ރައީސް ނަޝީދު ނޫން އެހެން މީހެއް ދައްކައި، އެމްޑީޕީގެ ރޫޙު އަނބުރާ ގެނެވޭނީ އެމީހަކަށޭ ބުނާނީ މޮޔައެއް: އަމީރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫން އެހެން މީހެއް ދެއްކހމަށް ފަހު އެމްޑީޕީގެ ރޫޙު އަނބުރާ ގެނެވޭނެ މީހަކީ އެއީިކަމަށް ވަކާލާތު ކުރުމަކީ މޮޔަ ވިސްނުމެއްކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ ގދ. ގައްދޫގައި ކުރިއަށް ގެންދިޔަ ”ބޮޑު ބަދަލު“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން އެމްޑީޕީއަށް ބޭނުންވާ ރޫޙު ގެނެވޭނީ ހަމައެކަނި ރައީސް ނަޝީދަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީއިން ބޭނުންވަނީ މުޒާހަރާތަކަށް މީހުން ގިނަކުރަންކަމަށް ވިދާޅުވިއެވެ.
ފާއިތުވެ ދިޔަ ދެއަހަރަށް ބަލާއިރުވެސް އެތަކެއް މުޒާހަރާތަކެއް ކޮށްފައިވާނެކަމަށާއި ކޮންމެ ރެޔަކުވެސް ޕާޓީގެ ހަރުގެއިން ނިކުމެ މާލޭގެ މަގުތަކުގައި މުޒާހަރާ ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ނަޝީދު އެނބުރި އެމްޑީޕީއާއި ގުޅިވަޑައިގެން މުޒާހަރާގެ މައިދާނުގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ ރެޔަކު އެތައް ރައްޔިތުންނެއް ޖަމާވާއިރު އޭކަމުން  ފެނިގެންދަނީ ސަރުކާރު ބިރުގަންނާނެފަދަ މުޒާހަރާތައްވެސް ކުރިއަށް ގެންދެވޭނީ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންކަމަށް އަމީރު ވިދާޅުވިއެވެ.
”އެމްޑީޕީއަށް ބޭނުންވާ ރޫޙު ގެނެވޭނީ ހަމައެކަނި ރައީސް ނަޝީދަށް، ރައީސް ނަޝީދު ނޫން އެހެން މީހަކު ދައްކާފައި ޕާޓީގެ ރޫޙު ގެނެވޭނީ އެމީހަކަށޭ ބުނާނީ މޮޔައެއް“ އަމީރު
މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް މިރޫޙާއި ޖޯޝާއި ފޯރި ގެނެވޭނީ ރައީސް ނަޝީދުއާއިއެކުކަމަށް އަމީރު ތަކުރާރުކުރެއްވިއެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ ކޮންމެ ސަބަބަކާއިހުރެ 2023 ގެންލިގެން ދިޔަނަމަވެސް އެކަން ހިނގާދިޔަގޮތް ވަރަށް ތަފްސީލީ ގޮތެއްގައި އެމްޑީޕީގެ ކުރީގެ ޗެއާރޕާރސަން ފައްޔާޒު އިސްމާއިލް މަޤާމުން އިސްތިއުފާ ދެއްވި ރޭ ޕާޓީގެ ޤައުމީ މަޖިލީހުގައި ފާހަގަކުރެއްވިކަމަށެވެ.
އަދި އޭރުވެސް 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތްތަކެއް ހުރިކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ރައީސް ނަޝީދާއެކު އެތަކެއް މަޝްވަރާތަކެއް ކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކުއްލިއަކަށް ޕާޓިގެ ތެރޭގައި ކަންކަން ބަދަލުވެ ރައީސް ނަޝީދުއާއި ނުލާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ވާހަކަ ދެކެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ނުލާ އިންތިޚާބު ކާމިޔާބުކުރާނަމަ ލިބޭނީ ކިހާ އަދަދެއްގެ ވޯޓެއްތޯއާއި މެދުވެސް ވާހަކަ ދެކެވުނުކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެނިންމުމަކީ މުޅި ޙަޔާތުގައިވެސް ނިންމާ އެންމެ ހިތާމަވެރި ނިންމުން ކަމުގައި ފައްޔާޒު ވިދާޅުވިކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ކުރަމުންމިދާ މަސައްކަތަކީ ކުރިއަށް އޮތް ޗެއާރޕާރސަން އިންތިޚާބާއިއެކު އެމްޑީޕީގެ އެތެރޭގައ ގެއްލިފައިވާ ރޫޙު އަނބުރާ ހޯދުންކަމަށް އަމީރު ވިދާޅުވިއެވެ.
ރައީސް ނަޝީދު ހުންނަވަނިކޮށް 35 އަހަރުގެ ޒުވާނެއް ދައްކައި، ވާދަވަރިން ބިރުގަންނާނެ ލީޑަރަކީ އެއީކަމަށް ބުނުމަކީ ޖޯކެއްގެ ގޮތުގައި އަމީރު ސިފަ ކުރެއްވި އެވެ. އަދި ރާއްޖޭގެ އެއްވެސް ރައްޔިތަކު އެކަން ޤަބޫލު ނުކުރާނެކަމަށް އަމީރު ވިދާޅުވިއެވެ.
”ރައީސް ނަޝީދު ހުންނަވަނިކޮށް 35 އަހަރުގެ ޒުވާނެއް ދައްކާފައި ވާދަވަރިން ބިރުގަންނާނީ އޭނާ ދެކެއޭ ތިބުނަނީ؟“ އަމީރު
އަމީރު ވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގައްދޫ އަބަދުވެސް ތަފާތުވާނެކަމަށް ވިދާޅުވެ މިމަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާރޕާރސަން އިންތިޚާބުގައި ގައްދޫގެ އެންމެން ގުޅިގެން 95 އިންސައްތައިގެ އަޤުލަބިއްޔަތަކުން ރައީސް ނަޝީދު ކާމިޔާބު ހޯދާނެކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ