މިޙަޤީޤަތްތައް ޤަބޫލުކޮށްފި މީހަކަށް ފާފަކުރަން ބިރުވެތިވެވޭނެ! ހުއްޓައިވެސް ލެވޭނެ! އިން ޝާ ﷲ: ޝައިޚް މުޢްތަސިމް އަލް ޙަމީދި

ތިރީގައި އެވަނީ ފާފަކުރެވުން ހުއްޓައިނުލެވިގެން ކަންބޮޑުވާ މީހުންނަށް އެކަމަށް މަގުފަހިވާނެ ދަރުސެކެވެ. ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ
ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމަށްޓަކައި ކޮންމެ މީހަކުވެސް ﷲ ތަޢާލާގެ ކުރިފުޅު މައްޗަށް ހާޒިރުކުރެވޭނީ އެމީހަކު އެކަންޏެވެ. ސުވާލު ކުރައްވަވާނީ އެމީހަކާއިއެވެ. ޖަވާބުދޭން ޖެހޭނީ އެމީހެކެވެ. އެހެން އެއްވެސް މީހެއްގެ އެއްވެސް މިންވަރެއްގެ ބައިވެރިވުމެއް އެދުވަހަކު ނުއޮންނާނެއެވެ.
އެދުވަހު ތިބާގެ ޙާލު ތިބާއަށް އެނގޭ ހެއްޔެވެ؟ ތިބާގެ ލޯބިވާ މަންމަ ތިބާ އާއި ބައްދަލުކުރާނެއެވެ. ބަލިވެއިނީންސުރެ ވިހައި ގެންގުޅެ ބޮޑުކުރުމަށް އުފުލި ތަކްލީފްތައް ކިޔައިދީ ހަނދާންކޮށްދިނުމަށްފަހު ތިބާގެ ކިބައިން ހަމަ އެންމެ ހެޔޮ ކަމަކަށް އެދޭނެއެވެ. މަންމަ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށް ހަމަ އެންމެ ހެޔޮ ކަމެއް މަދުވެގެންނެވެ. މަންމަ އެދެއްކި ހުރިހާ ވާހަކައަކީ ތެދު ހަޤީޤަތްކަން އެނގިހުރެމެ އަދި ތިބާ ހަމަ އެންމެ ހެޔޮ ކަމެއް މަންމައަށް ނުދިނުމުން އެ ލޯބިވާ މަންމައަށް ދާންޖެހޭނީ ނަރަކައަށްކަން ރަނގަޅަށް އެނގިހުރެމެ ވެސް ތިބާގެ މަންމަ އެދުނު ފަދައިން އެންމެ ހެޔކަމެއްވެސް ނުދޭނެއެވެ. ތިބާއަށް އެންމެ ހެޔޮކަމެއް މަދުވެ ނަރަކައަށް ދާންޖެހިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ބިރުވެތިވާންވީ އެދުވަހުގެ އެހާލަތަށެވެ.
"ބަލަ މިހިރަ ބޮޑު މޮޔައާއެވެ! ކިތަންމެ ގާތް މީހަކު ބުނެގެން ނަމަވެސް، ކިތަންމެ ވަރުގަދަ ސިޔާސީ ލީޑަރަކު ބުނެގެން ނަމަވެސް ދުނިޔޭގެ އެންމެ ނުފޫޒުގަދަ، ބާރުގަދަ މީހާ ބުނެގެން ނަމަވެސް އެމީހުން ބުނާހައ ކަމެއް ތިއަ ކުރަނީ ތިބާގެ މަންމަ ނަރަކައިން ސަލާމަތްކުރަން ތިބާ އެންމެ ހެޔޮކަމެއް ނުދޭނެ ދުވަހު އެމީހުންގެ (އެމީހަކު ބުނެގެން ތިބާ ފާފަކުރި މީހާގެ) ކިބައިން ތިބާއަށް ކޮން ފައިދާއެއް ކުރާނެ ކަމަށް އުންމީދުކޮށްގެން ހެއްޔެވެ؟"
ﷲ ތަޢާލާ މަލާއިކަތުންނަށް ނުދެއްވަވާ މަތިވެރި ދަރަޖަ އިންސާނުންނަށާއި ޖިންނީންނަށް ވަނީ ދެއްވަވައިފައެވެ. އެއީ އެމީހަކު ބޭނުންމަގެއް އިޚްތިޔާރުކުރުމުގެ މަތިވެރި ނިޢްމަތެވެ. އެހެންކަމަށްވީއިރުވެސް އެ ނިޢްމަތުގެ މުހިންމު ކަމާއި މަތިވެރި ކަމާއިމެދު މީސްތަކުން މިއަދު މިވަނީ ޣާފިލުވެފައެވެ.
ތިމާ ބޭނުންވާ ގޮތް ކަނޑައަޅަނީ އަމިއްލައަކަށް ނޫނެވެ. ރައްޓެހިންނާއި ސިޔާސީ މީހުންނާއި ނުފޫޒު ގަދަ މީހުން ލައްވައެވެ. ދުނިޔޭގައި އުޅެމުން ގެންދަނީ ތިމާ ބޭނުންވާ ގޮތަކަށް ނޫނެވެ. އެމީހުން ބޭނުންވާ ގޮތަށެވެ. ބަސްބުނެ އަމަލުތައް ތިއަ ކުރަނީ އެމީހުން ބޭނުންވާ ގޮތަށެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! ފަށަމުން ބުނި ފަދައިން ޤިޔާމަތް ދުވަހު ތިބާގެ ހިސާބު ބައްލަވާ ވަގުތު އެއިން އެއްވެސް މީހެއްގެ އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ލިބޭނެކަމަށް ޤަބޫލުކުރެވެނީ ހެއްޔެވެ؟ ތިބާ ތިބާގެ މަންމަ ނަރަކައިން ސަލާމަތްކުރަން ނުދިން ހެޔޮކަން އެއިން މީހަކު ތިބާއަށް ދޭނެ ކަމަށް ވިސްނެނީ ނަމަ ތިބާއަށްވުރެ ބޮޑު މޮޔައަކީ ކާކު ހެއްޔެވެ؟
ކިތަންމެ ގާތް މީހަކު ބުނެގެން ނަމަވެސް، ކިތަންމެ ވަރުގަދަ ސިޔާސީ މީހަކު ބުނެގެން ނަމަވެސް ދުނިޔޭގެ އެންމެ ނުފޫޒުގަދަ، ބާރުގަދަ މީހާ ބުނެގެން ނަމަވެސް ތިބާ ކުރި ކޮންމެ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ހަމަ ތިބާއަށެވެ. އެކަން ކުރީ އެވެނި މީހާ، މިވެނި މީހާ ބުނެގެން ކަމަށް ބުނެ ދެއްކޭނެ އެއްވެސް ބަހަނާއެއް ޤިޔާމަތް ދުވަހު ނުއޮންނާނެކަން ކީރިތި ޤްރްއާނުން ވަރަށް ސާފުކޮށް އެނގެން އޮތް އިރުވެސް ހަމަ ބިރު ނުގަންނަނީ ހެއްޔެވެ؟
ރަނގަޅަށް ވިސްނައިލާށެވެ! ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަމެއް ކުރުމަށް ތިބާގެ ކުރިމަތީގައި ފައިސާ ފުނިފުންޏަށްވެސް ޖަހައިފާނެއެވެ. ނުވަތަ އެފަދަ ކަމެއް ކުރުމުން ކިތަންމެ މަތީ މަޤާމެއް ދޭން ވެސް ހުށަހަޅައިފާނެއެވެ. އެފަދަ ހާލަތުގައި ތިބާގެ ފަރާތުން ގޮތް ނިންމަން ކުރިމަތީގައި ހުރި ފައިސާ ފުންޏަށް ނުވަތަ ލިބެން އޮތް މަޤާމަށް ފުރުޞަތު ދޫކޮށް ނުލާށެވެ. ގޮތް ނިންމާ ފަރާތަކީ ތިބާ ކަމުގައި ހަދާށެވެ. ގޮތް ނިންމުމުގައި ﷲ ތައާލާއަށް ބިރުވެތިވާށެވެ! ތިބާގެ އެފަދަ ކަންކަމުގައި ގޮތް ނިންމުމުގެ އިޚްތިޔާރު ﷲ ތަޢާލާއަށް ދެއްވެވި ސަބަބަށް ވިސްނައި ބިރުވެތިވާށެވެ!
ރަނގަޅަށް ކަނުލައި އަޑުއަހާށެވެ! ތިބާއަށް ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރުގެ ބޭނުން ހިފައި ތިބާ ކުރި ހުރިހާ އަމަލުތައް ތިބާގެ ކުރިމަތީގައި ފުނި ފުންޏަށް ޖެހޭނެއެވެ. ނަމާދު ވަގުތު ޖެހުމުން ނަމާދު ނުކޮށް ކުރި ކަންތައްތައްވެސް މެއެވެ. އެފަދަ ހުރިހާ ކަމެއްވެސް މެއެވެ. އެދުވަހު އެކަންކަމުގެ ކުރިމަތީގައި ހުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ކީކޭ ހެއްޔެވެ؟ ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟
މިކަންކަމަކީ ހަމަ ކޮންމެ މީހަކުވެސް ފުންކޮށް ވިސްނައި ބިރުވެތިވާންޖެހިފައިވާ ކަންކަމެކެވެ. އެހެންކަމުން ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރުގެ ބޭނުން ހިފަންވީ މިއަދަށް ބަލައިގެނެއް ނޫނެވެ. ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނެ ޙާލަށް ބަލައިގެންނެވެ.
--ޝައިޚް މުޢްތަސިމް އަލް ޙަމީދިގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ