ރައިސިނާ ޑައިލޮގުގައި ބައިވެރިވާން މިނިސްޓަރު ހަލީލު އިންޑިއާއަށް

ރައިސިން ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު ދިއްލީއިން ހަލީލަށް މަރުހަބާ ދެންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.
ތަފްސީލު - މިއަދު ހަވީރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާހު ކުރައްވާ ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ހަލީލު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރައިސިނާ ޑައިލޮގަކީ ބައިނަލްއަގްވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އެކި ގައުމުތަކުގެ ބައިވެރިވުމާ އެކު 2016އިން ފެށިގެން އަހަރަކު އެއް ފަހަރު އިންޑިއާގެ ދިއްލީގައި ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
މިއަހަރުގެ ރައިސިނާގެ ޗީފް ގެސްޓްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން އެވެ.
މިއަހަރުގެ ޑައިލޮގުގެ ތެރެއިން 'ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިސް ގެސްޕިންގް'ގެ ޕެނަލް ޑިސްކަޝަންގައި ހަލީލު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެ ޕެނަލް ޑިސްކަޝަންގައި ހަލީލު އަލިއަޅުވާލައްވާނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކަށް ފައިނޭންސިން ހަރުދަނާ ކުރުމުގެ މުހިންމު ކަމަށެވެ.
ހަލީލުގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ އިތުރުން ރައިސިނާ ޑައިލޮގްއަށް ވަޑައިގަންނަވާ އެހެނިހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިސްވެރިންނާ ވެސް ބައްދަލުކުރައްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ