ކަލާ ފެނިލުމުން... 65

އެއާއެކު އެ ކުއްޖާ ކޮންމެވެސް ތަނަކުން ފެނުނުހެން އޭނާއަށް ހީވާން ފެށިއެވެ. "ޔޫ؟" ވިސްނަން ހުރެފައި އެ އަންހެން ކުއްޖާ ޔޫޝައުއާ ދިމާލަށް އިނގިލި ދިއްކޮށްލިއެވެ. "ލުބާ… ޔޫ ނޯ ހިމް؟" ޒާޔާ ސުވާލުކޮށްލިއެވެ. "ނޫނޭ... އެކަމަކު…. ޔެސް. އެ ދުވަހު އެއާޕޯޓުން ފެނުނީ...... ރިމެެންބަރ. ނުބަލާ ތިބިގެން ގޮސް ދެމީހުން އެކަކު އަނެކަކުގެ ގައިގަ ޖެހުނީ!." ލުބާ ހީނލިއެވެ. ޔޫޝައުއަށް އެ ދުވަހުގެ މަތީން ހަނދާންވުމާއެކު އޭނާއަށް ވެސް ހެވުނެވެ. "އައެމް ލުބާ. ތީ." ލުބާ ސަލާމަށް އަތް ދިއްކޮށްލިއެވެ. އޭނާއަށް ޔޫޝައުގެ ފިރިހެންވަންތަކަމަށް ހިތާ ހިތުން ތައުރީފް ކުރެވުނެވެ. "ޔޫޝައު." ޔޫޝައު އެ އަތުގައި ހިފާ ސަލާމްކޮށްލިއެވެ. "އަދި އިތުރު ބައެއް އަންނަ ވާހަކަވެސް ބުނީމެއްނު." ލުބާ ޒާޔާއަށް ބަލައިލިއެވެ. އެއާއެކު ޒާޔާ އަވަސްވެގަތީ މައުވާއަށް ގުޅުމަށެވެ. "ކޮބާ މައު؟ މިހާރު އެންމެން އަތުވެއްޖެ!" ޒާޔާ ފޯނުން ވާހަކަ ދެއްކިއެވެ. "މި ގާތްކުރީ." އެހެން ބުނެލާފައި މައުވާ ފޯނު ބޭއްވިތާ ފަސްމިނެޓްވެސް ނުވަނީސް އެދިމާލަށް މަޑުކޮށްލި ކާރުން މައުވާއާއި އަފްނާން ފޭބިއެވެ. އެ ދެމީހުން އަންނަމުން ދިޔަ މަންޒަރު ބަލަންހުރި ޔޫޝައު ކުޑަކޮށް ދުރަށް ޖެހިލަމުން ފޯނަށް ބަލަން ފެށިއެވެ. ޔޫޝައުއަށް އައި ބަދަލުތައް އެންމެ ގާތުން ފެނުނީ ޒާޔާއަށެވެ. އޭނާއަށް ނޭނގުނުކަމަކީ، އެތަނުގައި ހުރި ލުބާއަށްވެސް އެކަން ފާހަގަވީކަމެވެ. ލުބާއަށް ޝަކުވާން ފެށީ ޒާޔާވެސް ޔޫޝައުއަށް ބަލައިލި ގޮތުންނެވެ. "އޯހް." އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ލުބާއަށް ބުނެވުނެވެ. ކުޑަކޮށް ބުމަ ވެސް އަރުވާ ލެވުނެވެ. އަފްނާންއާއެކު މައުވާ އައިސް ހަޓަށް ވަނުމަށްފަހު ޔޫޝައުއަށް ބަލައިލިއެވެ. އޭރުވެސް ޔޫޝައުހުރީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ހީވާކަހަލައެވެެ. އޭނާ މައުވާއާ ކުރިމަތިލާން ބޭނުންނުވަނީއެވެ. އެހެން ނޫނީ އެ ހިތްވަރު އޭނާގެ ނެތީއެވެ. އަފްނާންއަށް ބަލައިލާފައި މައުވާ ޔޫޝައުއަށް ނަޒަރެއް ދިނުމުން މައުވާ އެބުނަނީ ކީކޭކަން އޭނާއަށް އެނގުނެވެ. އަފްނާން ބޯ ޖަހައިލިއެވެ. މައުވާއަށް އޭނާ ހުއްދަ ދިނީއެވެ. އެއާއެކު މައުވާ ގޮސް ޔޫޝައުއަށް ގޮވައިލިއެވެ. ފޯނަށް ބަލަން ހުރިނަމަވެސް، ޔޫޝައުގެ ސިކުނޑީގައިވަނީ މައުވާގެ ޚިޔާލުތަކެވެ. ކައިރިއަށް ހުއްޓުނު މައުވާއަށް ބަަލައިލާފައި ހީނލުމަށްފަހު ޔޫޝައު އޭނާ ކިހިނެއްތޯ ސުވާލުކޮށްލީ، އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ކުރި ހޯދަން މަސައްކަތްކުރާ ޙާލުގައެވެ. އެކަން އެނގި މައުވާ ޔޫޝައުއާ އާދައިގެ ގޮތަކަށް ވާހަކަ ދައްކަން ފެށީ ވެދިޔަ އެއްވެސް ކަމަކުން އެމީހުންގެ އެކުވެރިކަމަށް އެއްވެސް ވަރަކަށް ބުރޫ ނާރާކަން ޔޫޝައުއަށް އަންގައިދިނުމުގެ ގޮތުންނެވެ. މައުވާ ހުރީ އޭނާދެކެ ހިތްހަމަނުޖެހިފައި ނޫންކަން އެނގުމުން ޔޫޝައުއަށް ޝުކުރުވެރިކަމުގެ ބެލުމަކުން މައުވާއަށް ބަލައިލެވުނެވެ. މައުވާއާ އޭނާ ވާހަކަ ދެއްކިއެވެ. "މައު އަހަރެން ދެކެ ރުޅިއެއް ނާދޭތަ؟" ޔޫޝައު އަހައިލިއެވެ. "އަހަރެން ޔޫޝައު ދެކެ ރުޅި އަންނަން ޖެހޭ އެއްވެސް ރީޒަންއެއް ނެތް." މައުވާ ހީނލިއެވެ. އިރުކޮޅެއް ދީފައި އޭނާ ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކިއެވެ. "އަފޫއާ ވާހަކަ ނުދައްކާނަން؟" މައުވާގެ އެދުމަކީ އެމީހުން އެންމެންގެ ދެމެދުވެސް ކުރިން އޮތް އެކުވެރިކަން އޮތުމެވެ. އެ ސުވާލުކުރެވުނު މައިގަނޑު ސަބަބަކީވެސް އެއީއެވެ. އެމީހުން ދެމެދުވާ ނުތަނަވަސްކަން ހައްލުވެގެން ދިޔުމަކީ އޭނާގެ ހިތުގެ އެދުމެވެ. ޔޫޝައު އަފްނާންއަށް ބަލައިލިއިރު އަފްނާން ހުރީ އެ ދެމީހުންނަށް ބަލަހައްޓައިގެންނެވެ. އޭނާއާ ދިމާލަށް ބަލައިލަމުން އަފްނާން ލުއިކޮށް ހީނލިއެވެ. ރައްދުގައި ޔޫޝައުވެސް އަތް ހިއްލައިލަމުން "ހައި" އޭ ބުނެލިއެވެ. ލަސްތަކެއް ނުވެ ބާބިކިއުއަށް ތައްޔާރުވާން ފެށިއްޖެއެވެ. ކުކުޅުފައިތަކުން ހަންތައް ނޮޅުމާއި އަލުވި ތަކުގައި ފޮއިލް އޮޅުމުގައި ތިން ފިރިހެންވެރިން ހަރަކާތްތެރިވަމުން ދިޔައިރު އަންހެން ވެރިންގެ ކަމަކަށްވީ، ސޮސެޖުތަކުގައި ޅިޔަ އެޅުމާއި މަސްކާށި ޓްރޭއެއް ތައްޔާރުކުރުމެވެ. އެހެން ތިބިއިރު ލުބާގެ ނަޒަރު އިރުއިރުކޮޅަކާ ޔޫޝައުއަށް ހުއްޓޭކަން ޒާޔާއަށް ފާހަގަވިއެވެ. އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވި ނަމަވެސް، އެވަގުތު ހިމޭންކަން ޚިޔާރުކޮށްގެން އިނީއެވެ. "ސޮރީ…" އަލިފާންގަނޑު ރޯކުރުމަށްޓަކައި ރަޔާން ދިޔަ ވަގުތު ކުކުޅުފައިތަކުގައި މިރުސް އުނގުޅަން ހުރި ޔޫޝައު އަފްނާންއަށް ބުނެލިއެވެ. "ކޮން ކަމަކަށް؟" އަފްނާން އޭނާގެ މަސައްކަތް ކުޑަކޮށް މަޑުޖައްސާލަމުން ޔޫޝައުއަށް ބަލައިލިއެވެ. "ވީޑިއޯތައް ލީކް ކުރީމަ." ޔޫޝައު އޭނާގެ މަސައްކަތް ހުއްޓާލުމެއްނެތި ވާހަކަ ދެއްކިއެވެ. "ޔޫޝައުގެ މަޤާމުގައި އަހަރެން ހުރި ނަމަވެސް އެހެން ކަންނޭނގެ ކަންތައް ކުރެވޭނީ." އަފްނާން ބުނެލިއެވެ. "މޭކް ޝުއަރ ޔޫ ގިވް ހާރ އޯލް ދި ލަވް ޝީ ޑިޒާވްސް." ރަޔާން ގޮވައިލުމުން އަތް ދޮވެލާފައި އެ ދިމާލަށް ހިނގައިގަންނަމުން ޔޫޝައު އަފްނާންއަށް ބަލައިލިއިރު އެ ބެލުމުން އިންޒާރުގެ ކުލަވަރު ފެނުނެއްކަމަކު އަޑުގައިވަނީ މަޑުމައިތިރިކަމެވެ. "އެހެންވީމާ އަހަރެންގެ ހީއަކީ ކުށްހީއެއް ނޫންތާ؟ ހަމަ ޔަޤީނުންވެސް އެ ދެމީހުންގެ ދެމެދު އެބަ ނުތަނަވަސްކަމެއްވޭ. އަދި އެކަން ގުޅިފައިވަނީވެސް މައުވާއާ…." އެހުރިހާއިރު ޔޫޝައުއަށް ސަމާލުލަން ދީގެން އިން ލުބާއަށް ހިތާ ހިތާ ވާހަކަ ދެކެވުނެވެ. ޔޫޝައުއަށް ބަލައިލާފައި ލުބާ އެ ދިމާލަށް ހިނގައިގަތީ ޔޫޝައު އެކަނިވީ ވަގުތެއްގައެވެ. އޭރު އެ މީހުންގެ މަސައްކަތްހުރީ ގާތްގަނޑަކަށް ނިމިފައެވެ. "ހެއި…" ޔޫޝައުގެ ގާތަށް ހުއްޓި ލުބާ އޭނާއަށް ގޮވައިލިއެވެ. "ނުނިމޭތަ؟" "މިހާރު މި ނިމެނީ." ޔޫޝައު ހިނިތުންވުމެއް ލުބާއަށް ހަދިޔާކޮށްލިއެވެ. "ހެލްޕެއް ބޭނުންތަ؟" ލުބާ އަނެއްކާވެސް އަހައިލިއެވެ. "ނޫން. އޯލްމޯސްޓް ޑަން." ޔޫޝައު ބުނެލިއެވެ. "އޯލްރައިޓް." އެހެން ބުނެލާފައި ލުބާ ދިޔައީ ރަޔާންމެންނާ ދިމާލަށެވެ. ޔޫޝައުއަށްވެސް ލުބާ ދިޔަ ދިމާލަށް ފަސް އެނބުރި ބަލައިލެވުނެވެ. ކުކުޅާއި ސޮސެޖާއި އަލުވިތައް ފިހަން ލީ ފިރިހެންވެރިންނެވެ. ގެނައި ޕާނާއި ރޮށިތައް ތަށިތަކަށް އަޅާ ތަށިތައް ތައްޔާރުކޮށްފައި އަންހެންވެރިންވެސް ހަމަޖެހިލިއެވެ. ގްރިލް މަތީގައި ކާއެއްޗެހި ތައްޔާރުވަމުން ދިޔައިރު މުޅި ސަރަހައްދުގައިވަނީ ކުޅިދިޔާވާފަދަ މީރުވަހެއް ހިފާލާފައެވެ. އެހާ ދުވަސްފަހުން އެފަދަ މާހައުލެއްގައި ހިތް އުފާކޮށްލާ އެކުވެރިކަން ބަދަހިކޮށްލަން ލިބުނު ފުރުސަތުން ކޮންމެ މީހެއްގެ ހިތުގައިވެސް ވަނީ އުފާވެރިކަމެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތައް އަލިފާންގަނޑުގެ ހޫނުން އުދާސްވެފައިވާ މާހައުލުގައި ހުންނަ ހޫނުކަން ފިލުވައިލައެވެ. "ނިމިއްޖެ." އިރުކޮޅަކުން ރަޔާން ގޮވާލައިފިއެވެ. އެއާއެކު ކޮންމެ މީހަކުވެސް ތަށި ހިފައިގެން ގޮސް ތައްޓަށް ފިހެވިފައިވާ ކާއެއްޗެހި އަޅަން ފެށިއެވެ. އަދި ރޮއްޓާ ޕާނާ ހިފައިގެން ގޮސް ހަޓުގައި ހުރި ޖޯލިތަކުގައި އިށީނެވެ. އަފްނާން އިށީނީ މައުވާގެ ކައިރީގައެވެ. ރަޔާންއާއި ޒާޔާއާ ތިބީ އެއްކޮށެވެ. ދެން ތިބީ ލުބާއާއި، ޔޫޝައުއެވެ. އަފްނާންއާ މައުވާއާ ދެމީހުން އެކަކު އަނެކަކާ ސަކަރާތްޖަހާ މަންޒަރު ބަލަން އިން ޔޫޝައުގެ ހިތަށް އުނދަގޫވިއެވެ. އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. ހިތުގެ ޖަޒުބާތުތައް ކިޔަމަންކުރުވާނީވެސް ކިހިނަކުން ހެއްޔެވެ؟ އެހިތަށް އޭނާ ވިސްނައިދޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ބާބިކިއު ގްރިލްއާ ދިމާލަށް ހިނގައިގަތް މަންޒަރާއި އޭނާގެ ނަޒަރު އަފްނާންއާއި މައުވާއަށް ހުއްޓިފައިހުރިކަން ޔޫޝައުގެ ކޮންމެ އަމަލަކަށް ފާރަވެރިވެ ހުރި ލުބާއަށް އެނގުނެވެ. ކީއްވެކަން ނޭނގުނު ނަމަވެސް، ޔޫޝައުގެ އެކަނިވެރިކަމުން އޭނާއަށް ދިޔައީ އުނދަގޫވަމުންނެވެ. ހިތުގައި ޙަންދަރުދީ އުފެދެމުންނެވެ. އޭނާ ވެސް އެބަ އަންނަމޭ ކިޔާފައި ޔޫޝައުގެ ފަހަތުން ދިޔައެވެ. ކުކުކުފަޔެއް ނަގައިގެން، ޔޫޝައު ގޮސް އިށީީނީ އެތަނުގައި ހުރި ގަހެއްގެ ދޮށުގައި ހުރި ބެންޗެއްގައެވެ. "ހޭއި." އޭނާގެ ފަހަތުން ދިޔަ ލުބާ ގޮވައިލިއެވެ. އަދި ޔޫޝައުގެ ކައިރީގައި އިށީނދެލިއެވެ. "ކިހިނެއްވީ އެކަނި ތީނީ؟" ލުބާ ސުވާލުކޮށްލިއެވެ. "ކަމެއް ނުވޭ ހަމަ އިނީ." ޔޫޝައު ކުރު ޖަވާބެއް ދިނެވެ. "އައި ތިންކް އައި ނޯ ކަންނޭނގެ." ރޮށިކޮޅެއް ކުކުޅުކޮޅަކާއެކު އަނގަޔަށްލަމުން ލުބާ ބުނެލިއެވެ. "ތިބުނީ؟" ޔޫޝައުއަށް ސުވާލުކޮށްލެވުނެވެ. "މައުވާއާ އަފްނާންގެ ސަބަބުންނެއްނު ތި އިނީ މިތާ. ނޫންތަ؟" ލުބާ އެހެން ބުނެލުމުން ޔޫޝައުއަށް ހައިރާންކަމާއެކު ބަލައިލެވުނެވެ. އެހުރިހާކަމެއް ލުބާއަށް އެނގެންވީ ކިހިނެއް ހެއްޔެވެ؟ ޔޫޝައުއަށް އެހެން އަހައިވެސް ލެވުނެވެ. "ވަރަށް އޮބްވިއަސްކޮށް ތިއުޅެނީ." ލުބާ ބުނެލިއެވެ. " އައި މީން، ޔޫޝައުއަށް ބަލައިލާފަ ކޮންމެ މީހަކަށްވެސް އެނގޭނެ ކީއްވެގެކަންކަން މިތަނަށް ތިއައީ. އަހަންނަށް ފެނުނޭ ޔޫޝައު އެ ދެމީހުނަށް ބަލަން އިން ގޮތް. އިޓް ވޯޒް… އިޓް ވޯޒް ނޮޓް ޖެލަސީ ކަންނޭނގެ. ޔޫ ވާ…. ޔޫވާރ ސޭޑް… އަސްލު ވީގޮތެއް އަހަންނަކަށް ނޭނގެ. އެކަމަކު އޯލް އައި ނޯ އިޒް ތި ތިން މީހުންގެ ދެމެދު ކަންތައް ގަނޑެއް ހިނގިކަން… ލުކް… އައި ނޯ ޔޫޝައު މައުވާ ދެކެ ލޯބިނުވަންޏާ އެ ދެމީހުން އެކުގަ އުޅޭތަން ބަލަން ފަސޭހައެއް ނުވާނެކަން. އެކަމަކު ލޯބިވާ ދެމީހުން ދުރުވުމަކީ ވާނެކަމެއް ނޫން. އެ މަންޒަރު ބަލައިގެން އަމިއްލަ ހިތް ހަލާކުކޮށްލުމަށްވުރެ މޫވް އޮން ކުރުން ރަނގަޅުވާނީ. ކިތަންމެ ވަރަކަށް މީހަކާ ހެދި އުޅުނަސް އެމީހަކަށް ތަޤުދީރުގަ ލިބެން ނެތް މީހަކު ނުލިބޭނެ. ފަހަރުގައި ވެދާނެެއެއްނު، އަދި ޔޫޝައުއަށްޓަކައި ލިޔެވިފައިވާ އަންހެން ކުއްޖާ ޔޫޝައުގެ ޙަޔާތަށް ނާންނަނީކަމަށް. ނޫނީ… ނޫނީ އަޔަސް، އަދި އެކަން ޔޫޝައުއަށް ރިއަލައިޒް ނުވަނީކަމަށް. " ޔޫޝައު އެއްޗެއް ނުބުނެ އިންދާ ލުބާ އެތަކެއް ވާހަކައެއް ދައްކައިފިއެވެ. ޔޫޝައުއަށް ލުބާއާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ހަޤީގަތުގައި ބުނާނެ އެއްޗެއް އޭނާއަށް ނޭނގުނީއެވެ. ހިތުގައި އުފެދުނު ސުވާލުތަކާއެކު، ކޮންމެވެސް އެއްޗެއް ބުނަން ދޫ ހަރަކާތްކޮށްލި ނަމަވެސް، ލުބާ އިންތަނުން ތެދުވުމާއެކު އޭނާއަށް މަޑުޖެހެވުނެވެ. ޔޫޝައުއަށް ލުބާއަށް ފަރުވާތެރިކަމާއެކު ބަލައިލެވުނީ ދެނެވެ. ލުބާގެ ކޮނޑާ ހަމަޔަށް ކޮށާލެވިފައިވާ ކުދި ބުޅީގެ އިސްތަށިގަނޑު ވަޔާ ނަށަމުން ދިޔައިރު ތުންފަތުގައި ޖައްސާލާފައި ރަތްކުލައާއި ކޮށްފައިވާ މޭކަޕުގެ ސަބަބުން އެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ. ހަންގަނޑުގެ ކުލަ މާ އަލި ނޫނަސް އެއީ ކަޅު ކުއްޖަކަށް ނުކިޔާނެއެވެ. ހިމަތޮޅި ހަށިގަނޑެކެވެ. ލާފައިވާ ޖީންސްއާއި އެކު ލާފައިވާ ހުރި ޕްލެއިން ފެހިކުލައިގެ ހެދުމުގައި އޭނާ ފެންނަނީ ވަރަށްވެސް ހިތްގައިމުކޮށެވެެ. "ދިރިއުޅުމުގައި މާޔޫސްވެ ގޮތް ހުސްވަންޏާ ކުރިއަކަށްނުދާނެ. ތިމާގެ އަމިއްލަ ހިތުގެ ހަމަޖެހުން ހޯދަން މަސައްކަތްކުރަން ހުރި މީހަކީ ހަމައެކަނި ތިބާ. އަމިއްލައަށް މަސައްކަތް ނުކުރާނަމަ އެމީހަކު އަބަދުވެސް ހުންނަން ޖެހޭނީ އެ ހުންނަ ހިސާބެއްގެ. މާޒީގެ ފަސްބައިން ދޫކޮށްލާފަ މަސްތަޤްބަލާ މެދު ވިސްނާ... ނުވިސްނާނަމަ އެއީ މޮޔައެއް." މާނަފުން ޖުމްލައެއް ބުނެލާފައި ލުބާ އެތަނުން ހިނގައިގަތްއިރު ޔޫޝައުއަށް އިނދެވުނީއެވެ. ފަސްއެނބުރުމެއްނެތި ހަޓާ ދިމާލަށް ހިނގަމުން ދިޔަ ލުބާއަށް އޭނާގެ މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. އޭނާގެ ދުލުން އެފަދަ މާނަފުން ޖުމްލަތަކެއް ބޭރުވުން ވެގެން ދިޔައީ ޚުދު އަމިއްލަ މީހާވެސް ހައިރާންވިކަމަކަށެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އޭނާ ދެއްކި ޒާތުގެ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް ޔޫޝައު ފެނުމުން ވީގޮތެއް ނޭނގި ބުނެވުނީއެވެ. އެއްވެސް ވިސްނާލުމެއް ނެތިއެވެ. އެ ވާހަކަތައް ދެއްކިއިރު ނުސީދާކޮށް އެ ބުނެވުނީ އޭނާގެ ވާހަކަބާއޭ ވެސް ލުބާގެ ހިތަށް އަރަމުން ދިޔައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާގެ ހިތުގައި ޔޫޝައުއަށްޓަކައި އެބަ ވިންދެއް ޖަހައެވެ. ނޭނގޭ ގޮތެއް އޭނާގެ ހިތަށް އެބަ ވެޔެވެ. ހީވަނީ އޭނާގެ ގާތުގައި ކޮންމެވެސް ވާހަކައެއް ބުނެދޭން މޭތެރޭގައި އޮތް ހިތުން މަސައްކަތްކުރާހެންނެވެ. އެކަން އޭނާއަށް އިޙްސާސްވީ ދެންމެއެވެ. ފަސްއެނބުރި އެންމެފަހުން ލުބާއަށް ޔޫޝައުއާ ދިމާލަށް ބަލައިލެވިއްޖެއެވެ. އިއްތިފާޤަކުން އެވަގުތުވީ ޔޫޝައުވެސް އިންތަނުން ތެދުވެ، ހިނގައިގަތް ވަގުތެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު އެންމެ ފުރަތަމަ ނަޒަރު ވަކިކޮށްލީ ލުބާއެވެ. އޭރު އޭނާ ހުރީ ކުޑަކޮށް ލަދުވެސް ގަތްފައެވެ. އަވަސްއަވަހަށް ހަޓުގެ ތެރެއަށް ދެމިގަތުމާއެކު، މަސްކާށި ޓްރޭ ބަހައްޓާފައި ހުރި އަށިކައިރިއަށް ގޮސް އޭނާ ހުއްޓުނެވެ. "ކޮބާ ޔޫޝައު؟" ޒާޔާ ސުވާލުކޮށްލިއެވެ. "އެ އަންނަނީ." އަމިއްލަ ހިތް ހަމައަކަށް އަޅުވަމުން ޔޫޝައު ދައްކައިލަމުން ލުބާ ވާހަކަ ދެއްކިއެވެ. ޔޫޝައުއަށް ހަޓަށް ވަނުމަށްފަހު ލުބާގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. އޭނާ ބެލީ މައުވާއާ އަފްނާންއާ ދިމާލަށް ނުބަލާ ވޭތޯއެވެ. "ކިހިނެއްވީ މައު؟ ފަޔަށް ތަދުވަނީތަ؟" އެހެންނަމަވެސް އެ ދިމާލަށް ބަލައިލަން މަޖުބޫރުވީ އަފްނާންގެ އަޑަށެވެ. "ގިނައިރު އެއްގޮތަކަށް ފައި ބައިންދައިގެން އިންނަންވީމަ އައްސިވީ." މައުވާ އޭނާގެ ފައި ކުޑަކޮށް އުފުއްލައިލަމުން ބުނެލިއެވެ. "ވަރަށް ބޮޑަށްތަ؟" އަފްނާންގެ އަޑުން ކަންބޮޑުވުން ފާޅުވިއެވެ. އޭނާ ތަށި ބަހައްޓަމުން އަތް ދޮވެލާފައި މައުވާގެ ފައިގެ ދަށްފުށުގައި ކުޑަކޮށް ޖަހައިލިއެވެ. އިރުކޮޅަކުން މައުވާ އޯކޭ އޭ ބުނެލަމުން އަފްނާންއަށް ޝުކުރު އަދާކުރިއެވެ. އެ މަންޒަރު ބަލަން ހުރި ޔޫޝައުގެ ހިތަށް ލިބުނު ހަަމައެކަނި ފިނިކަމަކީ މައުވާގެ އެ ހިނިތުންވުމެވެ. އަފްނާާން މައުވާއާ ދޭތެރޭ ބަހައްޓަމުންދާ އޯގާތެރިކަމުގެ ސަބަބުން އޭނާ އަމިއްލަ ލޯބި ޤުރުބާންކޮށްފައި މައުވާ ހަވާލުއެކުރީ މައުވާއަށްޓަކައި އޯގާތެރިވާނެ އަތެއްގެ މައްޗައްކަން ޔޫޝަައުއަށް އެހިނދު ޔަޤީންވެގެން ދިޔައެވެ. މައުވާގެ އުފާތަކަށް އިސްކަން ދީ މައުވާއަށްޓަކައި އޭނާ އެ ލޯބި ޤުރުބާންކުރީ ހަމައެކަނި މައުވާގެ އުފަލަށްޓަކައެވެ. އެހެން ނޫނީ ދުވަހަކުވެސް އޭނާ މައުވާ ބީވެގެން ދިޔަޔަކަ ނުދިނީސްއެވެ. އަފްނާން ކިތަންމެ ލޯބިވިއެއްކަމަކު އޭނާ މައުވާ އަފްނާންގެ އަތް ދަށަށް ދޫކޮށެއް ނުލީހެވެ. "ޔޫ އާރ ވެރީ ސްޓްރޯންގް. އެކަން އިނގޭތަ؟" ލުބާ ޔޫޝައުގެ ކޮނޑުގައި ކުޑަކޮށް އޭނާގެ ކޮނޑުން ކޮއްޓައިލިއެވެ. އަފްނާންއާއި މައުވާއަށް ބަލަހައްޓައިގެން އެ ދެމީންގެ ހަރަކާތްތަކަށް ގެއްލިފައި ހުރި ޔޫޝައަށް ހަމަހޭވެރިކަންވީ ދެނެވެ. "ލޯބި ޤުރުބާންކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ވާނެކަމެއް ނޫން. އެއީ ވަރަށް ހިތްވަރު ގަދަ މީހުންގެ ސިފައެއް." ލުބާއަށް މިފަހަރުވެސް ވީ ގޮތެއް ނޭނގުނެވެ. ޔޫޝައުގެ މާޔޫސްކަން އޭނާއަށް ފާހަވުމާއެކު އެއްޗެއް ނުބުނެ ނުހުރެވެނީއެވެ. ލަދުގަނެ ހިމޭންވަނީ ފަހުންނެވެ. ޔޫޝައު އޭނާއަށް ބަލައިލުމާއެކު ލުބާ ތުންފަތުގައި ދަތް އަޅައިލިއެވެ. އަދި މަސްކާށި ޓްރޭއިން އެއްޗެހި ނަގާ ތައްޓަށް އަޅަން ފެށިއެވެ. ބާބިކިއު ނިންމާލާފައި އެންމެންވެސް ތަން ސާފުކޮށްފައި ހަމަޖެހިލިއިރު، އިރުއޮއްސި ބަންގިގޮވަނީއެވެ. ޔޫޝައު އޭނާގެ ސައިކަލަށް އަރާ، އިށީނީ މައުވާއާއި އަފްނާންއާ ދެމީހުންވެސް ކާރަށް އެރުމުންނެވެ. ޒާޔާއާއި ރަޔާންއާ ދެމީހުންވެސް އައީ ސައިކަލުގައެވެ. ބާކީ ހުރީ ލުބާއެވެ. އޭނާ އައީ ޓެކްސީއެއްގައެވެ. މައުވާއާއި އަފްނާންއާ ދެމީހުން އެމީހުންނާއެކު ލުބާ އަޔަސް އެންމެ ރަނގަޅުކަމަށް ބުނެލިއެވެ. އެހެންނަމަވެސް ޔޫޝައުއަށް ބަލައިލުމަށްފަހު ޒާޔާ އޭނާގެ ޚިޔާލެއް ފާޅުކޮށްލިއެވެ. "ޔޫޝައު އަތުގެ އެކްސްޓްރާ ހެލްމެޓެއް އޮތިއްޔާ، ލުބާއަށް ދެވިދާނެއެއްނު." ޒާޔާ ބުނެލިއެވެ. އެއާއެކު ޔޫޝައުއާ ލުބާއާ ދެމީހުން އެކަކު އަނެކަކަށް ބަލައިލިއެވެ. ޔޫޝައުވެސް އޭނާގެ ސައިކަލު މަޑި ދަށުގައި ހެލްމެޓެއް އޮތް ވާހަކަ ބުނެލިއެވެ. އެއީ ރޭގައި އޭނާ ބޭބެއާއެކު ހުޅުމާލެ އައިއިރު ބޭބެ އެޅި ހެލްމެޓެވެ. ފަހުން ނަގަން ހަނދާންނެތުނީއެވެ. "އޯކޭވާނެ ދޯ ޔޫޝައު." ޒާޔާ ބުނެލިއެވެ. "ދެ ލަވް ބާރޑްސްގެ ދެމެދު ތާރޑް ވީލްއަކަށް ވެގެން އިންނަންވީމަ ލުބާ ކިހާ އަންކޮމްފޮޓަބަލް ވާނެ.. އޯކޭ ދޯ ލުބާ؟" ލުބާ ބޯ ޖަހައިލިއެވެ. އަދި ގޮސް ޔޫޝައުގެ ކައިރީގައި ހުއްޓުނެވެ. ސައިކަލު މަތިން ފައިބާ، މަޑި ދަށުގައި އޮތް ހެލްމެޓް ނަގާ ލުބާއަށް ދިއްކޮށްލިއެވެ. ލުބާވެސް އޭގައި ހިފަމުން ފަހަރަކު މީހަކަށް ބަލައިލިއެވެ. އެންމެންވެސް މާލެ ދިޔުމަށްޓަކައި ނައްޓައިލީ އެކުއެކީގައި ވާހަކަ ދައްކަމުން ނަމަވެސް ހައިވޭއަށް އެރުމާއެކު އެ ފުރުސަތު ގެއްލުނެވެ. ސައިކަލު ދުއްވަމުން ދިޔަ ޔޫޝައުގެ ފަހަތުގައި ލުބާ އިންއިރު އޭނާގެ ހިތުގައި ތަފާތު ޝުޢޫރުތައް ދައުރުވަމުން ދިޔައެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ