ކޮރަޕްޓް ވަގުން ހިފެން އެބައޮތް، ނެތީ އެ އިހުލާސްތެރިކަން!

މިސާލަކަށް, އެއީ ގެއަކަށް ވިޔަސް, ނޫނީ ފިހާރައަކަށް ވިޔަސް, ނުވަތަ ކުންފުންޏަކަށް ވިޔަސް އެ ތަނުގެ ތެރޭގައި ވައްކަން އާއްމުވެއްޖެނަމަ އެ ތަން ކުރިއަރައި ދާނެ އެއް ގޮތެއް ވެސް ނޯންނާނެއެވެ. ފިހާރަ ހަރުކަނޑުން މުދަލާއި, ވަތްގަނޑުން ވަގަށް ފައިސާ ނަގާނަމަ ހިސާބު ދިމާ ނުކުރެވޭނެތާއެވެ. ގައުމަކަށް ބެލި ނަމަވެސް ހަމަ އޮތީ އެގޮތެވެ. ކޮރަޕްޝަނާއި ވައްކަން އެއީ ގައުމެއްގެ ތަރައްގީއާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. ސިންގަޕޫރާއި ޗައިނާ އެ ހިސާބަށް ދިއުމުގެ ދަތުރު ފެށުމަށްޓަކައި އެންމެ އިސްކަން ދިނީ ކޮރަޕްޝަން ނައްތާލުމަށެވެ. އެއީ, ވަގުން ގޮވައިގެން އެ ކާމިޔާބު ދަތުރު ނުކުރެވޭނެތީއެވެ. އޭރުންސުރެ މިއަދާ ހަމައަށް ވެސް އެ ގައުމުތަކުގައި ކޮރަޕްޝަނަކީ އެންމެ ހަރުކަށި އަދަބު ދޭ އެއް ކުށެވެ. ރައްޔިތުންގެ ފައިސާ ނުވަތަ ވަސީލަތަކަށް ހިޔާނާތްތެރި ވެފައި, ކިތަންމެ އިސް މަގާމެއްގައި ހުރި, ކިތަންމެ ތަނަވަސް މީހަކަށް ވިޔަސް ނުހުރެވޭނެއެވެ. މަރުގެ އަދަބުން ފެށިގެން ވަރަށް ހަރުކަށި އަދަބުތައް އެ ވަގުންގެ މައްޗަށް ދެމުން ގެންދެއެވެ. އޭގެ ނަތީޖާއަކީ ފަތުއަޑުކިޔާފައި އެ ގައުމުތައް ކުރިއަރައިގެން ދިއުމެވެ. ފައިސާ ހުރި އެހެން ގައުމުތަކުގެ މީހުން އެ ގައުމުތަކުގައި އެ މީހުންގެ ފައިސާ އިންވެސްޓްކުރަން ޖެހިލުން ނުވަނީ އެތަންތަނުގައި ކޮރަޕްޝަން ނެތީމައެވެ. https://www.sun.mv/211708 ރާއްޖޭގެ ހާލަތު ލަދުވެތި އެކަކު ވެސް ވިޔަފާރިއެއް ކުރާކަށް ވަގެއްގެ އަތަކަށް ފައިސާއެއް ނުދޭނެއެވެ. އެކަމަކު, އަޅުގަނޑުމެން ރާއްޖޭގައި އެކަން އޮދީ ދިމާ އިދިކޮޅަށެވެ. އޭގެ ސަބަބުން ތަރައްގީ މަޑުޖެހި, ގައުމު މިއޮތީ ފަހަތު ފަޔަށް ބުރަވެފައެވެ. "މެލޭޝިއާގެ ވިޔަފާރިވެރިއެއް އެއީ. ބުނީ ދެން ދުވަހަކު ވެސް ރާއްޖެއަށް އިންވެސްޓް ކުރަން ނާންނާނަމޭ. އޭނާއައީ މޯލްތަކެއް ރާއްޖޭގައި ހަދަން ވެގެން. އެކަމަކު, މަޖިލިސް މެންބަރާއި ސަރުކާރުން އެކަމާ އުޅޭ އެންމެންނަށް ކަޓް ދީފައި އެ ޕްރޮޖެކްޓް ފީޒިބަލް ނުވާތީ އޭނާ ފުރައިގެން ދިޔައީ," އެއާޕޯޓް ވީއައިޕީއިން ދިމާވި ބޭރުގެ ވިޔަފާރިވެރިއަކު ކިޔައިދިން އެ ވާހަކަ ރާއްޖޭގެ ވިޔަފާރިވެރިއަކު ކިޔައިދެމުން ވިދާޅުވިއެވެ. ކުރުކޮށް, ފޮނިކޮށް ބުނާނަމަ ރާއްޖޭގައި ކޮރަޕްޝަން ނެތް ހަމަ އެންމެ ތަނެއް ވެސް ނެތީއެވެ. ދިފާއީ ބާރުތަކުން ފެށިގެން ގޮސް ހުރިހާ މުއައްސަސާތަކެއްގެ ތެރޭގައި ވެސް ކޮރަޕްޝަން އިންތިހާއަށް އެބައޮތެވެ. ވަކި ލެވަލްއެއް, ވަކި ސަރުކާރެއް ނޫނެވެ. ހަމަ ކޮންމެ ވެރިކަމެއްގައި ވެސް އެ މީހަކަށް ހޯދުނު ގޮތަކުން, ނާޖާއިޒު ފައިދާ ހޯދައި ނަގަނީއެވެ. ރާއްޖެއަށް ކޮރަޕްޝަންގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ސީދާ އަދަދު ބުނާކަށް ނޭނގެއެވެ. އެއީ, އެފަދަ ހިސާބެއް, ނުވަތަ ދިރާސާއެއް ނެތީމައެވެ. ނަމަވެސް, ބައެއް މަސްދަރުތަކުން ލަފާ ކުރާގޮތުގައި އަހަރެއްގެ މައްޗަށް, ކޮރަޕްޝަންގެ ގޮތުގައި ރާއްޖޭން 3.5 ބިލިއަން ރުފިޔާ އާއި 6.5 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ގެއްލުން ކުރިމަތިވެއެވެ. އެއީ ގައުމުގެ އަހަރު ދުވަހުގެ ބަޖެޓުގެ ގާތްގަނޑަކަށް 10 ޕަސެންޓާއި 18 ޕަސެންޓާ ދޭތެރޭ އަދަދެކެވެ. އެއީ ގާތްގަނޑަކަށް 40 ސްކޫލު އަލަށް އިމާރާތް ކުރުމާއި 20 ބަނދަރު ހެދުމާއި ހަ ރީޖަނަލް ހޮސްޕިޓަލް އެޅޭހާ ފައިސާއެވެ. ރައްޔިތުންގެ ތެރެއިން ބޮޑު ބަޔަކަށް އަސާސީ ޚިދުމަތް ނުލިބޭއިރު ވައްކަން ހަމަ ފާޅުގައި ދަނީ ކުރަމުންނެވެ. ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވިޔަސް ކުރާ ވައްކަމެއް ނުހުއްޓެއެވެ. އަދި, ގިނަ ފަހަރަށް ވަގުންނަށް އަދަބެއް ވެސް ނުލިބެއެވެ. އަދި, އެ މީހުން ހިޔާނާތްވި ރައްޔިތުންގެ ފައިސާއެއް ވެސް ނުހޯދެއެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ހާލުގައި އުޅޭއިރު ހިޔާނާތުގެ ފައިސާއިން މަދު ބަޔަކު އަރާމު ދިރިއުޅުމެއް އުޅެ ނަގަނީއެވެ. https://www.sun.mv/213826 އެންމެ ފުރަތަމަ އިސްލާހު ވާންވީ ވެރިމީހާ ވެރިން ކިތަންމެ ރުޅި އަޔަސް, އަދި އެކަމާ ދެކޮޅު ހެދިނަމަވެސް ހަގީގަތަކީ ކޮންމެ ވެރިކަމެއްގައި ވެސް ބޮޑެތި ވައްކަންތައް ކުރެވެނީ އޭރަކު ހުންނަވާ ރައީސަކު އެ ފުރުސަތު ދެއްވާތީއެވެ. އެކިވެރިން އެކި ސަބަބާ ހުރެ, ހަމަ އެ ވައްކަންތައް ކުރަން ފުރުސަތު ދެއްވަނީއެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު, އަދި ނައިބު ރައީސް އަޙްމަދު އަދީބު, ދައުލެއްގެ ތެރެއިން އެތައް ވައްކަމެއް އެ ހިންގެވީ އެ ފުރުސަތު ހަމަ ދެއްވީތީއެވެ. އެ ސަރުކާރަށް ވަގަށް ގޮވައިގެން ވެރިކަން ހޯއްދެވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ފެނަކައާއި އާރުޑީސީއާއި އެހެން ވެސް ކުންފުނިތަކާއި ސަރުކާރުގެ ތެރެއިން އެކިއެކި ވައްކަންތައް އެ ހިންގީ ހަމަ އެ ފުރުސަތު ވެރިމީހާ ދެއްވީތީއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ވެރިކަމަށް ބަލާއިރު އެޗްޑީސީގެ ތެރެއިން އެ ހިންގި ކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކާއި ބިޑަކަށް ނުލައި ދެ ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ބަހާލުމާއި ސަރުކާރު ކުންފުނިތަކަށް އެ ކުންފުނިތަކުގެ މެންޑޭޓުން ބޭރުން މަސައްކަތް ހަވާލުކުރުމާއި ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް "ހޭވި ހަޑިޔާ" މިހެންގޮސް އެތައް ކަމެއް ދެ އަހަރެއްގެ ތެރޭގައި ހިނގައިފިއެވެ. މިކަންކަން އެ ގޮތަށް އެ ހިނގަނީ އެ ފުރުސަތު ދެއްވާތީއެވެ. ނޫނީ އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅެން ވާނެއެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ކޮންމެ ސަރުކާރެއްގައި ވެސް ކޮރަޕްޝަނުގެ އަމަލުތައް ހިންގާއިރު އޭރު ހުންނަވާ ރައީސަކަށް އެ މައްސަލަތައް އެނގިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެކަން ދޮގުކުރައްވަނީ ކަމަށެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ނިމިދިޔަ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވެސް އެ ބޭފުޅުންގެ ވެރިކަންތަކުގައި ހިންގި އަދި ހިނގަމުން އަންނަ ކޮރަޕްޝަނުގެ އަމަލުތައް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. "ކޮންމެ މީހަކު ޑިނައިކުރަނީ އެނގޭތޯ. އެއީ އެ މީހަކާ ގުޅިގެން އެކަން ހިނގަނީ، އެ މީހަކަށް ބައި އެޅިގެން އެކަން ހިނގަނީ. ސިޔާސީ ޕާޓީއަށް ބަޔެއް، ތިމަންނައަށް ބަޔެއް، ވައްކަން ކުރާ މީހާއަށް ބައެއް، މިއީ ޕަސެންޓޭޖް ބެހިފައި އޮންނަ ގޮތަކީ،" އުމަރު ވިދާޅުވިއެވެ. އޭސީސީގެ ރައީސް އާދަމް ޝާމިލާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: -- ފޮޓޯ/ ރައީސް އޮފީސް ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން ސަރުކާރުތައް ހިނގާގޮތުގެ ތަޖުރިބާ ވެސް ލިބިވަޑައިގެންފައިވާ އުމަރު ވިދާޅުވީ، ސަރުކާރުގައި ރައީސަށް އެނގިވަޑައިނުގެން އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ. އެގޮތުން، ނުކިއްސަރު ކަމެއް ހިނގާ ނަމަ ރައީސަށް މާ ކުރިން މައްސަލަ އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ސަބަބަކީ ކޮންމެ ދުވަހަކު ހެނދުނު، ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް ރައީސުލްޖުމްހޫރިއްޔާއަށް ބްރީފިންއެއް ދޭނެ، އެ ބްރީފިން އެއީ ސިއްރު މައުލޫމާތު. އެ މީހުން އެކި ތަންތަނުން ހޯދާ ސިއްރު މައުލޫމާތުގެ ބްރީފިންއެއް އަރުވާނެ. އެހެންވީމާ އޭގެ ތެރޭގައި ހުންނާނެ މިވެނި ކުންފުންޏަކުން މިވެނި ކޮރަޕްޝަނެއް ހިންގާ ކަމަށް ތިމަންނަމެންނަށް ތުހުމަތުކުރެވެޔޭ،" އުމަރު ވިދާޅުވިއެވެ. މިނިސްޓަރުކަން ކުރައްވާފައިވާ އެހެން ބޭފުޅަކު ޚިޔާތާނުގެ އެ ކުޅި ކުޅޭގޮތް ކިޔައިދެއްވަމުން ވިދާޅުވީ، ރައީސުންނާއި ވެރިކަން ކުރާ ޕާޓީތަކުގެ އިސްވެރިން ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ގުޅައި ފައިސާ ފޮނުވަން އެދުމަކީ އާންމު ކަމެއް ކަމަށެވެ. އެހެންކަމުން މަގާމުގައި ހުރުމުގެ ބޭނުމަށް ކުންފުނިތަކުގެ އެ ވެރިން ފައިސާ ފޮނުވާނެ ކަމަށާއި އެ ފޮނުވާ ފައިސާ އޭނާ ހޯދާނީ އެ ކުންފުނީގެ ތެރެއިން ނާޖާއިޒުކޮށް ކަންކަން ހިންގައިގެން ކަމަށް އޭނާ ކިޔައިދެއްވިއެވެ. ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތަށް ވިސްނާލުމުން މި ދެންނެވި ވާހަކައަށް ބާރު ލިބޭ އެތަކެއް ހެއްކެއް ފެންނާނެއެވެ. އެހެންކަމުން ގޯސް މި ފެށެނީ އެންމެ ބާރުގަދަ މަގާމު ކަމަށްވާ ރައީސާ ހިސާބުންނެވެ. އެހެންކަމުން މި މައްސަލަ ހައްލު ކުރެވޭނީ ވެސް އެފަދަ ވެރިއަކު އައިސްގެންނެވެ. ހަގީގަތުގައި ސިންގަޕޫރުން ކޮރަޕްޝަން ނައްތާލެވިފައި އެވަނީ ލީ ކުއާން ޔޫ އެ ފުރުސަތު ނުދެއްވީމައެވެ. އަދި އެހާ ބާރަށް ކުރިއަރާ ޗައިނާގައި ފަސޭހައިން ކޮރަޕްޝަން ނުހިންގެނީ އެ ގައުމުގެ ރައީސް ޝީ ޖިން ޕިން އެ ފުރުސަތު ނުދެއްވާތީއެވެ. އެހެންކަމުން މި ގައުމުން ވެސް ކޮރަޕްޝަން ނައްތާލަން އެންމެ މުހިންމީ އަމަލާއި ބަހުން ވެސް ކޮރަޕްޝަނާ ދެކޮޅު ވެރިއެކެވެ. އަދި އެފަދަ ވެރިއަކު ރާއްޖެއަކުން ނުފެނެއެވެ. ކޮރަޕްޝަން ކޮމިޝަންގެ މޮޑެލް ކަމަކު ނުދޭ ދިވެހި ރާއްޖޭގެ ގިނަ މުއައްސަސާތަކަށް ރައްޔިތުން އިތުބާރު ނުކުރާއިރު އޭގެ ތެރެއިން ވެސް އެންމެ ކުރީގައި އުޅޭ އެއްތަނަކަށް ވާނީ, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. އާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި އެ ކޮމިޝަން އެތައް ފަހަރަކު އައު ވެއްޖެއެވެ. އެކަމަކު, އާ ވީ އެތަނަށް ލާ މީހުންނެވެ. އަމަލު ކުރާ ގޮތަކަށް ބަދަލެއް ނާދެއެވެ. ނަތީޖާއެއް ނުނެރެވެއެވެ. އޭސީސީ ހިންގަން ދައުލަތުން ކުރަނީ ބޮޑު ހޭދައެކެވެ. އެގޮތުން, 2023 ވަނަ އަހަރު އެ ކޮމިޝަނަށް 50 މިލިއަން ރުފިޔާ ހޭދަ ކުރިއެވެ. މިދިޔަ 2024 ވަނަ އަހަރު 47 މިލިއަން ހަރަދު ކުރިއިރު މި އަހަރަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް އޮތީ ދީފައެވެ. މިއީ ލިބޭ އެއްޗަކުން ހަރަދު ފޫނުބެއްދިގެން އުޅޭ މި ރާއްޖެއަށް ބޮޑު ހޭދައެކެވެ. އޭސީސީގެ މިހާރުގެ މެންބަރުން: އަބްދުالله ނާޝިދު, ޝިޔާމާ މުޙައްމަދު, އަޙްމަދު ނާޝިދު, ޝަޒްނާ ހާޝިމް, އާދަމް ޝާމިލް-- ފޮޓޯ: އޭސީސީ އޭސީސީއަކީ ނަތީޖާ ނުނެރެވޭ ތަނެއްގެ ހެއްކަކަށް ހަމަ އެންމެ މިސާލަކުން ފުދެއެވެ. އެއީ، އެ މުއައްސަސާ ހިންގަން 50 މިލިއަން ރުފިޔާ ހޭދަކުރި 2023 ވަނަ އަހަރު ދައުލަތަށް އަނބުރާ ހޯދަން އެ ކޮމިޝަނުން އެންގި 50،370،521 މިލިއަން ރުފިޔާގެ ތެރެއިން އެ އަހަރު ހޯދުނީ އެންމެ 234,531 ރުފިޔާ ކަމަށް ހަމަ އޭސީސީން ބުނާތީއެވެ. މިއީ އާދައިގެ ހިސާބެއް ޖެހި ނަމަވެސް ދެކޮޅު ނުޖެހޭ ކަމެއްކަން އެނގެއެވެ. ފަންސާސް މިލިއަން ހަރަދު ކޮށްގެން ދެ ލައްކަ ހޯދަން ކީއްކުރާ މުއައްސަސާއެއްތޯއެވެ؟ އޭސީސީއަށް ހިޔާނާތުގެ ފައިސާ ނުހޯދެނީ ހަމައެކަނި އެ ކޮމިޝަންގެ މައްސަލައަކުން ނޫނެވެ. އެކަން އެ ކޮމިޝަނަށް ކުރެވެން އޮންނަނީ އެތައް އެހެން މުއައްސަސާއެއްގެ އެއްބާރުލުން ލިބިގެންނެވެ. އެހެންކަމުން އެ ގޮންޖެހުން އޮތްކަން އެއީ ހަގީގަތެކެވެ. ނަމަވެސް، އޭސީސީ އަބަދުހެން ވެފައި އޮންނަނީ ކުރަން ޖެހޭ ކަންތައް ނުކޮށް, އޭރަކު އޮންނަ ސަރުކާރަކުން އެދޭ ސިޔާސީ ސަކަރާތް ޖަހައިދޭ ކޮމިޝަނަކަށެވެ. މާޒީގައި އެފަދަ އެތައް ކަމެއް އޭސީސީއިން ކޮށްފައި އެބަހުއްޓެވެ. އަދި މިހާރު އާދަމް ޝާމިލް އިސްވެ ހުންނަވައި އެ ހިންގަވާ ކޮމިޝަނަށް ވެސް މިފަދަ ތުހުމަތުތައް ގިނައެވެ. ސަރުކާރު މަސްލަހަތު އޮތް މައްސަލައެއް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ހިސާބުން އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަށް މި ހިނގި ކަންކަމުގައި އޭސީސީ ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ, ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާއި ހުސްނުއް ސުއޫދު ކުއްލި ގޮތަކަށް, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކޮށްފައި ވަނީ އޭސީސީއިން ބަލަން ފެށި މައްސަލައަކާ ގުޅިގެންނެވެ. ސަރުކާރުން ވަރަށް ބޭނުންވެފައިވާ ކަމެއްގެ ތެރެއަށް ކުއްލިއަކަށް އޭސީސީ ވަދެ, ސަރުކާރުން ބޭނުންވާ ގޮތަށް ނުފޫޒު ފޯރުވުމަށް މަގުފަހި ކޮށްދެނީ ކަމަށް ތުހުމަތު ކުރެވެއެވެ. މިކަންތައްގަނޑުގައި ވަކިކުރި ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިގޮތުގައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އޭސީސީން, ޖޭއެސްސީއަށް ސިޓީއެއް ފޮނުވީ އެފަދަ ތަހުގީގެއް ނުފަށަނީސް، އޭސީސީގެ ރައީސް ޝާމިލްގެ މަގާމު ދިފާއުކުރުމުގެ ބޭނުމުގައެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި، ޖޭއެސްސީއަށް ފޮނުވި ސިޓީގައި ޝާމިލް ހިމަނުއްވާފައިވަނީ ދޮގު މައުލޫމާތެވެ. އަދި އޭނާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެ ސިޓީ ފޮނުވީ ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން ކަމަށް އަޒްމިރަލްދާ ތުހުމަތު ކުރެއްވިއެވެ. މި ބޮޑު ތުހުމަތާ ގުޅިގެން ޝާމިލް ވެސް އަދި އޭސީސީން ވެސް ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.އޭސީސީގެ މާޒީއާއި މިއަދުގެ ހާލަތަށް ބެލިނަމަވެސް މިފަދަ އެތައް ކަމެއް އެބައޮތެވެ. އަސްލު ކުރަން ޖެހޭ މަސައްކަތަށް ވުރެ، އެ ކޮމިޝަންގެ ވެރިން އިސްކަން ދެއްވަނީ އަމިއްލަ މަގާމުގެ ދިފާއަށޭ ބުނެވޭނެ އެތައް ހާލަތެއް އައިސްފިއެވެ. ސަރުކާރުތަކުން އެޅިހާ ބަތަކަށް ރިހަ ކިޔައިގެން ތިބޭތިބުމަކީ އޭގެ ހެއްކެކެވެ. މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ، އޭސީސީ އޮތީ އެންމެ ރަނގަޅު މޮޑެލްގެ ގޮތުގައި ކަމަށް މިހާރު ގަބޫލުނުކުރެއްވޭ ކަމަށާއި، މައްސަލައަކީ ނިންމުންތައް ނިންމުމުގައި ފަސްޖެހުން ކަމަށެވެ. އޭސީސީގެ މެންބަރުންނަކީ މެރިޓް އުސޫލުން ބަލައި ވަރަށް 'ކޮލިފައިޑް' ރަނގަޅު ބޭފުޅުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް މަސައްކަތުން އެ ނަތީޖާ ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވުން ކަމަށް ނާޒިމް ވިދާޅުވިއެވެ. "މިއީ މައްސަލައަކީ. ހަމަ މީހުންގެ މައްސަލަ މި މައްސަލައަކީ. ނިންމުންތައް ނިންމަން ނުކެރެނީ. ނޫނީ ފަސްޖެހެވެނީ. ނޫނީ އެ ބޭފުޅުންގެ ގާބިލުކަން ނެތީ. މި ބޭފުޅުން [އޭސީސީން] މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނަމަ މިކަންކަން ވެފައި [މައްސަލަތައް ބެލިފައި] ހުންނަންވާނީ،" ނާޒިމް ވިދާޅުވިއެވެ. https://www.sun.mv/203597 ދެން އޮތް އަނެއް މައްސަލައަކީ އޭސީސީގެ ބަޖެޓް ކަނޑައެޅުމުގެ ބާރު ސިޔާސީ މީހުންގެ އަތްމަތީގައި އޮތުމެވެ. ހަމައެއާއެކު ދައުވާ ކުރުމުގެ ބާރު ނެތުމަކީ ވެސް ތަހުގީގުތަކުން ނަތީޖާ ނެރެން އޮތް ހުރަހެކެވެ. އެކަމަކު މި ހުރިހާ ކަމަކަށް ވުރެން އަސްލު އެންމެ ބޭނުން ވަނީ އެތަނަށް އިހުލާސްތެރި މެންބަރުންނެވެ. އެންމެ ބޮޑު މައްސަލަ ހައްލު ވާނީ އޭރަށެވެ. ވަގު ހިފަން ކެރޭ ކޮމިޝަނެއް އުފައްދާނީ ކިހިނެއް؟ މިހާރު ވެސް އޭސީސީ ހިންގަން ލައްކަ އިސްރާފު ކުރެވިއްޖެއެވެ. ދެން ވެސް އެކަން ހުއްޓާލަން އެބަ ޖެހެއެވެ. އޭގެ ބަދަލުގައި އޭސީސީ ހިންގާ މޮޑެލް ތަފާތު ކުރެވިދާނެއެވެ. ރާއްޖެއަށް ބޭނުންވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން, ހޮންކޮންގްގެ އައިސީއޭސީއާއި ސިންގަޕޫރުގެ ސީޕީއައިބީ ފަދަ އިދާރާތަކުގެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް, އާ މޮޑެލްއެއްގެ, އެންޓި ކޮރަޕްޝަން ކޮމިޝަނެއް އުފެއްދުމެވެ. އޭގެ މިސާލަކީ 1970 ގެ އަހަރުތަކުގައި އައިސީއޭސީއިން ހޮންކޮންގުން ކޮރަޕްޝަނާ ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބު ކުރީ އެ ކޮމިޝަަށް ގިނަ ބާރުތަކެއް ލިބިފައިވާތީއެވެ. އެގޮތުން، ފުލުހުންނާއި ސަރުކާރާއި އެހެން ވެސް އިދާރާތަކުގެ ނުފޫޒުން އެ ކޮމިޝަން މިނިވަންވެ އޮވެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. އޭގެ ތެރޭގައި އެ ކޮމިޝަންގެ ތަހުގީގަށް މީހުން ހައްޔަރު ކުރުމާއި ތަންތަން ބަލައި ފާސް ކުރުން ފަދަ ބާރުތައް ލިބުނެވެ. ސިންގަޕޫރުގެ ސީޕީއައިބީ ހިންގަމުން އައީ ބޮޑުވަޒީރުގެ އޮފީހުގެ ދަށުން ނަމަވެސް އެ ބޯޑަށް ފުރިހަމަ ބާރާއި އިހުތިޔާރު އޮންނަނީ ދީފައެވެ. އެގޮތުން ބޮޑު ވަޒީރުގެ ދަށުން މަސައްކަތް ކުރާ ވަޒީރުންގެ މައްޗަށް ތުހުމަތެއް ކުރެވުނަސް އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމުގެ ފުރިހަމަ މިނިވަންކަން އޮންނަނީ ދީފައެވެ. އެފަދަ އެތައް މައްސަލައެއް ބަލައި ފިޔަވަޅު އެޅިއިރު ވަގު ސަލާމަތް ކުރާކަށް ލީ ކުއާން ޔޫއެއް ނޫޅުއްވައެވެ. އަދި، މިއަދުގެ ސިންގަޕޫރުގެ ވެރިންނެއް ވެސް އެއީ އެ މީހުންނާ ކިތަންމެ ގާތް މީހެއް ނަމަވެސް, ވަގުންގެ ދިފާއުގައެއް ނޫޅެއެވެ. އާ މޮޑެލްއެއްގެ އޭސީސީއެއް އުފައްދަން ރާއްޖެއަށް އެފަދަ ބަދަލުތައް މުހިންމެވެ. އަދި އެފަދަ އޭސީސީއެއް ވާން ޖެހޭނީ, ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ތަނަކަށެވެ. ހަމައެއާއެކު އެފަދަ އޭސީސީއެއްގައި ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން އެ މީހުންގެ އެސެޓް ޑިކްލެއާ ކުރަން ޖެހޭނެއެވެ. ހަމައެހެންމެ ކޮރަޕްޝަންގެ މައްސަލަތައް ނުބެލުމުން ނުވަތަ ބެލުން ލަސް ކުރުމުން އޭސީސީ ވެސް ޖަވާބު ދާރީ ކުރެވޭނެ ގޮތްތަކެއް އޮންނަން ޖެހެއެވެ. ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަނުގެ މައްސަލަތައް ފުޅާވާ އެއް ސަބަބަކީ، އެއިރަކު އޮންނަ ސަރުކާރެއްގެ މައްސަލަތައް ނުބެލުމަށް އެ ކޮމިޝަންގެ ރައީސް ޝާމިލް ގެންގުޅުއްވާ ސިޔާސަތުތަކެވެ. އެ މައްސަލައިގެ ހައްލެއްގެ ގޮތުގައި ޝަމީމް ފާހަގަކުރެއްވީ ފުލުހުންނަށް ތަހުގީގު ނިންމަން މުއްދަތު ދީފައި އޮންނަ ގޮތަށް، އޭސީސީއަށް ވެސް މައްސަލަތައް ނިންމަން މުއްދަތެއް ގާނޫނުން ކަނޑައެޅުމެވެ. "ކޮރަޕްޝަންގެ މައްސަލަތައް އަވަސްކުރަން ކުރަންވީ ކަމަކީ، މައްސަލަ ނިންމަންޖެހޭ މުއްދަތެއް ގާނޫނުގައި ލިޔަންވީއެވެ. އޭސީސީއަށާއި، ޕީޖީ އޮފީހަށާއި ކޯޓަށްވެސް މެއެވެ. މިއީ، މިހާރު ވެސް ފުލުހުން ކާމިޔާބުކަމާ އެކު ތަންފީޒުކުރަމުން އަންނަ ނިޒާމެކެވެ." އޭނާ ލިޔުއްވާފައިވެއެވެ. މި ސްޓްރަކްޗަރަލް ބަދަލުތަކާ ނުލައި، ރާއްޖެ ދެމިއޮންނާނީ ޚިޔާނާތުގެ ފުށުއެރުންތަކުގެ ތެރޭގައެވެ. މިހާރު މި އޮތް އޭސީސީއަކީ ނަތީޖާއެއް ނުނެރެވޭގޮތަށް އޮތް ބޮޑު އިސްރާފެކެވެ. ވައްކަން އިންތިހާއަށް އިތުރުކަން އެންމެންނަށް ވެސް އެނގެއެވެ. އަދި އެކަން ނުހުއްޓޭ ކަމާއި ހުއްޓުވަން ނޫޅޭކަން ވެސް އެންމެނަށް އެނގެއެވެ. މިކަން ހުއްޓުވަން ބޭނުންނަމަ ބަދަލުތަކެއް މުހިންމެވެ. އެންމެ މުހިންމީ އެންމެ އިސްވެރިޔާ ފުރަތަމަ އިސްލާހުވުމެވެ. އެއަށް ފަހު ނުފޫޒެއް ނުފޯރުވޭ އޭސީސީއެއް އެކުލަވާލުމެވެ. އެކަމަކު، އެކަން ވާނީ މީހުންނަށްވާ ކަހަލަ މީހުން އެ ކޮމިޝަނަށް ލައިގެންނެވެ. ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ހައްލު ކުރެވެން އެބައޮތެވެ. ވަގުން ހިފެން އެބައޮތެވެ. އެކަން ނުވަނީ އެ އިހުލާސްތެރިކަން ނެތީމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ