ސުޕްރީމް ކޯޓުން ނިންމީ ދުސްތޫރީ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިފަހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހަނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
މި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދެއްވުން އެދި ހޯމަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފައިވެއެވެ.
ހޯމަ ދުވަހު މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އިޖުރާއީ އިއުތިރާޒު ހުށަހަޅުއްވަމުން ބަންޑާރަނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ، މި މައްސަލަ ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާއާ ޙަވާލާދީ، ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަދި 3 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
އެހެންނަމަވެސް މިހާރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، މިއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިޙްތިސާސް ލިބިދޭ މައްސަލައެއް ނޫންކަމަށް ދައުލަތުގެ ބަންޑާރަނައިބު ދެކިލައްވާކަމަށް ވަކީލު ވިދާޅުވިއެވެ.
އެކަން ތަފްސީލު ކޮށްދެއްވަމުން އޭޖީ އޮފީހުގެ ވަކީލު ވިދާޅުވީ، ޤާނޫނުއަސާސީގެ އެއް މާއްދާ އަދި އަނެއް މާއްދާ ތައާރުޒުވާކަމަށް ބުނެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ. އެގޮތުން މި މައްސަލައިގައި ހުށަހެޅި ފަރާތުން ބުނެފައިވަނީ، މި އިސްލާޙު ޤާނޫނުއަސާސީގެ 4 ، 26، 75، އަދި 90 ވަނަ މާއްދާއާ ޚިލާފުކަމަށެވެ.
އެކަމާ ގުޅޭގޮތުން މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ދީފައިވެއެވެ.
އަންގާރަ ދުވަހުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިކަމުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ މި މައްސަލައަކީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ. އެގޮތަށް ނިންމެވީ ހުރިހާ ފަނޑިޔާރުންނާވެސް މަޝްވަރާ ކުރެއްވުމަށްފަހުކަމަށް އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ދައުލަތުން އެދުނު ގޮތަށް 10 ދުވަހުގެ މުއްދަތެއް ފަނޑިޔާރުން ވަނީ ހުރިހާ ފަރާތްތަކަށްވެސް ދެއްވާފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ