ފާތުން އެކައުންޓުން މުއިއްޒު ކެމްޕެއިނަށް 3 މިލިއަން ހަރަދުކުރި، މިހާރު އެތަނެއް ނުފެނޭ: ޔާމީން

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އަމިއްލަ އެކައުންޓުން މުއިއްޒު ކެމްޕެއިނަށް 3 މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށާއި، ނަމަވެސް މިހާރު ފެނުނު ކަމަށް ނުވާކަމަށް [މުއިއްޒު އާއި ލީޑާޝިޕަށް] ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން މިނިވަންވެޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕީއެންއެފް އޮފީހުގައި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މުއިއްޒުގެ ކެމްޕެއިންގައި އެމަނިކުފާނާ އެކު ޓީވީއަށް ވަޑައިގަތުމަށް ފާތުމަތު އިބްރާހިމް އަރިހުން ތަކުރާރުކޮށް އެދިވަޑައިގެންނެވިކަމަށާއި ނަމަވެސް ޓީވީއަށް ވަޑައިނުގަތަސް މުއިއްޒު ކެމްޕެއިންގައި ފައިސާގެ ގޮތުންވެސް އަނބިކަނބަލުން ފާތުން އެހީތެރިވެދެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ޔާމީން ވިދާޅުވީ ޖަލުގައި އެމަނިކުފާނާ ބައްދަލުވި އެތައް ބައެއްގެ ރަށްރަށަށް ގުޅާ ރައީސް މުއިއްޒަށް ވޯޓް ދިނުމަށް އާއިލާތައް ކައިރިން އެދި އެކަމަށް މަސައްކަތް ކުރިކަމަށާއި ނަމަވެސް މިހާރު ސަރުކާރުގައި ތިބި މީހުންނަށް އެކަން ކަން ނުފެންނާނެ ކަމަށެވެ.
ޔާމީން މިނިވަން ވުމާއެކު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވީ ކޯލިޝަނެއް ހަދައިގެން މަސައްކަތް ނުކުރިޔަސް އެމްޑީޕީއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ބައްދަލުވުމުގައި، ބޭރުގެ މީހުންނަށް ރާއްޖޭގެ ރިސޯސަސްތައް ވިއްކާލުމާ އަބަދުވެސް ދެކޮޅު ހައްދަވާނެ ކަމަށް ވިދާޅުވެ ޔާމީން ފާހަގަ ކުރެއްވި އެއްކަމަކީ ރަސްމާލެ ހިއްކުމުގެ އަގެއްގެ ގޮތުގައި މި ސަރުކާރުން 90 ހެކްޓަރުގެ ބިން ބޭރުގެ ބަޔަކަށް ވިއްކާލުމަކީ ޖީއެމްއާރަށް އެއާޕޯޓު ވިއްކާލުން ފަދަ ނިންމުމެއް ކަމަށެވެ.
މީގެއިތުރުން ރައީސް މުއިއްޒާއި، ރައީސް ޔާމީން އެކުގައި މަސައްކަތް ކުރައްވާނެ ހާލަތެއް އެބައޮތްތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޔާމީން ވިދާޅުވީ މިއީ ދެމަފިރިން ނޫން ކަމަށާއި، ނިންމާ ހުރިހާ ނިންމުންތައް ނިންމަވާނީ އުސޫލުތަކަށް ބިނާ ކުރުމަށް ފަހު ކަމަށެވެ.
އުފާފާޅުކުރުމަށް ބޭއްވި ޖަލްސާއަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެރޭ ރައީސް މުއިއްޒަށް ގުޅުއްވައި މެސެޖް ކުރެއްވި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެއްވެސް ޖަވާބެއް ރައީސް މުއިއްޒު ނުދެއްވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެކުގައި މަސައްކަތް ކުރެއްވުމަށް އަތްޕުޅު ދިއްކުރެއްވި ނަމަވެސް ރައީސް މުއިއްޒުގެ އަތްޕުޅުގައި ހިފަަން ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަ ވާނީ ރައީސް މުއިއްޒަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ