ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވައުދުނާމާގައި ނެތް ކަންކަން ފުއްދުމަށްޓަކައި ލާރި ހުންނައިރު، ވައުދުވީ ކަންކަން ފުއްދުމަށް ލާރި ނެތީ ކީއްވެތޯ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ސުވާލު ކުރައްވައިފިއެވެ.
މެމްބަރު އެފަދައިން ވިދާޅުވީ، ހޯމަ ދުވަހުގެ ހެނދުނު އެމްޑީޕީން ފިނޭންސް މިނިސްޓްރީގެ ދޮށުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ ރަށްރަށުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް މި ސަރުކާރާއެކު ހުއްޓިފައިވާ ކަމަށާއި، ކޮންޓްރެކްޓަރުންވެސް ތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބޭ ކަމުގެ ކަންބޮޑުވުން އޮތްކަންވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށާއި، މިއަދު ދަރިވަރުންވެސް ތިބީ އެ ދަރިވަރުންނަށް ލިބެންޖެހޭ ފައިސާ ނުލިބި ނުހަނު ތަކުލީފުގައިކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައްޔިތަކަށް ފައިދާވާ ކަމެއްގައި ސަރުކާރުން ފައިސާ ޚަރަދު ނުކުރާ ކަމަށެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވައުދުނާމާގައި ނެތް ކަންކަން ފުއްދުމަށްޓަކައި ލާރި ހުންނައިރު، ވައުދުވީ ކަންކަން ފުއްދުމަށް ލާރި ނެތީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. މިއީ މާލީ ވުޒާރާއިންވެސް ސާފުކޮށްދޭން ޖެހޭ ކަންކަން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހަޅުއްވާ ސުވާލުތަކަށް ޖަވާބު ނުދެއްވާ ކަމަށް ބުނެ، އެ މެންބަރުންގެ އިތުރުން އެމްޑީޕީގެ ސަޕޯޓަރުން ވަނީ ފިނޭންސް މިނިސްޓްރީ ސަރަޙައްދުގައި މުޒާހަރާކޮށްފައެވެ. އަދި މިފަދަ މުޒާހަރާތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެކަން އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.
ވައުދުނާމާގައި ނެތްކަންކަން ކުރާއިރު، ވައުދު ފުއްދަން ފައިސާ ނެތީ ކީއްވެތޯ ސުވާލު އުފެދޭ: އަހުމަދު ދީދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ