ޝަހުޒާންއާއި ލީވާން ޖަލަށްލީ މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކަމިޝަނަރގެ އޮފީހަށް ހުށަހަޅައިފި

އަދަދު އޮންލައިންގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރުގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ދައުވާ އުފުލައި، އެ މީހުން ޖަލަށްލީ މައްސަލަ އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރގެ އޮފީހަށް ހުށަހަޅައިފި އެވެ. 
މި މައްސަލަ އ.ދ. އަށް ހުށަހަޅާފައިވަނީ ނޫސްވެރިންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް، ގާނޫނާ ހިލާފަށް އެ މީހުން ހައްޔަރުކޮށް، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ އެވެ. އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ނޫސްވެރިންނާ މެދު ފިޔަވަޅު އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން "އައިޝާ" ނަމުގައި އަދަދު އޮންލައިންއިން ތައްޔާރުކުރި ޑޮކިއުމަންޓްރީއާ ގުޅިގެންނެވެ.
މި މައްސަލައިގެ ފެށުމަކީ މާޗް 28، 2026 ގައި އަދަދު އޮންލައިންއިން އާންމުކުރި ޑޮކިއުމަންޓްރީ އެވެ. އެއަށްފަހު، އޭޕްރިލް 28 ގައި ފުލުހުން ވަނީ އަދަދު ނިއުސްރޫމަށް ވަދެ، ނޫސްވެރިންގެ ލެޕްޓޮޕްތަކާއި ސްޓޯރޭޖް ޑިވައިސްތައް ހިފަހައްޓާފަ އެވެ. އަދި މެއި 10، 2026 ގައި ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމަންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް، ވަރުގަދަ "ގޭގް އޯޑަރެއް" ނެރެފަ އެވެ.
ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ހައްޔަރުކޮށްފައިވަނީ މެއި 11 ވަނަ ދުވަހު ބޭއްވި ރިޔާސީ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑޮކިއުމަންޓްރީގައިވާ ތުހުމަތުތަކާ ގުޅޭގޮތުން ރައީސަށް ސުވާލު ދެންނެވުމުންނެވެ. އެ ސުވާލާ ގުޅިގެން އޭނާ ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށް، ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެ 15 ދުވަހުގެ ޖަލު ހުކުމަކާއި 25،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ. ނޫސްވެރިޔާ ލީވާން އަލީ ނަސީރު ޖަލަށްލާފައިވަނީ ކޯޓު އަމުރާ ގުޅޭގޮތުން ލިޔުނު ރިޕޯޓަކާ ގުޅިގެން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި 10 ދުވަހުގެ މުއްދަތަށެވެ.
އދ. އަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މި ނޫސްވެރިންނަށް ގާނޫނީ ވަކީލަކު އައްޔަންކުރުމަށް އެކަށީގެންވާ ވަގުތު ދީފައިނުވާ ކަމަށެވެ. ކޯޓުން ވަކީލަކު ހޯދަން ދީފައިވަނީ އެންމެ ދެ ގަޑިއިރު ކަމަށްވާތީ، މިއީ އިންސާފުވެރި ޝަރީއަތެއްގެ ހައްގުން މަހުރޫމްކުރުން ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާގެ 19 ވަނަ މާއްދާއާ ހިލާފަށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ހިންގާފައިވާ އަމަލެއް ކަމަށްވެސް ބުނެފައި ވެ އެވެ.
މި މައްސަލައިގައި ދައުލަތުގެ އެކި މުއައްސަސާތަކުން ނޫސްވެރިންނަށް ބިރުދައްކައި، ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ފުލުހުންނާއި، ކްރިމިނަލް ކޯޓު ހިމެނެ އެވެ. މިހާރު މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް، ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު އޮތް މިންވަރުން އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އދއަށް ހުށަހެޅި ލިޔުމުގައި ބަޔާންކޮށްފައި ވެ އެވެ.
މި ދެ ނޫސްވެރިންނަކީ ވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ، ދައުލަތް ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ފާހަގަކޮށް، އެ މީހުން ވަގުތުން މިނިވަންކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ