ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބައެއް މުވައްޒަފުންނަށް ޑަބަލްކޮށް މުސާރަ ދިނުމަށްފަހު އިތުރުވީ ބައި އަލުން އަނބުރާ ފޮނުވައިދޭން އެ މުވައްޒަފުންނަށް ކުންފުނިން އަންގައިފި އެވެ.
އަދަދު އަށް މައުލޫމާތު ދިން ވެމްކޯގެ ބައެއް މުވައްޒަފުން ބުނީ މިދިޔަ މަހުގެ މުސާރަ އަދިވެސް ހުރިހާ މުވައްޒަފުންނަށް ނުލިބޭ ކަމަށެވެ. އަދި، މުސާރަ ލިބުނު މުވައްޒަފުންގެ ތެރެއިން ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ދީފައި ވަނީ ޑަބަލްކޮށް ކަމަށް އެ މީހުން ބުންޏެވެ.
"މިއީ މިހާރު މި މަހުގެ އަށެއް ދޯ؟ އެކަމަކު އަދިވެސް މުސާރަ ނުލިބޭ. ދެން އަނެއްކާ މުސާރަ ދިންއިރު މިހުރީ ޑަބަލްކޮށް ދީފައި ބައެއް ސްޓާފުންނަށް. ދެން މި ފޮނުވަނީ މެސެޖެއް، އެ ފައިސާ ބޭނުންނުކޮށް ބަހައްޓާށޯ، އެ ބުނާ އެކައުންޓަކަށް އެ ފައިސާ ފޮނުވައިދޭށޯ ކިޔާފައި،" މި ނޫހަށް މައުލޫމާތު ދިން ވެމްކޯގެ މުވައްޒަފަކު ބުންޏެވެ.
އާންމު ގޮތެއްގައި ކޮންމެ މަހެއްގެ އެއްވަނަ ދުވަހު މުވައްޒަފުންނަށް މުސާރަ ދޭ ވެމްކޯއަށް މި އަހަރު ފެށުނުފަހުން މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވާން ވަނީ ފަށައިފަ އެވެ.
އެކި މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ނުދެވި ލަސްތަކެއް ދިމާވަނީ ކުންފުނީގެ ކޭޝްފްލޯ ދަށްވުމުން، ފިނޭންސް މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ ފައިސާ ބަރާބަރަށް ފޯރުކޮށްނުދޭތީ އެވެ.
ނިމިދިޔަ ރޯދަ މަހު ވެމްކޯގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ޖަމާކޮށް ނިމުނީ ރޯދަ މަސް ފެށުނުފަހުންނެވެ. ގާނޫނުގައި ބުނާގޮތުން ރޯދަ އިނާޔަތަކީ ރޯދަ މަސް ފެށުމުގެ ކުރިން ދޭންޖެހޭ އެއްޗެކެވެ.
ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ މުޒާހަރާކުރި ގދ. ތިނަދޫ ބްރާންޗުގެ ދެ މުވައްޒަފަކު، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފިއެވެ. 19 މަސް ދުވަހު ޕެންޝަން ފައިސާ ނުދައްކާ އޮތް މައްސަލައިގައި މުޒާހަރާކުރި މި ދެ މީހުން ވަކިކުރީ ކުންފުންޏަށް ގެއްލުން ލިބިދާނެ ކަމަށް ބުނެއެވެ. މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރި ނަމަވެސް، ކުންފުންޏަށް ފައިސާ ނުލިބޭތީ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރެވޭ ކަމަށް ވެމްކޯއިން ވަނީ މީގެ ކުރިން އެއްބަސްވެފައެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބެލިއިރު ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ކަނޑާ ޕެންޝަން ފައިސާ، އެ މުވައްޒަފުންގެ ޕެންޝަން އެކައުންޓުތަކަށް ޖަމާނުކުރާކަން ހާމަވި އެވެ. އޭރު ހާމަވި ގޮތުގައި ވެމްކޯއިން ޕެންޝަނަށް އެންމެ ފަހުން ފައިސާ ދެއްކީ އޮކްޓޯބަރު 16، 2024، ގަ އެވެ.
ވެމްކޯއިން އެކަމަށް އެއްބަސްވެ އޭރު ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދެނީ އެ ކުންފުންޏަށް ލިބޭ އާމްދަނީގެ އިތުރުން ސަރުކާރުން ދޭ ފައިސާއިން ކަމަށެވެ. މީގެތެރެއިން އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެކި ފަރާތްތަކުން ނުދައްކާ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ އެއް ކުންފުނި، ވެމްކޯއަށް މިދިޔަ އަހަރު އެކަނިވެސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 439.6 މިލިއަން ރުފިޔާ ހަރަދުކުރިކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
ވެމްކޯއިން 2023 ގައި މުވައްޒަފުންގެ މުސާރައިގެ ގޮތުގައި 225.6 މިލިއަން ހަރަދުކުރިއިރު، 2024 ގައި މުވައްޒަފުންގެ މުސާރައަށް ހަރަދުކުރީ 335.3 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެ ކުންފުނިން މުވައްޒަފުންގެ މުސާރައަށް ކޮންމެ އަހަރަކު ހޭދަކުރަމުންދާ މިންވަރު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ.
މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި 3,500 އެއްހާ މުވައްޒަފުން ތިބިއިރު، ހިނގަމުންދާ ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ވެމްކޯއަށް ނަގާފައިވާކަން ފާހަގަކުރެވެ އެވެ.
ޕީސީބީން ބުނާ ގޮތުގައި ވެމްކޯއަށް 2024 ވަނަ އަހަރު 138 މިލިއަން ރުފިޔާ ގެއްލުންވި އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއްވީ 55 މިލިއަން ރުފިޔާއާއެކު ފަހު ކުއާޓާގަ އެވެ. އެ ކުންފުންޏަށް 2024 ވަނަ އަހަރު 61 މިލިއަނުގެ ގެއްލުމެއް ލިބުނުއިރު، 2023 ގައި 93 މިލިއަނުގެ ގެއްލުމެއް ލިބިފައިވެ އެވެ.
ވެމްކޯގެ ބައެއް މުވައްޒަފުންނަށް ޑަބަލްކޮށް މުސާރަ ދިނުމަށްފަހު އިތުރުވި ބައި އަލުން ފޮނުވައިދޭން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ