ސިޔާސީ ޕާޓީތަކުން މަސްވެރިންނަށް ދޮގު ހެދި ވަރަށް، ވަގު ފިރިޔަކު ވެސް އަންބަކަށް ދޮގެއް ނަހަދާނެ: އުމަރު
ސިޔާސީ ޕާޓީތައް ވެރިކަމަށް އައިސް، އެ ޕާޓީތަކުގެ ފިކުރުގެ ސަރުކާރުތަކުން މަސްވެރިންނަށް ދޮގު ހެދި ވަރަށް، ވަގު ފިރިޔަކު ވެސް އޭނާގެ އަންބަކަށް ދޮގެއް ނުހަދާނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ފާޑުވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ފައްޓަވާފައިވާ އުމަރު، ރޭ ބޭއްވި ހަރަކާތެއްގައި ވަނީ މިފަހުން މަސްވެރިންގެ ދުވަހު މަސްވެރިން ނުކުމެ ކުރި މުޒާހަރާއަށް އަލިއަޅުވާލައި ވާހަކަދައްކަވައިފައެވެ. އެގޮތުން ވޭތުވެދިޔަ 15 ވަރަކަށް އަހަރު، ސިޔާސީ ޕާޓީތަކުން މަސްވެރިންނަށް އޮޅުވާލައި ހެދީ ހުސް ދޮގު ކަމަށް ވިދާޅުވެ އުމަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "ރާއްޖޭގެ މަސްވެރިންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއް. އެކަމަކު ހިތާމަޔަކީ މަސްވެރިންނަށް ދޮގު ހެދި ވަރަށް، މަސްވެރިންނަށް ދޮގު ހެދި ވަރަށް ވަގު ފިރިޔަކު ނުހަދާނެ އިނގޭތޯ އޭނާގެ އަނބިމީހާއަށް ވެސް ދޮގެއް! މަސްވެރިންނަށް ސިޔާސީ ޕާޓީތަކުން ދޮގު ހެދި ވަރަށް!" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބެއް ގާތްވާއިރަށް މަސްވެރިންގެ ގާތަށް ގޮސް މަސް ގަންނަ އަގު 20 ރުފިޔާއަށް 25 ރުފިޔާއަށް ބޮޑުކުރާނަމޭ ކިޔައިގެން ހަމަ ކަނޑައެޅިގެން، ފާޅުގައި ބޮޑެތި ދޮގު ސިޔާސީ ޕާޓީތަކުން ހަދާފައި އެބަހުއްޓެވެ. އެގޮތަށް ކިޔައިގެން ވޭތުވެދިޔަ 15 ވަރަކަށް އަހަރު ސިޔާސީ ޕާޓީތަކުން މަސްވެރިންނަށް އޮޅުވައިލީ ކަމަށް އުމަރު ވިދާޅުވިއެވެ. އެހާވަރު ވީމައި ދެން މަސްވެރިން ރުޅި އަންނާނެ ކަމަށާއި މުޒާހަރާ ވެސް ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ. "ވޯޓު ހޯދަން ވީމަ ބެޔަސް ނުބެޔަސް 10،000 ރުފިޔާ. ކޮބައިތޯ؟ ކަންނެލި ޖަގަހަ ކަނޑު މެދުގައި. ގޭދޮށު މަސް ފެކްޓްރީ. އަޅެ ހިނި އަންނަކަހަލަ ވާހަކަ ނޫންތޯ؟" ފާޑުވިދާޅުވެ އުމަރު މަޖާޒީ ގޮތަކަށް ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރުމަށް އެދިވަޑައިގެން އުމަރު ވިދާޅުވީ އެހެން ވިދާޅުވާ ސަބަބަކީ މި ސިޔާސީ ޕާޓީތަކަކީ އެމީހުންގެ 'ކަށީގެ މަދުގެ' ގޮތުގައި ދޮގު އެކުލެވިގެންވާ ބައެއް ކަމަށެވެ. އެހެން ނޫންނަމަ އެ ހަދާ ބޮޑެތި ފަލަ ދޮގު ނުހަދާނެ ކަމަށް އުމަރު ވިދާޅުވިއެވެ. ހަގީގަތަށް ވާހަކަ ދައްކާނަމަ ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި މަސްވެރިކަމުގެ އިންޑަސްޓްރީއަކީ އެއްކޮށް ޕްރައިވެޓް ކޮށްފައި އޮންނަ އިންޑަސްޓްރީއަކަށް ހަދަންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ. އެއީ މުޅި ދުނިޔެ ހިނގާ ގޮތް ކަމަށާއި، އެއްވެސް ގައުމެއްގައި ސަރުކާރަކީ މަސް ހިއްކައި، ރިހާކުރު ކައްކައި، މަސް ބަންދުކުރާ ބައެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ރޯލަކީ މަސްވެރިކަމުގެ ސިނާއަތް ރެގިއުލޭޓްކޮށް، ސަބްސިޑީ ދީ، އެހީ ފޯރުކޮށްދިނުން ކަމަށް އުމަރު ވިދާޅުވިއެވެ. މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މައުރޫފް: މަސްވެރިންގެ އިހުތިޖާޖުގެ މީހުންނަށް ބަންދު މުއްދަތު ޖެހީ ސަރުކާރުގެ ސިޔާސީ ނުފޫޒުން ކަމަށް އެމްޑީޕީން ބުނޭ ---- ފޮޓޯ/ ބީކޭއެމްޔޫ ސަރުކާރުން މަސްވެރިންނަށްވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ، މަސްވެރިންގެ ދުވަހާ ގުޅުވައި މިދިޔަ ބުދަ ދުވަހު އިހުތިޖާޖު ކުރަން ފަށައިފައެވެ. މަސް ދޯނިތައް މާލޭ ނެރު ކައިރިއަށް ޖަމާވެ ކުރި އިހުތިޖާޖު ހުއްޓުވަން ފުލުހުން ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރު ވެސް ކުރިއެވެ. އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ އިހުތިޖާޖު ނުހުއްޓައި އަދިވެސް ކުރިއަށްގެންދާނެ ކަމަށް ބުނެ، ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިސްތިއުފާއަށް ވެސް ގޮވާލައިފައެވެ. ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ މި ދަނޑިވަޅުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި މިފްކޯއިން މަސްވެރިންނަށް ދޫކުރާ ތެލުގެ އަގުން 51 ލާރި ހެޔޮކޮށްފައިވާކަން އިއުލާނުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ