ރައީސްގެ ނިންމެވުމާއެކު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހަލުއިވާނެ: ސުޕްރީމް ކޯޓް

ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް، ޖުޑީޝަރީއަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކަނޑައަޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ސަރުކާރުން ނިންމި ނިންމުމަކީ އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހަލުއިވާނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުޑިޝަރީ މިނިވަންކަމާއެކު ފަންކްޝަންކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށެވެ. އެހެންކަމުން އެކަން ކުރުމަށްޓަކައި މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބޭނެ ގޮތް ހެދުމަށް ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަން ކުރުމަށް، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް، ޖުޑީޝަރީއަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކަނޑައަޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށްވަނީ ނިންމާފައި. އަދި އެގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ އެކަންކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ، ފަންނީ އަދި ނިޒާމީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ.
އެ ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓުން ބުނީ ޖުޑިޝަރީ ހަރުދަނާކުރައްވައި، މިނިވަން ޖުޑިޝަރީއެއް ގާއިމުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުއްވުމަށް ނިންމެވި ނިންމެވުމަށް އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ.
މި ނިންމެވުން ހިމެނިގެންދާނީ މި ދާއިރާގެ ކުރިއެރުމާއި މުސްގިއްލުކަން ދެމެހެއްޓެވުމަށް ނިންމެވި ތާރީހީ މުހިންމު ނިންމެވުމެއް ކަމުގައި ކަމަށްވެސް ބުނެފައިވެ އެވެ. އަދި މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތްޕުޅު އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ