އަޅުގަނޑަށް މިކިޔައިދެވެނީ ވަރަށް ލަދުވެތި ވާހަކައެކެވެ. މިކިޔައިދެނީވެސް ލަދުވެތިކަމާއިއެކުގައެވެ. އެހެންކަމާއިއެކުވެސް މިކިޔައިދެނީއެވެ.
މައިންބަފައިން ނިޔާވިއިރު އަޅުގަނޑަށް 24 އަހަރެވެ. ހަގު އަންހެން ކޮއްކޮއަށް 20 އަހަރެވެ. ކޮލެޖަށް ފޮނުވައި ކިޔަވައިދީ މަންމައާއި ބައްޕަގެ ޒިންމާ އުފުލީ އަޅުގަނޑެވެ. ވަޒީފާއަދާކުރަމުން ޕޭޖެއް ހަދައިގެން ވިޔަފާރިކުރަން ފެށީމެވެ. އެވިޔަފާރި ފުޅައުވެ ފިހާރައެއްވެސް ހުޅުވީމެވެ. ކައިވެނިކުރީ ރަނގަޅު އާމްދަނީއެއް ލިބެންފެށިފަހުންނެވެ.
ކޮއްކޮ ކިޔަވައިނިމިގެން އެދުނީމަ ފިހާރައިން ވަޒީފާދިނީމެވެ. ފިރިމީހާވެސް ބޭނުންވީ ފިހާރައިގައި އަޅުގަނޑާއިއެކު މަސައްކަތްކުރާށެވެ. އެހެންވެ 3 މީހުންވެސް މަސައްކަތްކުރީ ފިހާރައިގައެވެ.
ޒަވާޖީ ހަޔާތް ބޮމެއް ފަދައިން ގޮވީ ވިޔްފާރިދަތުރެއް ނިންމާފައި އައިރެއަކު އެއާޕޯޓުން ގެއަށް ގޮސް ކޮޓަރިއަށް ވަނުމެވެ. 10 ޖެހިއިރެވެ. ފިހާރައިގައި އެންމެ ބުރަގަޑިއެވެ. ކޮއްކޮއާއި ފިރިމީހާ ތިބީ އެނދުގައި އެތިބަ ގޮތަކަށް ނިދާފައެވެ. ހޭލެވުނީ ކޮޓަރިއަށް ވަދެ ފޮށި ބެހެއްޓި އަޑަށެވެ.
ގަތްލަދުން އަނގައަކުން ނުބުނަމެވެ. ކޮއްކޮ ބާރުބާރަށް ނުކުމެގެން ދިއައީއެވެ. ފިރިމީހާ ނިދާކަމަށް ހަދައިގެން އޮތީއެވެ. އަޅައެއް ނުލަމެވެ. ކޮޓަރިން ނުކުމެ ސޯފާގައި ނިދައިލީއެވެ.
ހެނދުނު ސައިބޯން ތިބެގެން ބުނީމެވެ. ކޮއްކޮގެވެސް ގެއެވެ. ގޭގައި އުޅޭށެވެ. އެކަމަކު ދެމީހުންކުރެ އެކަކުވެސް ފިހާރައަށްދާނެ ކަމެއް ނެތެވެ. އަދި ފިރިމީހާ ސައިބޮއިގެން ގެއިން ނުކުމެގެންދާށެވެ. ލޭހޫނުކުރަން އެކަކުވެސް އިތުރަށް ވާހަކަދައްކަން ނުހަދާށެވެ.
އެއީ ފުރަތަމަ ކައިވެނި ނިމުނު ގޮތެވެ. ވަރިވެ 3 މަސްވީތަނުން ދެވަނަ ކައިވެނިކުރީމެވެ. ކައިވެނިކުރީ ފިހާރައިގައި ގެންގުޅުނު މުވައްޒިފަކާއިއެވެ. އެންމެ ސަބަބަކަށްޓަކައެވެ. ހިތްދަތިކަމުގައި ހުރި ދުވަސްކޮޅު އަހުރެންނަށް ހިތްވަރުދިނީތީއެވެ. އަހުރެންގެ އަގުވަޒަންކުރީތީއެވެ. ކައިވެނިކުރީ ލޯބިވެގެން އުޅެފައެއްވެސް ނޫނެވެ. އަހުރެންގެ ހުށަހެޅުން އޭނާ ޤަބޫލުކުރުމުން ކައިވެނިކުރީއެވެ.
ކައިވެންޏަށް މިހާރު 7 އަހަރުވީއެވެ. ކުރިއާއި އޮތް އެންމެ ބޮޑު ތަފާތަކީ އަހުރެންނަށްވުރެ ބޮޑަށް ފިރިމީހާ އަހުރެންނަށް ލޯބިދޭކަމެވެ. އަޅައިލާކަމެވެ. އަހުރެންގެ ޚިދުމަތުގައި އަބަދުވެސް ހުންނަ ކަމެވެ.
އަޅުގަނޑު ކޮއްކޮއަށް އެއްވެސް ބަހެއް ނުބުނަމެވެ. އެކަން އޭނާއަށްވީ ވަރަށް ބޮޑު ކަމަކަށެވެ. ކުރި ކުށުގެ އެއްވެސް ވާހަކައެއް ނުދެއްކީތީއެވެ. ނުދެއްކީ ރުޅިއައިސްގެން ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް ކުރިކަމެއް ނުކުރާ ކަމަކަށް ނުހެދޭނެތީއެވެ. އެކަމަށް ކެތް ނުކުރެވިގެން ކޮއްކޮ މިހާރުވަނީ ރަށެއްގެ މީހަކާ ކައިވެނިކޮށްގެން ރަށަށް ބަދަލުވެފައެވެ. ގޯތިން އޭނާއަށްވާބައިވަނީ އަޅުގަނޑަށް ވިއްކާލައިފައެވެ. ދެބެއިންގެ މެދުގައި އޮންނަން ޖެހޭ އެއްބަނޑުއެއްބަފާކަމުގެ ގުޅުން މިހާރުވެސް އެބައޮތެވެ. އެކަމަކަށް އެއްވެސް ބަދަލެއް ނުގެންނަމެވެ. ރަށުން ގޯއްޗެއްގަނެ ގެސްތަހައުސްއެއް އަޅަން މަދުވި ފައިސާވެސް ހަދިޔާކުރީ އުފަލުންނެވެ. މަންމަޢާއި ބައްޕައަށްޓަކައެވެ.
މިފަދަ ކަމެއް މެދުވެރިވުމުން އަޅުގަނޑަށް ކަންކަން ކުރެވުނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ކަނޑައަޅުއްވާނީ ކިޔުންތެރިންނެވެ.
- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: ނަމޫނާ ދައްތައެއްގެ ވާހަކަ- ހުރިހާކަމެއްކޮށްދީގެން ގެންގުޅުނު ކޮއްކޮ، ފިރިމިހާއާ ގުޅުން ހިންގާ ހިސާބަށް ދިއުމުން އިތުބާރުކުރެވެން އޮތީ ކާކަށްތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ