިފައިން އަންނަނީ އަދިވެސް އެތަނުގައި ހަރަކާތްތެރިވަމުންނެވެ. އާ އަހަރަށް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ގައުމުގެ ހާލަތާ ބެހޭ ގޮތުން، ރިޔާސީ ބަޔާން އިއްވަވާނެ އެވެ. މިއީ ރައީސް މަޖިލީހަށް އިއްވަވާނެ ތިން ވަނަ ރިޔާސީ ބަޔާނެވެ.
މަޖިލީހުން ދުން އެރީ ކަރަންޓް ޝޯޓަކުން: އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ