ދަރިވަރާއި ޓީޗަރާ ދެމެދު ހަމަނުޖެހުން ހިނގީ ކްލާސް ސްކްރީންގައި ދަރިވަރު ބޭއަދަބީ ވީޑިއޯއެއް އެޅުވުމުން: ޓޭމް ދަރިވަރާއި ޓީޗަރާ ދެމެދު ހަމަނުޖެހުން ހިނގީ ކްލާސް ސްކްރީންގައި ދަރިވަރު ބޭއަދަބީ ވީޑިއޯއެއް އެޅުވުމުން: ޓޭމް

އައްޑޫ ހައި ސްކޫލްގެ ކްލާސް ރޫމެއް ތެރޭގައި ދަރިވަރަކާއި ޓީޗަރެއްގެ ދެމެދުގައި ހަމަނުޖެހުން ހިނގީ، ކްލާހުގެ ސްކްރީނުގައި ދަރިވަރު ބޭއަދަބީ ވީޑިއޯއެއް އެޅުވުމުން ކަމަށް ޓީޗަރުން އެސޯސިއޭޝަން (ޓޭމް) އިން ބުނެފި އެވެ.
އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެކަން ހިނގައިދިޔައީ ކްލާހުގެ ސްކްރީނުގައި ބޭއަދަބީ ވީޑިއޯއެއް ދަރިވަރުގެ ފޯނުން އެޅުވުމުން، އެ ފޯނު އަތުލަން ޓީޗަރު މަސައްކަތް ކުރުމުން ކަމަށެވެ.
"މި އެސޯސިއޭޝަނުން ބެލި ބެލުމުގައި އެ ދުވަހުގެ އެ ހާދިސާ ހިނގާނެ މެދުވެރިވި މައިގަނޑު ސަބަބަކީ ދަރިވަރެއްގެ ފޯނު މެދުވެރިކޮށް ކްލާސްރޫމުގެ ސްކްރީނަށް އަޅުވާފައިވާ ބޭއަދަބީ ވީޑިއޯއަކާ ގުޅިގެން ދަރިވަރުގެ ފޯނު އަތުލުމަށް ޓީޗަރު މަސައްކަތް ކުރުމުންނެވެ. މި އެސޯސިއޭޝަނުން ދެކޭ ގޮތުގައި އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާހުގައި ތިބޭ އަނެއް 30 ދަރިވަރުންގެ ހައްގު ވެސް އޮންނަންވާނެ،" ޓޭމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ކްލާހުގައި ދެން ބާކީ ތިބޭ ކުދިންގެ ހައްގުގައި ތެދުވާ ޓީޗަރު ފަލީހަތްކޮށް ބަދުނާމު ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ޓޭމް އިން ބުންޏެވެ.
އެފަދަ މައްސަލަތަކުގައި ކަމުގެ ހަގީގަތް ރަނގަޅަށް ނުބަލައި ޓީޗަރަށް އަދަބު ދިނުމުގެ ސަބަބުންނާއި ދަރިވަރުންގެ ފަރާތުން ދިމާވާ އެފަދަ ކަންތައްތަކާ ގުޅިގެން ފިޔަވަޅު ނޭޅި ދޫކޮށްލުވުމުގެ ނަތީޖާއަކަށް ވަނީ ގާބިލު އެތައް ޓީޗަރުންނެއް އެ ދާއިރާ ދެކެ ފޫހިވެ ދާއިރާއާ ދުރަށް ދިޔުން ކަމަށް ޓޭމް އިން ބުންޏެވެ.
ޓޭމްގެ ބަޔާނުގައި ބުނީ އައްޑޫ ހައި ސްކޫލްގެ ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް އުނދަގޫ ކުރުމާއި ބުލީ ކުރުމުގެ އަމަލުތައް މީގެ ކުރިން ވެސް ހިންގާފައިވާކަން އެނގިފައިވާ ކަމަށެވެ.
ސޯޝަލްމީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ޓީޗަރު އެގޮތަށް އަމަލު ކުރީ ނުވަތަ ކުރެވުނީ އެފަދަ ކަންކަން ތަކުރާރުވެފައި ވާތީ ކަމަށް ޓޭމް އިން ބުންޏެވެ.
"ދަރިވަރުންގެ ފަރާތުން ހިނގާފައިވާ މިފަދަ ކަންކަމަށް ސްކޫލުގެ މެނޭޖުމެންޓުން ފިޔަވަޅު ނާޅައި ދޫކޮށްލާފައިވާކަން ސާފުކޮށް އެނގޭ އެއް ހެއްކަކީ ދަރިވަރުންގެ ކްލާސްތަކަށް ފޯނު ގެންދިޔުން ހުއްދަ ދެވިފައި އޮތް އޮތުމެވެ، މި ހުއްދަ ދެވިފައި އޮތްއިރު، އެކަމަށް އެ ސްކޫލްގައި އުސޫލެއް ހެދިފައެއް ނުވެ އެެވެ،" ޓޭމްގެ ބަޔާނުގައި ބުންޏެވެ.
ޓޭމްއިން ބުނީ ތަހުޒީބު ގައުމުތަކުގައި ސްކޫލަށް ފޯނު ވެއްދުން ހުއްދަ ކޮށްފައި އޮތް ނަމަވެސް، ކްލާހާ ހަމައަށް ފޯނު ގެންދިޔުމަކީ އެ ތަންތަނުގައި ވެސް މަނާކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ވެސް ސްކޫލަށް ފޯނު ގެންދިޔުން ހުއްދަ ކުރާނަމަ، އެކަމަށް ހާއްސަ އުސޫލެއް ހެދިފައި އޮންނަންޖެހޭނެ ކަމަށް ޓޭމްއިން ބުންޏެވެ.
ޓޭމްއިން ވަނީ އައްޑޫ ހައި ސްކޫލްގައި ހިނގައިދިޔަ ކަންކަން އެއްވެސް ކޮޅަކަށް ބުރަވުމެއް ނެތި ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ