ޢިބްރަތްތެރި ވާހަކަ: ފަޤީރުޙާލުގައި އުޅެންޖެހިފައިވާތީ ކައިވެނިނުކުރަންހުރި މީހަކު މާބަނޑު އަންހެނަކަށް ކުރި ޞަދަޤާތުން ލިބުނު ބޮޑު ތަނަވަސްކަމުގެ ވާހަކަ-

ހަމައެކަނި އެންމެ ވާހަކައެއް ބުނެލާނަމެވެ! ކޮންމެ ފިރިހެނަކުވެސް މިފަދަ މީހަކަށްވާށެވެ! އަދި ކޮންމެ އަންހެނަކީވެސް މިފަދަ އަންހެނަކަށްވާށެވެ! ﷲ ގެ ރަޙްމަތް ތަނަވަސްވެގެން އަންނަ ގޮތް ޚިޔާލަށްވެސް ނުގެނެވޭނެއެވެ. އިން ޝާ ﷲ 
އަލުގަނޑު ދިރިއުޅެން ކުރަމުން އައި މަސައްކަތަކީ ކުޑަވަރެއްގެ ފިހާރައެއް ހިންގުމެވެ. އެމަސައްކަތުން ލިބޭ އާމްދަނީން ކުރެވޭ ހަމައެކަނި ކަމަކީ މުސްކުޅި މަންމަ އާއި ބައްޕަ ބަލަހައްޓައިލެވުމެވެ. އަޅުގަނޑުގެ އަމިއްލަ ބޭނުންތައްވެސް ފުއްދައެއް ނުލެވެއެވެ. 
އެހެންވެ ކައިވެނިކުރުމަށްވެސް މާބޮޑު ޝައުޤުވެރިކަމެއް ނުހުރެއެވެ. އެއީ މިޒަމާނުގައި ކައިވެނިކުރުމަށްފަހު އަނބިމީހާއަށް ކޮށްދޭންޖެހޭނެ ކަންތައްތައްވެސް ކޮށްނުދެވިދާނެތީއެވެ. މަންމަ އާއި ބައްޕައަށް ބޭނުންވާ ކަންކަން ކޮށްނުދީ އަމިއްލަ އުފަލަށް އެއްވެސް ކަމެއްކުރަން ބޭނުންނުވާތީއެވެ. 
އަތުގައި ފައިސާ ނެތުމާއިއެކުވެސް ފިހާރަ ކައިރީގައި ދިރިއުޅޭ އަވަށްޓެރިންނަށް ކޮންމެވެސް މިންވަރަކަށް ދަރަންޏަށް ތަކެތިދެމެވެ. މަސް ނިމި މުސާރަލިބުމުން އަދާކުރާގޮތަށެވެ. ޢާންމުކޮށް ހުރިހާ އެންމެންވެސް ވަރަށް ޤަވާއިދުން ދަރަނި އަދާކުރެއެވެ. 
އެއްފަހަރަކު ދިމާވިކަމަކީ އަވަށްޓެރިންގެ ތެރެއިން އަންހެނަކަށް ދަރަންޏެއް ނުދެއްކުނެވެ. އެއީ މާބަނޑު އަންހެނެކެވެ. ހީކުރީ ޑޮކްޓަރަށް ދައްކަން ޖެހޭތީ އަތްމަތި ދަތިވެގެން ނުދެއްކުނީ ކަމަށެވެ. އެހެންވެ ސުވާލެއްވެސް ނުކުރަމެވެ. ނަމަވެސް ދެވަނަ މަހުވެސް ނުދެއްކުމުން ލަދުނުގަންނާނެ ގޮތަށް ކަންކަން އަހައިލީމެވެ. ޙާލަތު އޮޅުންފިލުވައިލީމެވެ. 
އެނގުނީ ފިރިމީހާ އޭނާ ވަރިކޮށްލާފައި ދިއައީ ކަމެވެ. އަދި ޚަރަދަށް އެއްވެސް ފައިސާއެއް ނުދޭކަމެވެ. ވަގުތުން ދަރަނި ކަނޑައިލީމެވެ. އަދި ބުނީމެވެ. "ކަންބޮޑުނުވާށެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ކޮށްދޭނަމެވެ. ވިހާފަ ދަރިފުޅު ލައްވާ ބައްޕަ ކިޔުއްވަންވާނެއެވެ." 
އެހެން ބުނީ ހަމަ ސަމާސައަކަށެވެ. އޭނާ ދެރަވެދާނެތީ ހިތްހަމަޖައްސާލައިދޭށެވެ! އެހެން އެއްވެސް މަޤްޞަދެއް އޮވެގެނެއް ނޫނެވެ. އަޅުގަނޑު ބޭނުންވީ އެންމެ ކަމެކެވެ. އެއީ ނިކަމެތި ޙާލުގައި ހުރި މާބަނޑު އަންހެނަކަށް އެހީތެރިވުމެވެ. އަޅުގަނޑަށް އަންތބަކު ބަލިވެ އިންނާނެ ދުވަސް ހުވަފެނުންވެސް ނުފެންނާތީމައެވެ. 
ކުރުކޮށްލާނަމެވެ. އޭނާ ވިހައި ގަދަވީތަނުން ދަރިފުޅުވެސް ގޮވައިގެން އެއްދުވަހަކު އައިސް ބުނެފިއެވެ. "ދަރިފުޅާއެވެ. އެހެރީ ދަރިފުޅުގެ ބައްޕަ ނޫން ބައްޕައެވެ. ބައްޕަ ނޫން ނަމެއް އޭނާއަށް ނުކިޔާތިއެވެ!" އެހެން ބުނެ ސަމާސާކޮށްލާފައި ހިނގައްޖެއެވެ. 
އެއިގެ 2،3 ދުވަސް ފަހުން އެއް ރޭ އަތުވެއްޖެއެވެ. އައިސް ބުނީ އޭނާއާއި ކައިވެނިކުރަން އެދޭކަމަށެވެ. ދެން އަޅުގަނޑުގެ މާލީ ޙާލަތު ހުރި ގޮތް ކިޔައިދިނީމެވެ. ކިޔައިދިނުމުން އޭނާ ބުންޏެވެ. "ތިއަވާހައަކުން ކައިވެނިނުކުރަންވީ އެއްވެސް މައްސަލައެއް ނުފެނުނެވެ. މިހާރުވެސް މައިންބަފައިންނަށް ޚަރަދުކުރަމުން އަހަރެންނަށާއި ދަރިފުޅަށް ތިއަ އެހީވަނީ ނޫންހެއްޔެވެ؟ ކައިވެނިކުރުމުން އިތުރުވާނީ ކޮން ޚަރަދެއް ހެއްޔެވެ؟ އިތުރު އެއްވެސް ޚަރަދެއް ނުކުރުވާނަމެވެ. އަހަރެންނަކީ އަގުބޮޑު ދިރިއުޅުމަށް ލޯބިކުރާ އަންހެނެއް ނޫނެވެ. ވީމާ ވިސްނައިލާށެވެ." 
އަޅުގަނޑު ވިސްނީމެވެ. އޭނާގެ ގޮތް އެނގޭތީ އޭނާ ދެއްކި ވާހަކަ ޤަބޫލުކުރެވުނެވެ. ހިތްވަރު ލިބުނީ އަނބިދަރިންނަށް ކުރާ ޚަރަދަކީވެސް ޞަދަޤާތެއް ކަމަށް އޮންނާތީއެވެ. ވީމާ ކައިވެނިކުރިނަމަވެސް ޞަދަޤާތުގެ ޘަވާބު ދެއްވަވާނެތީއެވެ. 
އަޅުގަނޑު އޭނާ އާއި ކައިވެނިކުރީމެވެ. ކައިވެނިކުރިތާ 2،3 މަސް ފަހުން އަޅުގަނޑުގެ ވިޔަފާރިއަށް ހެޔޮ ބަދަލުތައް އަންނަން ފަށައިފިއެވެ. ފިހާރައިން ވިޔަފާރިވާ މިންވަރު އިތުރުވެއްޖެއެވެ. ލިބޭ މަންފާ އެތައް ގުނައަކަށް އތުރުވިއެވެ. 
އެކަން އެގޮތަށް މެދުވެރިވުމުގައި އެއް ސަބަބެއް ކަމަށް ބެލެވެނީ ބާޒާރުގައި އަހަރެން ހޭދަކުރާ ވަގުތުތަކުގައި އަނބިމީހާ ފިހާރައިގެ ކަންކަން ބަލަހައްޓައިދިނުމެވެ. ދެވަނަ އަދި އެންމެ ބޮޑު ސަބަބަކީ އަނބިމީހާ ކޮންމެ ރެއަކު އަޅުގަނޑަށްޓަކައި ކުރާ ހެޔޮ ދުޢާއެވެ. އަދި އަޅުގަނޑު ލައްވައި ނަމާދުކޮށް އަޅުކަންކުރުވަން އަނބިމީހާ ބާރުއެޅިމިންވަރުން އަޅުގަނޑަށް އައި އިޞްލާޙީ ބަދަލުތަކެވެ. 
މިވީ އެންމެ 5 އަހަރެވެ. މިއަދު އަޅުގަނޑު ހިންގަނީ ކުޑަ ފިހާރައެއް ނޫނެވެ. ބޮޑު ފިހާރައެކެވެ. އަނބމީހާ އަމިއްލައަށް ފޮތިފިހާރައެއް ހިންގައެވެ. ދެމީހުންގެ ޢާއިލާވެސް ބަލަހައްޓަމުއެވެ. 
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތެވެ. ކަންކަން ތަޖުރިބާ ކުރެވުނު ގޮތެވެ. އަޅުގަނޑު ބުނެލަން ބޭނުމީ އެންމެ ވާހަކައެކެވެ. ފުރަތަމަ ކަމަކަށް މައިންބަފައިންނަށް ހެޔޮކޮށް ކަންކަންކުރާށެވެ. އަދި ހެޔޮލަފާ އަންތބަކު ލިބުމަކީ 2،3 މިލިއަން ރުފިޔާ ލިބުމަށްވުރެ މާފައިދާހުރިކަމެކެވެ. 
- ޢަބްދުއްރައްޒާޤް / މިއަދުނޫހުގެ ކިޔުންތެރިއެއް 
މިއަދުނޫހުގެ ބަހެއް: 
("ތަނަވަސްކަން ކުޑަކަމުން ކައިވެނިނުކުރަންހުރި މީހަކު މާބަނޑު އަންހެނަކަށް ކުރި ޞަދަޤާތުން ލިބުނު ބޮޑު ތަނަވަސްކަމުގެ ވާހަކަ" މިސުރުޚީ ދިނީ އަންހެން މީހާ ޢަބްދުއްރައްޒާޤާ ކައިވެނިކުރަން ޝައުޤުވެރިވީ އޭނާ އަށް ހެޔޮކޮށް ހިތުމުން ކަމުގައިވާތީއެވެ. މިއީ ގިނަ ބައަކު ސަމާލުކަން ނުދޭ ކަމެކެވެ. އަނެކާއަށް ހެޔޮކޮށް ހިތުމުން އުފެދޭލޯބީގެ ބާރު މާވަރުގަދަވާނެކަން ވިސްނަނީ ވަރަށް މަދު މީހެކެވެ. ﷲ އަށްޓަކައި މީހަކަށް އެހީތެރިވުމުން ލައްވަވާނެ ރަޙްމަތާއިމެދު ވިސްނަނީވެސް މަދުމީހެކެވެ. މިދެމަފިރިންގެ ވާހަކައިން މި 2 ކަންތައް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ