މަޖިލީހުގެ ދައުރަށް ބަދަލު ގެނައުމަށް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދައުރުތަކަށް ބަދަލު ގެނައުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލު ގެނައުމަށް ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. އެ އިސްލާހު ދިރާސާ ކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ.
މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި އަހަރުގެ ތެރޭގައި މަޖިލީހުގެ ތިން ދައުރު ބެހިގެންވާގޮތް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށްދާނީ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ކަމަށާއި 2 ވަނަ ދައުރު އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އަދި އަހަރުގެ 3 ވަނަ ދައުރު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް އިޞްލާހުގައިވެއެވެ.
އެ އިސްލާހުގައި މެންބަރު ރިފާޢު ފާހަގަކުރައްވާފައިވާ ގޮތުގައި ފުރަތަމަ ދައުރު ޖެނުއަރީގެ ނިޔަލަށް ހިނގާނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް މިއަހަރުގެ މިހާރު ހިނގަމުންދާ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ. މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލަން އިސްލާހެއް ހުށަހަޅުއްވާފައިވާއިރު އަންނަ މާރިޗު މަސް ދިމާވަނީ ރަމަޟާން މަހާއެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މެއި 15 ގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު ޖޫން 1 އިން އޮގަސްޓު 15 ގެ ނިޔަލަށް ކުރިއަށްދާއިރު 3 ވަނަ ދައުރު ކުރިއަށްދާނީ އޮކްޓޯބަރު އެކަކުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މި އިސްލާހު ފާސްކޮށްފައިވަނީ އިސްލާހު ދިރާސާކުރުމަށް ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބަދަލުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތަކަށް ބަދަލެއް ނާންނާނެ ކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.
މި އިސްލާހު ފާސްވާނީ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އިސްލާހު ފާސްވެއްޖެނަމަ 2029 ވަނަ އަހަރާ ހަމައަށް އިތުރު އިސްލާހެއް ގެންނަން ނުޖެހޭނެ ކަމަށް މަޖިލީހުގެ ސެކްރެޓޭރިއެޓުން ދިރާސާކުރުމަށްފަހު އަންގާފައިވާކަމަށް އާންމު ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ