ގައިދީއަކު ގައިދުކުރުމަކީ އަސާސީ ހައްގުތަކުން އޭނާ މަހުރޫމްވާ ކަމެއް ނޫން: ސީޕީ

ގައިދީއަކު ގައިދުކުރުމަކީ، އަސާސީ ހައްގުތަކުން އޭނާ މަހުރޫމްވުމެއް ނޫން ކަމަށާއި، އެ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުން އަތުކުރި އޮޅާލައިގެން ތިއްބެވިކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް (ސީޕީ) ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ސީޕީ މިހެން ވިދާޅުވީ ރޭ މާފުށީ ޖަލުގައި ބޭއްވި ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 12ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިއީ އެމްސީއެސްގެ ޚިދުމަތާ އަލަށް ގުޅޭ ކޮންމެ ޕްރިޒަން އޮފިސަރެއް ވެސް ފުރިހަމަ ކުރުން ލާޒިމްވެގެންވާ އަސާސީ ތަމްރީން ޕްރޮގްރާމްގެ 30 ވަނަ ބެޗެވެ. އެމްސީއެސްގެ ޓްރެއިނިން ފުރިހަމަ ކުރީ 33 ދަރިވަރުން -- ފޮޓޯ/ ކަރެކްޝަންސް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީވަނީ، ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫންކަން ފާހަގަކުރައްވައިފައެވެ. އަދި ގައިދީއަކު ގައިދުކުރުމަކީ، އަސާސީ ހައްގުތަކުން އެ މީހަކު މަހްރުމްވުން ނޫން ކަމަށާއި، އެ ހައްގުތައް ފޯރުކޮށްދިނުމުގައި ޕްރިޒަން އޮފިސަރުން އަތުކުރި އޮޅާލައިގެން ތިއްބެވި ކަމަށް ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ ޖަލުތަކުގައި މަސައްކަތްކުރައްވާ 500 އެއްހާ އޮފިސަރުންނަކީ 24 ގަޑިއިރު ތެރޭގައި އެ މަސައްކަތުގައި މުރާލިކަމާއެކު، އެއްވެސް ފަސްޖެހުމެއް ނެތި ދެމިތިބޭ ޤައުމީ ބަތަލުން ކަމަށެވެ. އަލަށް ގުޅުނު އޮފިސަރުންނަށް ނަސޭހަތް ދެއްވަމުން ސީޕީ ވިދާޅުވީ ރިޝްވަތާއި ދިއްކޮށްލާ ލާރިކޮޅާއި ނޫނީ އާއިލީ ގުޅުމެއްގެ ތެރެއިން ވެސް ޖަލުގެ ގޮޅިތަކުގެ ތެރެއަށް ވައްދަން މަނާތަކެތި ވެއްދުމުގެ ފުރުސަތު އެއްވެސްވަރަކަށް ނުދިނުމަށެވެ. ކަސްޓޯޑިއަލް މެނޭޖްމެންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 12ވަނަ ބެޗުގެ ދަސްވެނިވުން -- ފޮޓޯ/ ކަރެކްޝަންސް އެ އޮފިސަރުން އުފުއްލަންޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރެއިން، މާލީ މަންފާތަކާއި އިލީގަލް މަންފާތައް ނެގުމަށް ފުރުސަތު އޮންނާނެކަން ފާހަގަ ކުރައްވައި ސީޕީ ނަސޭހަތްތެރިވެ ވަޑައިގަތީ ރަހުމަތްތެރިންގެ ތެރޭގައި ވެސް ނުރަނގަޅު މީހުން އުޅޭނަމަ އެ މީހުންނަށް ނޫނެކޭ ބުނުމަށެވެ. އަދި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްގެން ނޫނީ ނަތީޖާއެއް ނުނެރެވޭނެ ކަމަށް ވިދާޅުވިއެވެ. މުޅިއެކު 15 ހަފުތާއަށް ކުރިއަށްދިޔަ މި ޕްރޮގްރާމްގެ މި ބެޗުގައި އެމްސީއެސްގެ ވަޒީފާއާ އަލަށް ގުޅުނު 39 ޓްރެއިނީން ބައިވެރިވެފައިވާއިރު، އެކި ސަބަބުތަކާ ހުރެ ޓްރޭނިން ފުރިހަމަކޮށްފައިވަނީ 33 އޮފިސަރުންނެވެ. ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 12 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ކަރެކްޝަންސް މި ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާއެވެ. މިނިސްޓަރުގެ އިތުރުން ސީޕީ ހަސަން ޒަރީރާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއާއި، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިއާ މުވައްޒަފުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ